މުދާތަކެއް ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި އެވެ.

އެ ދެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ އަލީ އައްފާނާއި އެރަށު ޕްލާޒާ، މުހައްމަދު ހަމީދާއި ނ. ވެލިދޫ ވީނަސް، ހައްސާނު އަލީ އެވެ.

ފުލުހުން ބުނީ ހައްސާނު އަލީ މިދިޔަ މަހު ދެވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މީހަކާ ވާހަކަ ދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000ރ. އަތުލާފައިވާ ކަމަށެވެ.

އެ މައްސަލާގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ވެލިދޫއިންނެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަލީ އައްފާނާއި މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ މި މަހު ހަތް ވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އިންޖީނެއް ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000ރ. އަތުލާފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ދެމީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.