ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ވަނީ ފާސްކޮށްފައި
26 ފެބުރުއަރީ 2025 - 10:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލަށް ތާއިދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ. ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
ރޯލް ކޯލް ވޯޓަކަށް ގޮސްގެން މި ބިލް ފާސްކުރަން ވޯޓަށް އެހީ މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، އެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އަންގައިފަ އެވެ. އަދި ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ރޭ ވަނީ ނެރެފަ އެވެ.
އަޒާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، ވޯޓުގެ ވަގުތު ޖެހުމުން އޭނާ ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވާފައިވަނީ ޕީއެންސީގެ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިހުގެ މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މަޖިލީހުން މިއަދު ބިލް ފާސްކުރިއިރު ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ.
ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅި ހުސޭނު
26 February 2025
މިހާރު މި ފެންނަނީ މި ވެރިކަމުގެ އަސްލު ސިފަ. މަޖިލިހުގައި މެންބަރުން ބިރުން. ކޯޓުތަކުގައި ފަނޑިޔާރުން ބިރުން. ދެން ރައްޔިތުން ވެރިމީހާ ދެކެ ބިރު ނުގަންނަންވީ ކޮން ސަބަބަކާ ހެދި؟؟؟ މިނިވަންކަމުގެ ތަސްވީރު ސަރުކާރުން ކުރެހިނަމަވެސް މިހާރު މުޅި އާބާދީގައި މިއޮތީ ބިރުވެރިކަން ފެތުރިފަ. ދެން ފަށާނީ މީހުން ހައްޔަރުކުރުމުގެ ކަންކަން ކަމަށްވެސް ވެދާނެ. އިޔާދަ ނުވާނެ ކަމަށް ބެލި މާޒީ އަލުން އިޔާދަވާން އުޅޭހެން ވަރަށް ހީވޭ
އިސްލާހީ މަޖިލިސް
26 February 2025
މިދިޔަ މަޖިލީހުގައި އެޅިހާ ބަތަކަށް ރިހަ ހެދިގެން ތިބި މެންބަރުންނަށް ވީގޮތް ފެނިފަ މިތިބީ. ދައްކަން ހުރިއްޔާ މިވެރިންނަށް ވާނެގޮތްވެސް ދައްކަވާނެތާ. ވަގުތީ މަންފާއަކަށް ތިން ލައްކަ ދިވެހިންގެ ހައްގަށް އަރައިގަންނަ ވެރިކަންތައް ނިމޭނީ ހިތިކޮން
އަހުމަދުބޭ
26 February 2025
މިހެންވެގެން އަބަދުވެސް އަހަރެން ބުނަމު މިޑިމޮކްރަސީއަކީވެސް ތާކުން ތާކުޖެހޭ އެއްޗެއްނޫނޭ، މަޖްލިސް ލިބޭބަޔަކު މޮޑެން އޮންނަ ފުއްގަނޑެކޭ އެބަޔަކަށް ބާރުލިބުމުން އެބަޔަކު ބޭނުންވަރަކަށް އިތުރުކޮއް މަދުކުރަންވީ، ކޮބައިތޯ ތަފާތަކީ ޑިކްޓޭޓަރަކާ ތިންބާރު ވަކިވެފައޭ މިކިޔަނީ އެކަމަކު މަޖްލިސް ބާރު ލިބޭބަޔަކަށް މިއޮންނަނީ ބޭނުން އެއްޗެއްހެދުމުގެ ބާރު
ރާވެރިބެ
26 February 2025
ހެދޭ ނެހެދޭ ނޭގޭ ހިސާބަށް ގޮސްފި! ދެން ނުކުރެވޭނެ އެއްވެސް ކަމެއް ރަގަޅަށް! ހަމަ އެކަނި ވެރިަކަން ދަމަހައްޓަން ދިމާ ކުރީމަ ކަމަކުނުދާނެ.
ހާސަރު
26 February 2025
އަޒާން އަށްސާބަސް،
ސަސި
26 February 2025
ވެރިކަމުގެ ހާދަ ކުރޫކޮޅުގައޭ މިހާވަރެއް މި ދައްކާލަނީ. މާ ގިނަ މަސައްކަތް ނުކޮށް މިހާރުގެ ރައީސް އަދި މިޖިލިސް މެންބަރުން އިތުރު 20 އަހަރު މަަގާމުތަކުގަ ތިބޭގޮތަށް ފާސް ކޮއްބަލަ
ވަރަށް ވެދުން
26 February 2025
ސުޕަރ މެޖޮރިޓީ ލިބުނީމަ ހެޔޮ ވެރިކަމެއް ކޮށް ރައްޔިތުންގެ ލޯތްބާއި އިހްތިރާމު ހޯދައި ދެވަނަ ދައުރެއް ޔަގީންކުރުމުގެ ބަދަލުގަ، އާރާއި ބާރުގެ ތެރެއިން ނުފޫޒާއި ގަދަކަން އިސްކޮށް، ހުރިހާ ކަމެއް އަމިއްލަ މުށުތެރެއިން ހިންގަން ދިމާކުރާނަމަ ރައްޔިތުން އަންނާނީ ރުޅި. ވިސްނަންވާނެ ޕާޓީތަކުގެ މެންބަރުންނަކީ މަދު ބައެއް. ގިނައީ ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން. ހަމައާއި އިންސާފުން އެއްކިބާވެ، ގޮށްމުށުގެ ބާރު ދެއްކިވަރަކަށް ރޫޅޭވަރު ބޮޑުވާނެ.
ޑރ ވާންޗޯ
26 February 2025
މުސްކުޅިންގެ ހަރުބަހެއް " ބޮޑުދެގެރި ތަޅަންޏާ ކަށްގަޑައް ބާރުކުރާނެ ".
ވާނުވާ.
26 February 2025
ކަށްގަނޑެއް ނޫން. ކައްގަލަށް.
ޝިއުނާ2
26 February 2025
ކީއްކުރަން ހަދައިގެން އުޅޭ ޤާނޫނު އަސާސީއެއް. މިއީ އުވާލާންޖެހޭ ތަނެއް. ބޭނުންވާ ޚިޔާލެއްފާޅެއް ނުކުރެވޭ. ބޭނުންވާ ގޮތަކަށްވޯޓެއް ނުދެވޭ. ތިއީ ޕްރޮގްރާމްކޮށްފައި ތިބި ރޮބަޓުންތަކެއް. ޢަމިއްލަނަފްސަށްވެސް ލަދުގަންނަންޖެހޭ. މަހަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްވާނެ. ޢެހޮނުވާނެ މި މަޖްލިސްއުވާލާ. ބޭކާރުތަނެއް. ބޭކާރުބައެއް. ބޮޑު އިސްރާފެއް.
ރައްިޔިތުމީހާ.
26 February 2025
ބަލަ ބޭނުންވާ ގޮތަށް ނޫންތަ އެ ވޯޓު ދެނީ؟ ބޭނުންވާ ގޮތަށް ވޯޓު ދިނީމާ ދެން ތިބޭ މީހުންނަށް ކަމުނުދަންޏާ އެއީ މާބޮޑު މައްސަލައެއްނޫންބާ؟
މޮޑެލް
26 February 2025
ހަމަ ތި ގޮތަށް އިބޫވެސް ގޮތް ދެއްކި. ވީ ގޮތް ފެނިފަ އޮތީ.