ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ބެންޗާ ކުޅެނީ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ނުވެގެން ކަމަށް ވިދާޅުވި
10 މާޗް 2025 - 11:29
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
ނާޒިލްގެ ކުއްލި މައްސަލާގައި ވިދާޅުވީ، ގުޅިފައިވާ ރަށްތަކުން އަބަދު ކަރަންޓު ކެނޑި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބުރޫ އަރާފައިވާ ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވެފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ރޯދަ މަހު ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ގޭގައި ގެންގުޅޭ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވެ، ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"އެއްވެސް ހައްލެއް ސަރުކާރުން ހޯދައި ދީފައި ނުވާތީ އާއި އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅެމުން މިދާ ހާސްކަމާއި ދަތި އުނދަގުލަށް އެއްވެސް ހާލަތެއްގައި މި މަޖިލީހަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ކުއްލި މައްސަލާގައިވެ އެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ވެސް ތިން މެގަވޮޓުގެ ދެ ޖެންސެޓު ބޭނުންވާ ކަމަށް އައްޑޫ ޕަވަސްޓޭޝަނުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، އައްޑުއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ އެންމެ ޖެންސެޓެއް ކަމަށް ނާޒިލް ވިދާޅުވި އެވެ. ކުއްލި މައްސަލާގައިވާ ގޮތުން މިއީ އައްޑޫއަށް އެކަށީގެންވާ ވަރަށް ވުރެ ދަށް އަދަދެކެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރަކު ވޯޓު ދެއްވީ ބަލައިގަތުމާ ދެކޮޅަށެވެ. ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 11 މެންބަރަކާއި އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާނާއި ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އައްބާސް އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެ، ޝަކުވާ އިތުރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހަސަންބެ
10 March 2025
އައްޑުއަކީ އެމްޑީޕީ އަކަށް މަރުދޭބަޔަކު އުޅޭތަނެކޯ. އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އަގައިން، ލިޔުމުން ޕްލޭނުތަކުން އައްޑޫ ތަރައްގީކޮށްލާ. ޕައުންޑާއި ޑޮލަރު އޮހިގެންދާހެން ހަދާލާ. ނިމިގެންދިޔަ ސަރުކާރާއި މަޖިލިހަކީ އެމްޑީޕީގެބާރު. އޭރުވެސް ބޮޑުގެރި ބޭރަށް ދާހެން އައްޑުއިން ކަރަންޓާއި، ފެންކެޑުނު. މަޖިލިހުގައި ނާޒިލު މަޖިލިސް ރައީސުވެސް އުޅުނު. ކޮންކަމެއް ހައްލުކުރީ.މިހާރު ކުއްލި ކަހެރުވަކޭ ކިޔަން ލަދުގަންނަންޖެހޭ.
މާލޭގަވެސް ގިނައިން ވިޔަފާރިތަށް މިކުރަނީ އައްޑޫމީހުން
10 March 2025
އައްޑޫގަ ނުލާހިކު ކުޅަދާނަ މީހުން ތިބޭނެ، ކީއްވެ ނުކުރެވެންވީ، ސަރުކާރަށް ނުވާނަމަ ތިކަން ދޫކޮށްލަބަލަ.
ޔަސްރިފް
10 March 2025
އައްޑޫ ރައްޔިތުން ފެންނާނީ އިންތިހާބު ޖެހުނީމަ. އޭގެ ކުރިން އެއީ އުޅޭ ބައެއް ނޫން. ކައުންސިލް އިންތިހާބު ބޮޑުތަނުން ބަލިވާނެ.
ކޮން ސިޓީ
10 March 2025
މިހާރު ހުރި މޭޔަރު ހުރެގެން އައްޑޫ ފަނާވެ މިދަނޫ. އަސާސީ ހިދްމަތްތައް ވެސް ކަށަވަރުނުކޮށްދެވޭ
ދޮންދީނާ
10 March 2025
އައްޑޫއަށް އަޅާ ނުލާ ދެން އަހަރުމެން ކައިރިއަށް ވޯޓު ހޯދަން ނާންނާތި. ކުރީ ސަރުކާރަށް ނުވީމަ ދޯ މި ސަރުކާރާ ހަވާލު ކުރީ.
ޙަބީބް
10 March 2025
މިވަރު ކަމެއްގަވެސް ހިތަދޫ މެދު ދާއިރާ މެމްބަރު އަޒާން ފިޔަވާ އައްޑޫ ޕީއެންސީ މެމްބަރުންނަށް އެ މެމްބަރުން ހޮވި ރައްޔިތުންގެ ހައްޤުގަ ވޯޓު ދޭކަށް ނުކެރުނު.
ނޫރު.
10 March 2025
އަޒާން U ހަމަ ބެސްޓް ވާ.
ޔާސިރް އަލީ
10 March 2025
މެދުކެޑުމެއްނެތި މި މައްސަލަ ހައްލުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ފެނަކައާއި ގުޅިގެން ކުރިޔަށް ބާރު ސްޕީޑުގައުި އެބަދޭ. ބަލާލަން ބޭނުންވާ ކޮންމެ މީހަކު ފެނަކައިން ޝާއިރުކޮށްފައިވާ ޓައިމްލައިނަށް ރިއާޔަތްކޮށްލީމަ ފެންނާނެ ތެދު ހަގީގަތް.
ސަމަދްް
10 March 2025
ރައީސް މުއިއްޒުގެ މި ޒައާމަތް ނިމިދާއިރު ބަލްނަތިބޭ އައްޑޫގެ ކަރަންޓަށް ވގގ ނުގެނެވުނު ހައްލު ގެނެސް ދެއްވާނެ.
މިގްދާދްް
10 March 2025
ތިއީ ކުއްލި މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއްވެސް ނޫން. ތިއުޅެނީ ސަމާލުކަން ހޯދަން. ތިކަން ދަނީ ބާރަށް ކުރިޔަށް.