ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ: ސުލޫކީ މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
09 މާޗް 2025 - 15:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގައި ކުރާ ތުހުމަތުތަކަށް މަހާޒް އިންކާރު ކުރައްވައިފި އެވެ.
ފަނޑިޔާރު މަހާޒަށް ތުހުމަތު ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށެވެ.
ސުލޫކީ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް މިއަދު ޖޭއެސްސީއަށް ފަނޑިޔާރާ އެކު ހާޒިރުވެ ވަޑައިގަތް، އޭނާގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރި ވެސް ނުވާ ކަން ސާފުކޮށްދެއްވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ، އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އޭނާގެ ވަކީލް ފައިސަލްއާ އެކު މިއަދު ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ: ސުލޫކީ މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ވަކީލް ވިދާޅުވި ގޮތުގައި އެ މައްސަލައަކީ ހަގީގަތާ ހިލާފު ތުހުމަތުތަކާ އެކު، ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ޖޭއެސްސީން ތައްޔާރުކުރާ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރު މަހާޒަށް އަދި އިތުރު ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ.
ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ. އޭނާ ވަނީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ބަލަމުންދާއިރު ދަށު ކޯޓުގެ ބައެއް ގާޒީން ހާޒިރުކޮށް އެ ކޮމިޝަނުން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މި މައްސަލާގެ އިތުރުން ޖޭއެސްސީން ގެންދަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ. ނަމަވެސް، އެކަން އަދި ފަނޑިޔާރުންނަށް އަންގާފައެއް ނުވެ އެވެ. މި މައްސަލަ ބަލަމުންދަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
10 March 2025
"ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ." ދެންވެސް އޮފީސްތަކުގައި މުސާރަ ދީފައި ކުރާނެ މަސައްކަތެއް ނެތި ތިބޭ ކޮމެންޓޭމެން މި ކިޔަނީ މިއީ ނުފޫޒު ފޯރުވުމެއް ނޫނޭ.
އަލިކޮއެ/ހުޅުމާލެ
10 March 2025
ޒާލިމުން އަނިޔާ ކުރާއިރު ބައްލަވަން މިރުޞާދުގައި، ޚާލިޤުލް ކައުނައިނިވާކަން ނޭގެނީތަ އަޖައިބެކޭ.
މައުސޫމް
10 March 2025
އަހަރުމެން އާންމު ރައްޔިތު މީހާ ކޯޓު ތެރޭގަ ހަޑިކޮށް ވާހަކަ ދެއްކިއޭ ކިޔާފަ 5 މަސްދުވަހަށް އަޑުއެހުންތަކަށް ނުވަދެވޭ ގޮތައް ސަސްޕެންޑު. މަހާޒުމެންނަށްވެސް ޖެހޭނެ އަދަބު ލިބެން.
ބަލަގަ
10 March 2025
ބަލަގަ ތީ ހާދަ މޮޅު ވިސްނުމެކޭ. ކަލޭ ހަޑިކޮށް ވާހަކަ ދެއްކީމައޭ ކަލެއަށް އަދަބު ދޭނީ. ކަލެއާއެކު ދާ އަނެއްމީހާ ހަޑިކޮށް ވާހަކަ ނުދައްކަންޏާ އޭނައަށް އަދަބެއް ނުދޭންނު. ކަލޭ ހަޑިކޮށް ވާހަކަދެއްކީމަ ކަލެއާއެކު ދާ މީހާއާ، ކަލޭގެ އަނބިމީހާއާ ދަރިންނާ މައިންބަފައިންާ ، ތިމާގެ މީހުނާ އަވަށްޓެރިންނަށް އަދަބު ދޭންޖެހޭތަ. ސަހަރޯ! އަސާސީ ތައުލީމު ނެތަސް ހޭބުއްދި ހުރިއްޔާ މިވަރު އެނގޭނެ
މަޒުއަމް
10 March 2025
ކޮބާ މަހާޒުމެންނަށް މޮޅުތަކެއް ވެއްޖެއްތަ. މި މީހުންގެ އަސްލު ސޫރަ ފެނިގެންދާނެ ދެން. މިހާރު ސުޕުރީމް ކޯޓަކީ އެމްޑީޕީގެ ކިއްލާއެއް. މިތަން އެބަޖެހޭ ސާފުވާން.
ވިފާގް
10 March 2025
މަމީ ކޮންމެހެން މާ މުއިއްޒު އަށް ތާއިދުކުރާ މީހެއްނޫން. އެކަމަކު މަހާޒުމެންގެ މައްސަލަ ބެލެންޖެހޭ، ޔާމީން އަށް ލިބެންޖެހޭ އަދުލު އިންސާފު ގެއްލުވާލި ބަޔަކީ މި ގުރޫޕް
އެހެންތަ
10 March 2025
ދެން އެހެންވިއްޔާ ދާންވީނު ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް އަދަބު ދޭން. 7 މީހުންވެގެން ތިކިޔާ އިންސާފެއް ގެއްލުވާލީ.
ނުއުމާން
10 March 2025
ހީކުރި ކަހަލައެއްނޫން ފަޑިޔާރު މަހާޒުއެއް، މަހާޒަކަސް ނުފޫޒު ފޯރުވިގެން ނުވާނެ. ފިޔަވަޅު އެޅެންވާނެ
ޑރ ވާންޗޯ
09 March 2025
ކޮންމެ މީހެއްގެވެސް ވާހަކަ ވަރަށްސަޅިވާނެ، ދެހަތުރުންގެ ވާހަކަވެސް ވަކިވަކިން އަޑުއަހައިފިއްޔާ ދެމީހުންވެސް ދާނީ މޮޅުވެގެން. އެއީ ވަގަކުކާރީގަވެސް ވައްކަންކުރީ ކީއްވެހޭ އަހާއިރަށް ބުނާނެ މަކީއްވެހޭ ވައްކަން ކުރަންވީ އެފަދަހާލަތެއްވެސް ނެތޭ!!!!.
ސަސި
09 March 2025
މައްސަލަ ކަމަަށް ބުނާ މައްސަލަ ސާބިތުވެ ފަޑިޔާރުގެ މަގާމު ގެއްލުވާލިޔަސް ހައިރާންވާކަށް ނުޖެހޭ. އޭސީސީ މާ ޓަފްކޮށް އޮޕަރޭޓްއެ ކުުރަނީ.
އަހުމަދުއަލޯ
09 March 2025
ކޮމެންޓު ކިޔާލީމަ އެބަ އެނގޭ މީގައި ސަރުކާރުން ގޯސް ހަދައިފި ކަން. މަހާޒަކީ އަރަބި ބަސް ދަންނަ ޝަރުއީ އެތައް ދިރާސާ ކުރައްވާ މޮޅު ބޭފުޅެއް. އަދި މިހާރު ލިޔަމުންދާ ޚުލާސާ ތަފްސީރު ކިޔާލުމުންވެސް އެނގޭ އެއީ ރާއްޖޭގައި ނެތްފަދަ އިލްމުވެރި ބޭފުޅެއްކަން އަދި ގޯސް ނުހަދާނެކަން ޔަގީންވޭ. އަނިޔާވެރިންނަކަށް ކާމިޔާބު ނުލިބޭނެ.
ފައިނަލިސްޓް
09 March 2025
ފަޑިޔާރު މަހާޒްގެ ޝަރުޢީ ހުރިހާ ނިންމުންތަކެއް ނިންމާނީ ބޭރުގެ ޕްރެޝަރުތަކަށްވުރެ ޤާނޫނުގެ މައްޗަށް ބިނާކޮށްކަން އެންމެނަށްވެސް އެގޭ. އަދި ފަޑިޔާރު މަހާޒްއަކީ ވަރުގަދަ ގާނޫނީ ސިކުނޑިއެއް. ކޮމްޕްލެކްސް ގާނޫނީ މައްސަލަތަކާއި މެދު މަހާޒްގެ ރަޢުޔުތަކުން ދައްކުވައިދެނީ ގާނޫނީ ޢިލްމުގެ ފުންކަމާއި ރާއްޖޭގެ އަދުލު އިންސާފް ނިޒާމު ހަރުދަނާ ކުރުމަށް އެންމެ ގާބިލް ފަޑިޔާރެއްކަން.
ހަޖާމްބެ
09 March 2025
ތިކަންތައްތައް ތިހެންހުރިއްޔާ މި ސަރުކާރުން މަހާޒު ސްޕްރީމްކޯޓް ބެންޗަކު ނުބައިންދާނެ. ދެން ސްޕްރީމްކޯޓްގެ ބެންޗް އެކުލަވާލާނީ މަޖިލީހުގެ ނައިބްރައީސް ބޭނުންވާ ބަޔަކު ލައިގެން. އަދުރޭވެސް ކުރީބައިގަ ކޮންމެސް ކަންނެލި އޮޑިޔަކުން ޖާގަލިބޭތޯބަލާ.