ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާކުރަން މާލިއްޔަތު ކޮމިޓީ ތާވަލުކުރި ބައްދަލުވުން ދެވަނަ ފަހަރަށް ކެންސަލްކޮށްފި އެވެ. 

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މި މަހުގެ ދެ ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ގަރާރު ދިރާސާކުރަން ކޮމިޓީގެ ބައްދަލުވުން ފުރަތަމަ ތާވަލުކުރީ އިއްޔެއަށެވެ. ނަމަވެސް، އެ ބައްދަލުވުން ކުރިއަށް ނުގެންގޮސް މިއަދަށް ފަސްކުރި އެވެ. 

މިއަދު 12:30 އަށް ތާވަލުކުރި ކޮމިޓީގެ ބައްދަލުވުން މިހާރު ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުން ބުންޏެވެ. 

ގަރާރު ހުށަހެޅުއްވި ނާޒިލް ވިދާޅުވެފައިވަނީ އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއްކަން ނާޒިލް ފާހަގަކުރައްވާފައިވެ އެވެ. 

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ގޮވާލައި، މުޒާހަރާ ކުރަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ. 

އެމްޑީޕީން ބުނެފައިވަނީ ގަރާރުގައި ހުށަހަޅާފައިވަނީ ރާއްޖޭގެ އެއްވެސް ސަރަަހައްދެއްގައި ބޭރު ބަޔަކަށް ދިރިއުޅެން ހުއްދަކުރާ ނަމަ، އެކަމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ. އެކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް ޕާޓީން ފާހަގަކުރެ އެވެ. 

އީގަލް ހިލްސްއާ ރަސްމާލެ މަޝްރޫއު ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީން ގޮވާލާފައިވީ ނަމަވެސް، އެފަދަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މަޝްރޫއުގައި ރައްޔިތުންނަށް އޮތީ މުޅިން ވެސް ފައިދާ ކަމަށެވެ.

މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ހިޔާރުކުރާ ގޮތަކަށް އަމަލުކުރަން ވެސް އެމްޑީޕީގެ އިއުތިރާޒެއް ނެތް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ރަސްމާލޭގައި މަޝްރޫއު ހިނގަން މަގުފަހިކުރަން ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ރިއަލް އެސްޓޭޓް ގާނޫނުގެ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގައިވާ ގޮތުން އިންޓަގްރޭޓެޑް ޒޯނުގައިވާ ޕްރޮޕަޓީތައް ލީސްހޯލްޑް ރައިޓްސް އުސޫލުން 99 އަހަރަށް ވިއްކިދާނެ އެވެ. އަދި ވިއްކޭނީ ސެރެންޑާ އެންޑް ރީ-ގްރާންޓް މޮޑެލްގެ ދަށުންނެވެ. 

ނަމަވެސް އެއްވެސް އެއް ގައުމެއްގެ ފަރާތްތަކަށް ޒޯނުގެ 25 ޕަސެންޓަށް ވުރެ ގިނަ ބިމެއް ނުވަތަ ޔުނިޓެއް ނުވިއްކޭނެ އެވެ. އަދި ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށް ބިން ވިއްކުން ވަނީ މަނާކޮށްފަ އެވެ.