ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ނޭޕާލު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ ނޭޕާލު މީހެއް ކަމަށްވާ ނަކުލް ކޭ ސީ، 23، އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އާއި އޭނާއާ ގުޅުން ހުރި މި ކަހަލަ އިތުރު މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސްކޭމްކުރާ މައްސަލަ ވަރަށް ބޮޑެވެ.
"ރާޔާ މާލެ"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގަމުން ދިޔަ ޕޭޖަކުން ސްކޭމްކޮށްގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިދިޔަ މަހު އިލްތިމާސްކުރި އެވެ.
އޮންލައިން ޕޭޖުތަކުން ސްކޭމްކޮށްގެން ފައިސާ ހޯދަމުން ދާއިރު "ދީނުގެ މަގުގައި"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގާ ޕޭޖަކުން ވެސް ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފުލުހުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
އެއީ ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ސްކޭމްކުރާ ޕޭޖެކެވެ.