މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ވާހަކަދައްކަވަނީ.
07 މާޗް 2025 - 16:25
ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރު އުފެދުނު ފަހުން މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެޅި ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޖޭއެސްސީން ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 އަށް އަދި ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން 8 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށް، ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިވެ އެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.
މި ސަރުކާރުގައި، ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ ފަސް ފަނޑިޔާރުންނަށެވެ. އެއީ ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.
2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް JSC އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ… pic.twitter.com/1TjDOJz2c3
— Ahmed Usham (@a_usham) March 7, 2025
"2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު،" އުޝާމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސުލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން."
އުޝާމް މި ހިސާބުތައް މި އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު މެންބަރަކު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އެ ބަލަނީ ކޮން މައްސަލައެއް ކަމެއް މިއަދާ ހަމަޔަށް އެ ފަނޑިޔާރުންނަކަށް އޭސީސީއަކުން ނާންގަ އެވެ.
އެކަމަކު ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރުގެ މަހާޒްގެ މައްސަލައެއް ބަލަމުންދާކަން އަންގައިފަ އެވެ. އެ ބޭފުޅުން އެ ތުހުމަށް އިންކާރު ކުރައްވާފައި ވާއިރު ދެން ސަސްޕެންޑްކުރި ފަނޑިޔާރު ސުއޫދު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ ހުކުރު
08 March 2025
ހިތުން އެބުނީ ވަރަށް މޮޅު އެއްޗެއް. ވެރިކަންކުރަން މިއުޅެނީ ހުސް އަނގައިން
ބެއްޔާގެ ދަރި
08 March 2025
ތިޔަ ބުނާ ދުވަސް ވަރެއްގައި ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ނެގި ހުރިހާ ވޯޓެއްގައި ވިލިމާލެ ދާއިރާގެ އޭރުގަ ހުންނެވި މެންބަރަކު ވޯޓު ދިން ކަމަށް ލިޔެކިޔުންތަކުްން ދައްކަނީ. އެހެންވީމާ މިހާރުގެ ބަންޑާރަ ނައިބާއި އޭރުގެ ވިލިމާލެ ދާއިރާގެ މެންބަރާ އެއީ ދެ ބޭފުޅުން ކަމަށް މި ވަނީ. ސިޓީ ކައުންސިލްގެ ކުރީގެ ރައީސް އާއި މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް ދެ ބޭފުލުން ފަދައިން
ޛޖސޖޖސ
08 March 2025
ބަޔަކު ފޯރުވީމާ އެކަން ބަދަލުކުރަން އައި ބަޔަކު ތިހެން ބުނީމާ ދެން ނެތް ބުނާނެ އެއްޗެއް.
ނިޔާލު
08 March 2025
މިހާރުމިއޮތް ސްޕްރީމް ކޯޓުގެ ހުކުމްތަކުން އިންސާފު ލިބޭނެކަމުގެ ތަސައްވުރެއް ރައްޔިތުން މެދުގައި އުފެދިގެން ދިޔަ. މިހާރު އަނެއްކާ އެ އިތުބާރު އެއްލަކިންޖަހާ މި ދުއްވާލީ.
ބަބްސް
08 March 2025
ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު މިއޮށް ހާލަތަށް ދިއުމުގައި މިކަހަލަ ދެއުޅިއެއްނުވާ މީހިން މިދާއިރާގައި ގިނަވުން ހިމެނޭ. ރާއްޖޭގައި މިއޮންނަނީ ގެރިބަކަރީގެ ސިޔާސަތު ، އެހެންތާވަނީ ކޮންމެމީހެއްގަވެސް އޮންނަނީ އަމިއްލަ އެދުން.
ހުސީނޫ
08 March 2025
“އެންމެ ބޮޑަށް” ކޯޓުތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ބަންޑާރަ ނައިބު އެބިދާޅުވަނީ. މިހެން ދޭތެރެއަކުން ސްޕުރީމް ކޯޓަށް ގޮތެއް ހަދާލުމަކީ މާ ބޮޑު ކަމަކށް ހަދައިގެން އިދިކޮޅު މީހުން ކަންބޮޑުވާތީ އެމަނިކުފާނު ކޯފާވަނީ.
ނޫޅެމޭ
08 March 2025
އެދުވަސްވަރު ނޭނގިގެން އަހަރެމެން ނޫޅެން. ޓިނުނަގައި ތަޅުއަޅުވައި ބެންޗު ހިސާރުކުރީ ކޮންބައެއް؟
މިއޮތީ
08 March 2025
ފަނޑިޔާރުގެ މިނިވަން ކުރަން ވަކާލާތު ކުރި ބަޔަކު ވެރިކަމަށް އައިސް މިހާ ދަށު ދަރަޖައިގައި ކަންކަން ހުރުމުން މުޅިން މާޔޫސްވެއްޖެ. ދައްކާ ވާހަކަ އާއި ކުރާ އަމަލާ ދިމަލެއް ނުވޭ. މި ފެންނަނީ ހަމަ ކުރިން ވެރިކަން ކުރި ސަރުކާރުތަކުންވެސް ކަންކުރި ގޮތަށް ނުވަތަ އެއަށް ވުރެވެސް ހުތުރުކޮށް ކަންކަން ކުރާތަން. މި ސަރުކާރަށް ދެން އެހެންވީމަ ތާއީދު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް
އަސް
08 March 2025
މީހަކު ވައްކަން ކުރީމަ ދެން ތިބި މީހުން ވައްކަން ކުރަންވީތަ؟
އަޒާންގެ
08 March 2025
މަނިކުފާނުގެ އަމިއްލަ ޒަމީރަށް ވެސް މި ސަރުކާރުން ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ގަބޫލުކުރެވޭތީ ދޯ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީން އިސްތިއުފަލާ ދިނީ... އެންމެވެސް ނުފޫޒު ފޯރުވާ އެކަމަކު މިހާ ހަޑިކޮށް މިހާ ވަރަށް ނުފޫޒު ފޯރުވި އެހެން ސަރުކާރެއް ނެތް.. ހަމަ ނޭގޭނީ އެވެ.