ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ރޭ ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން 19 މީހަކު ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 11:00 ހާއިރު އެވެ.
އޭގެ ތެރޭގައި ހިމެނެނީ، ތިން އަންހެނުންނާއި 16 ފިރިހެނުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން 17 މީހުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި ދެ މީހުންގެ ހާލު ރަނގަޅުވުމުން މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނާ ވިހަވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ކާނާ ވިހަވީ ކޯއްޗަކުން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި މިހާރު ބައިތިއްބަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖެ އިން ފޮނުވާލާ މީހުންނެވެ.