ހޯމް މިނިސްޓަރު އަލީ އިހުސާން: ޒަކިއްޔާގެ ޕޯސްޓްމޯޓަމް ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ފެބުރުއަރީ 2025 - 23:54
މީގެ ހަ މަސް ދުވަސްކުރިން ޒަހަމްތަކަކާ އެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުކީ ގޯސް ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވާލައި މިފަހުން އެރަށުގައި ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިހުސާނާއި ފުލުހުންގެ އިސްވެރިން ވަނީ ހޮޅުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދީ މަރުގެ ބައެއް މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދާއިރު ހަށިގަނޑުގެ ބޭރު ފުށުން ވެސް ގިނަ ޒަހަމްތަކެއް ފެންނަން އޮތް ޒަކިއްޔާގެ ޕޯސްޓްމޯޓަމެއް ނުހެދީ ކީއްވެތޯ އެވެ.
އެ މައްސަލާގައި އިހުސާން ވިދާޅުވީ މީގެ ކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. އެކަމަކު އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިބޭފުޅުން އާދައިގެ ޕެތަލޮޖިސްޓެއް ކަމަށް، އެހެން ނަމަވެސް އެއީ މީގެ ކުރިން އެތައް އޮޓޮޕްސީއެއް ހަދާފައިވާ ރާއްޖޭގައި އެވަގުތު އެވައިލަބަލްކޮށް އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އޭރު އޮޓޯޕްސީ ނުހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމަށް."
"ގަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ،" އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިހުސާން ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮތް ދުވަހުގެ ރޭ، އޭނާގެ ހަށިގަނޑު މާލެ ގެނަ އެވެ. އެކަމަކު ތަހުލީލުތަކެއް ކުރުމަށް ފަހު އަނބުރާ ހަށިގަނޑު ފޮނުވާލީ ރަށަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބައެއް އިހުމާލުތައް ވެސް ހުރިކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އިހުސާން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެރަށަށް ވަޑައިގެންނެވުނީ މާލަހުން ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޒަކިއްޔާގެ މަރަށް ފަހު، އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ނަފްސާނީ ބިރުވެރިކަމެއް ރަށު ތެރޭގައި އެބަ އޮތް ކަމަށް އެ ބައްދަލުވުމުގައި ބައެއް މީހުން ބުންޏެވެ.
އެހެންވެ، އިހުސާން ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ނަފްސާނީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބޭރުގެ އެހީ ވެސް ހޯދައިގެން ތަހުގީގުކުރަމުން އަންނަ އެ މަރުގެ މައްސަލާގައި ލިބެންޖެހޭ ރިޕޯޓެއް އަދި ނުލިބޭ ކަމަށާއި އެ ރިޕޯޓު ލިބުމުންނާއި ރަށުގެ ރައްޔިތުންގެ ވާހަކަތައް އަޑު އައިގެން މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެން މައްސަލަ ބަލަން އުޅެގެން މުހިއްމު ކަންތައްތަކެއް އުނިވެދާނެ އެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ތަސައްލީއެއް ލިބޭވަރުގެ ތަހުގީގެއް އަޅުގަނޑުމެން ނިންމާލާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ. އިހުސާން ވަނީ ތަހުގީގީ އިދާރާތަކަށް އެެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ރަށުގެ މީހުން، އޭނާގެ ފިރިމީހާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް ފިރިމީހާގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒީރު އިސްތިއުފާ
28 February 2025
ފުލުހުންނާއި ހަވާލުވެ ހުރެ އަމިއްލް ނަފްސައް މަލާމާތްކުރުން
ކަންމަތީ ބްރޯ
26 February 2025
އިހުސާނުގެ އިހުސާންތެރި ކަމެއްހުރި ނަމަ އިސްތިއުފާ ދޭންޖެހޭ. އިހުމާލަކީ އަނިޔާއެއް އަދި ކުއްވެރިންނަށް ކުއްކުރުމަށް ދެވޭ ހިއްވަރެއް. ޖަރީމާއަކަށް ފަހު ޖަރީމާއެއް ހިންގުމަށް ފަހު ފުރަތަމަ އެކަން ދޮގުކޮށް ރައްޔިތުން ހޭރި ގަތީމަ އެކަމަށް އެއްބަސްވުމުން އަދި ނުނިމޭ.
ތަމެން ތަ
26 February 2025
މިކަހަލަ ކަންކަން ޝަރުއީ ނިޒާމުގެ ތެރެއަށް ގޮސް ހަގީގަތް ފާޅުވެ، ގޯސް ހެދި ދައުލަތުގެ އިދާރާތައް ބަލާނެތީ ސުޕްރީމް ކޯޓު ބެންޗު ބަދަލު ކޮއް ސުޕްރީމް ކޯޓު އެ ހައިޖެކު ކުރީ. އެ ބިލް މަޖުލުހަށް ލީވެސް ތި ހޮޅުދޫ މަޖްލިސް މެންބަރު. ތާހިރުދޯ ވަރަށް؟
ޕެތޮލޮޖީ
26 February 2025
ސެޕްޓެމްބަރުގަ ވީ ކަމެއް ތަހުގީގު ނުކޮށް މިހުރިހާ ދުވަހު. ރައްޔިތުން ބޮލަށް އެރީމަ ދެން އައިސް އޭތި މީތި ކިޔަން. ބަލަ ބޭރު ގައުމުތަކުން ފުލުހުން ހަދާ ޓްރަެނިންގް ގެ ބޭނުމެއް ނެތް ދޯ ރަށަކުން މީހެއް މަރުވާއިރަށް ބޭރުގެ އެހީ ހޯދަން ޖެހެންޔާ؟
ބޮޑުބެގެ ބެއްޔާ
26 February 2025
މީހެއްގެ މަރުގެ މައްސަލާގައި އިހުމާލު ވުމަކީ އަމިއްލައަށްވެސް އިސްތިއުފާ ދޭންޖެހޭވަރުގެ ކަމެއް.
އަންދަލޫސިޔާ
26 February 2025
ދެން އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނީ ޢަލީ ސުޖާޢުތޯ ނޫނީ މަނިކުފާނުތޯ؟
ގޮއްޔެ
26 February 2025
ކަތިލާފައި އޮއްވާ ފެނުނު ޒަކިއްޔާގެ ޕޯސްޓްމޯޓަމް މުހިއްމެއްނުވި. ނަމަވެސް ޖެހިގެންއައިދުވަހު ކުޅުދުއްފުށީގައި ޑްރަގް ބޭނުންކުރި ޒުވާނަކު މޫދުގައި މަރުވެފައިއޮއްވާ ފެނުމުން އޭނާ އިންޑިޔާއަށް ގެންގޮސް ޕޯސްޓްމޯޓަމްހެދި. ހަމައެކަނި މިކަމުންވެސް ސުވާލުއުފެދޭ އެތައްކަމެއް ފާހަގަކުރެވުނު. ފުލުހުން ވަކިކޮޅަކަށް ބުރަވެ ވަކިބަޔަކު ދިފާޢުކުރަންބޭނުންވާ މޭރުމުން ޑިސެމްބަރުގެ ޕްރެސްދީފައިވަނީ. މީ ޤައުމުގެ އެންމެހާ ރައްޔިތުން ކަންބޮޑުވާންޖެހޭކަމެއް މީ.
އައްޕަތުރޭ
26 February 2025
އިހުސާނު މިކުރަނީ ވޯލްޑް ބެސްޓު ޕްރެކްޓިސް؟ ކޮންމެ ޖަރީމާއަކަށް އެއްބަސްވެފަ ތިއީ ވަރަށް ދެރަކޮށްހިނގިކަމެކޭކިޔާފަ އިސްތިޢުފާނުދީ ހުންނަނީ.
އަލީސް
26 February 2025
ގަސްތުގައި ނުހެދީ، ޕުރެސްގައި ބުނި އިތުރަށްބަލާނެ ކަމެއްނެއްކަމަށް، ދެއްރައްޔިތުން ލޮލަށްބޮލަށް އެރީމަ ތިކިޔަނީ މިހާރު، ނާގާބިލުކަށް
އިންޓެގްރިޓީ
26 February 2025
ކޮބާ އިންޓެގްރިޓީ ކޮމިޝަން؟؟ މިހާ ސާފުކޮން އެއޮއް އެއްބަސްވަނީ، ކީއްވެ މިކަމަށް ފިޔަވަޅެއް ނޭޅެންވީ؟ ޒިންމާ ނަގަންޖެހޭ ބަޔަކު އެ ޒިންމާ ނުނެގިކަން ސާފު، މާ ބޮޑު ތަހުޤީޤެއް ބޭނުން ނުވޭ ތިއޮތީ އިޢުތިރާފު ވެފަ، ފިޔަވަޅު އަޅާ