ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސް ކުރިއިރު، ކޭޝް ކާޑުތަކަކާއި ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާ އާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އޭނާގެ އަތުން ފެނުނު ފައިސާގެ ސީދާ އަދަދެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ނަދީފް ހައްޔަރުކުރީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާއަކީ އެފަދަ ސްކޭމްތައް ރާވައި ހިންގުމާއި ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުުހުން ބުންޏެވެ.
ފުލުހުން ބުނީ ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ މީހުން ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.