އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ އެ ރަށުގައި ބިނާކޮށްދެއްވި ރީތި މިސްކިތް: މި މިސްކިތް މިއަދުގެ މަޣުރިބު ނަމާދާ އެކު، ވަނީ ބޭނުންކުރަން ފަށާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
20 މާޗް 2025 - 21:31
މިއަދު ހަވީރު ބ. އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރު އަދި އެ ރަށާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބާއްވަވާ ޑރ. އަހުމަދު އަންވަރު އެ ވާހަކަ ވިދާޅުވީ ހަގީގަތުގައި ވެސް ހަމަ ތަފާތުވީމަ އެވެ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ހަރަދުގައި އިމާރާތް ކޮށްދިން މިސްކިތުގެ ވާހަކަ މުޅި ރާއްޖޭގައި ދައްކާ ސަބަބު އަންވަރުގެ ވާހަކައިން ސާފެވެ.
މަސްޖިދު މުހައްމަދު އަލީ ހުޅުވައި ދެއްވުމުގެ ޝަރަފާ އެކު، ޑރ. އަންވަރު ވިދާޅުވީ، އެއީ ރާއްޖޭގައި "މިއަދުގެ ތާރީހާ ހަމައަށް ބިނާކުރެވިފައިވާ އެންމެ ފުރިހަމަ ރީތި މިސްކިތް" ކަމަށެވެ.
"މި މިސްކިތަކީ ދުނިޔޭގެ މިސްކިތްތަކުން އަޅުގަނޑުމެންނަށް ފެންނަ ފަންނުވެރިކަމާއި ފަރުމާތައް ފެންނަ ވަރަށް ހިތްގައިމު މިސްކިތެއް،" ޑރ. އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ފަދައިން މަސްޖިދުލް މުހައްމަދު އަލީ ވާނީ އޭދަފުއްޓަށް އެތައް ބަޔަކު ޒިޔާރަތް ކުރަން ވެސް މެދުވެރިވާނެ އެއް ސަބަބަށެވެ. ރަށުގެ ތާރީހު ބަދަލުކޮށްލާނެ ފަހުރުވެރި ބިނާއަކަށެވެ.
މިހާރު އުމުރުން 91 އަހަރު މުހައްމަދު އަލީ އެންމެ ބޮޑަށް ބޭނުންވި ކަމަކީ އޭނާ މި ދުނިޔެއިން ވަކިވުމުގެ ކުރިން އަމިއްލަ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މީގެ ހަތަރު އަހަރު ކުރިން އެ މިސްކިތުގެ އަމަލީ މަސައްކަތްތައް މުހައްމަދު އަލީގެ ބޭފުޅުންގެ އެހީތެރިކަމާ އެކު ނިންމީ މުޅި ރާއްޖޭގައި އެ ވާހަކަ ދައްކާ ފެންވަރަށެވެ.
އެ މަސައްކަތުގައި މުހައްމަދު އަލީގެ 13 ބޭފުޅުންގެ ތެރެއިން ހާއްސަކޮށް މުބާހު ރަފީއު އާއި ޔާސީން ރަފީއުގެ ނަން ޑރ. އަންވަރު ވެސް ވަކިން މިއަދު ފާހަގަކުރެއްވީ ގިނަ ސަބަބުތަކެއް ހުރެގެންނެވެ.
ޑރ. އަންވަރު، މަސްޖިދުލް މުހައްމަދު އަލީ މިއަދު ހަވީރު ހުޅުއްވައި ދެއްވާއިރު، އެ މިސްކިތުގެ ބާނީ މުހައްމަދު އަލީ ފުރޮޅުލީގޮނޑީގައި އާއިލާގެ ބައެއް މެމްބަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މި މުހިންމު މަޝްރޫއު ފެށިގެން ނިމެންދެން މުބާހު ރަަފީއުގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ލީޑަޝިޕް ކޮލިޓީ އާއި ހިތްވަރާއި ސާބިތުކަން އެއީ މިފަދަ މަޝްރޫތައް ހިންގަވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. ފިލާވަޅެއް، އިންސްޕިރޭޝަނެއް. މުޅި މަޝްރޫއު ހިންގެވުމުގައި ފިސާރި ސާބިތުކަމާ އެކު ޔާސީން ރަފީއު އަދާކުރައްވާފައިވަނީ ވަރަށް މުހިންމު ދައުރެއް،" މުޅި މަޝްރޫއުގައި އެންމެ އިސްކޮށް ތިއްބެވި މުހައްމަދު އަލީގެ ދެ ބޭފުޅުން ކަަމަށްވާ މުބާހާއި ޔާސީންގެ ނަން ފާހަގަކުރައްވަމުން ޑރ. އަންވަރު ވިދާޅުވި އެވެ.
މުހައްމަދު އަލީ މިހާރު މުސްކުޅި ބަލީގައި އުޅުއްވާތީ އިންނަވަން ޖެހިވަޑައިގަންނަވަނީ ފުރޮޅުލީގޮނޑިއެއްގަ އެވެ. މިއަދުގެ މި އުފާވެރި ރަސްމިއްޔާތަށް އޭނާ ވަޑައިގެން އިންނެވި އިރު މޫނުމަތިން ފެނުނީ އުފާވެރިކަމުގެ "ކަރުނަ" އެވެ. އޭނާގެ ނަން ދިރުވައި، ކުރިމަގުގެ އެތައް ޖީލަކުން އޭނާގެ ވާހަކަ ދައްކާނެ އިސްލާމީ ރީތި ބިނާއެއް ދޫކޮށްލެވުމުގެ ހިތްހަމަޖެހުމުގެ "ކަރުނަ" އެވެ.
އޭދަފުށީގައި މިއަދު ހުޅުވި ޗާލު މިސްކިތުގެ ބާނީ މުހައްމަދު އަލީ މިއަދުގެ ރަސްމިއްޔާތުގައި އުފަލުން ފޮޅިފައި: އޭނާގެ ހަރަދުގައި މިސްކިތެއް ބިނާކޮށްދެއްވުމަކީ އެންމެ ބޮޑަށް ބޭނުންވި ކަންތައް.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސްޖިދުލް މުހައްމަދު އަލީ އިމާރާތް ކުރުމުގައި އަސްލަކަށް ބަލާފައި ވަނީ އޮމާން، އުޒްބަކިސްތާން، ދުބާއީ، ސައޫދީ އަރަބިއްޔާ އަދި ތުރުކީގެ މިސްކިތްތަކެވެ. އެ ގައުމުތަކަށް މުހައްމަދު އަލީގެ ބައެއް ބޭފުޅުން ވަޑައިގެންް އަމިއްލަ އަށް އެ މިސްކިތްތައް ބެއްލެވި އެވެ. ހާއްސަކޮށް ތުރުކީގެ މިސްކިތްތަކުގައި ހުންނަ ޑިޒައިން މަސްޖިދުލް މުހައްމަދު އަލީ އިން ފެންނަން އެބަހުއްޓެވެ.
ބ. އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީ ގެ ހަރަދުގައި އެ ރަށުގައި ބިނާކުރި މިސްކިތް، މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
މަސްޖިދުލް މުހައްމަދު އަލީ ޑިޒައިން ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އައިމާން ހަބީބާއި ހަސަން ޒިޔާދާއި މިނީ ކޮންސެޕްޓްގެ މީފައު ރަޝީދު އަދި އަލާފް ޕްރައިވެޓް ލިމިޓެޑްގެ އަޝްރަފް ހަމީދެވެ. އެ ޑިޒައިންތަކާ އެއްގޮތަށް މިސްކިތުގެ ކުރެހުން ކުރެހީ ތުރުކީ އާއި އީރާނުން ހާއްސަ ޓީމެއް ގެނެސްގެންނެވެ.
މި މިސްކިތުން އެންމެ ބޮޑަށް އަޅައިގަންނަނީ ފާރިސީ ސްޓައިލްގެ ޗާލު ޑިޒައިންތަކެވެ. އެއީ އަބަދުވެސް ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލާ ޑިޒައިންތަކަކަށް ވުމުން ހިތްދަމައިގަންނަލެއް އަދި މާ ބޮޑެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ މަސްޖިދުލް މުހައްމަދު އަލީއަކީ އޭދަފުށީ މީހުންގެ އިތުރުން މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ބިނާކުރި އެންމެ ރީތި އެއް މިސްކިތް ކަމަށެވެ.
މުހައްމަދު އަލީގެ ހަރަދުގައި އޭދަފުށީގައި ބިނާކުރި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ އާއި އާއިލާގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ހުރިހާ ރައްޔިތުންގެ ނަމުގައި މުހައްމަދު އަލީގެ އާއިލާ އަށް ޝުކުރު އަދާކުރަން ބޭނުން މިފަދަ އަގުހުރި ހަދިޔާއެއް އޭދަފުށި ރައްޔިތުންނަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި، މުޅި އާއިލާ އަށް ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް މިސްކިތް ހުޅުވުމަށް ބޭއްވި ކުޑަކުޑަ ރަސްމިއްޔާތުގައި އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެ އުފަލުގައި ބައިވެރިވި އެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ. މުހައްމަދު އަލީގެ އާއިލާ އަށް އޮތް ލޯތްބެވެ.
ބ. އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީ ގެ ހަރަދުގައި އެ ރަށުގައި ބިނާކުރި މިސްކިތުގެ އެތެރެ.--- ފޮޓޯ: ނިޝާން އަލީ \ މިހާރު
"ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ރީތި ޑިޒައިންތަކާއި ކުރެހުންތައް މި މިސްކިތައް ގެނެސްފައި ވުމަކީ އަޅުގަނޑުމެން މިރަށުގެ ރައްޔިތުންނަށް ލިބޭ ބޮޑު ފަހުރެއް. އަޅުގަނޑު ދެކޭ ގޮތުގައި މި މިސްކިތާ އެކު މި ރަށުގެ ތާރީހު ބަދަލުކޮށްލާނެ، މިސްކިތް ވަރަށް ރީތިވެފައި ފުރިހަމަ،" އޭދަފުށީގެ ޒުވާނަކު ބުންޏެވެ.
މަސްޖިދުލް މުހައްމަދު އަލީ އިމާރާތްކޮށްފައި ވަނީ ދެ ބުރިއަކަށެވެ. އެއްފަހަރާ 1،200 މީހުންގެ ޖާގައިގެ އެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ހާއްސަ ބަޔަކާއި ފާހާނާތައް ވެސް ވަކިން ވަނީ ހަދައިފަ އެވެ. އަދި މިސްކިތް ހަދާފައި ވަނީ އިތުރަށް ބައެއް ކަންކަން ފުރިހަމަ ކުރެވޭނެ ގޮތަށް ކަމަށް މުހައްމަދު އަލީގެ ބޭފުޅުން ވިދާޅުވި އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތެއް އަޅުގަނޑުމެންނަށް ކޮށްލެވުނު. އެކި ގައުމުތަކަށް ދަތުރުކޮށް އެކި ގައުމުތަކުގެ މިސްކިތްތަކުގެ ޑިޒައިންތައް ބެލިން. ހާއްސަކޮށް ސެންޓްރަލް އޭޝިއާގެ މިސްކިތްތަކުގެ މިކްސްއެއް މި މިސްކިތުން ފެންނާނީ،" މުބާހު ވިދާޅުވި އެވެ.
މުބާހުގެ ބައްޕަ މުހައްމަދު އަލީއަކީ އޭދަފުށީގެ ތަރައްގީގަައި މުހިންމު ބައިވެރިއެކެވެ. އޭނާގެ "ޗާލާކީ" ޒަމާނުގައި އޭދަފުށީގައި ވަރަށް ފުޅާކޮށް ވިޔަފާރި ހިންގެވި އެވެ. އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ގެންގުޅުއްވި އެވެ. ބ. އަތޮޅުގައި ފަޅުރަށްރަށް ބެލެހެއްޓެވި އެވެ. ގޭގައި ފިހާރައެއް ހިންގަވައި އަދި ބަކަރި ގެންގުޅުއްވި އެވެ. މިހާރު މުހައްމަދު އަލީ ގެންގުޅުއްވާ ފެރީތައް ވަނީ ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އަށް ދޫކޮށްފަ އެވެ.
މުހައްމަދު އަލީ އޭދަފުށީގައި ބިނާކޮށްދެއްވި މި މިސްކިތް އެއިން އެއްވެސް ކަމަކާ އަޅައެއް ނުކިޔޭނެ އެވެ. ދީނީ ގޮތުން ކުރެއްވީ މަތިވެރި މަސައްކަތެކެވެ. މުޅި ރާއްޖެ މިއަދު ދައްކަނީ މި މިސްކިތުގެ ވާހަކައެވެ. އޭދަފުށީގެ ލޭންޑްމާކަކަށް އެ މިސްކިތް ވެއްޖެ އެވެ. އެތައް ޖީލެއްގެ މީހުން މި ވާހަކަ ދައްކާނެ އެވެ. އެ ބިނާ އެތައް ހާސް ބަޔަކަށް ފެންނަން ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކުހަންވެ
22 March 2025
ވަރަށް ޗާލު އިގޭ! މާލޭގައި މިހިރަ ސަލްމާނު މިސްކިތުގެ ނޫކުލައިގެ ފުރާޅު ނައްޓާލާ މަސްޖިދު މުހައްމަދު އަލީ ގެ ފަންނުވެރިން ލައްވާ އަލުން އުޅެންއެބަޖެހޭ.
އަބްޑޫޅް +
22 March 2025
ގިރާވަރު މީހުން ކިޔާ އުޅުނު ލަވަޔެއްގެ އޮވޭ، "އޭދަ އޭދަ އޭދަފުށީ ގޮނޑުމަތީ ހުރި، ފޭރި ތައް ކޮށައި ލިޔެ!"
ހޅދއ
21 March 2025
އަހަރެމެން ރަށުގަ އެންމެ ފަހުން ހެދި މިސްކިތް ހުޅުވީމާ ބޫގަލޭމެން އުފަލުން ފޮޅެނީ
ސޫރަޖް
21 March 2025
މޮހޮދުބޭ އާއި އާއިލާއަށް ބަރަކާތް ލައްވަވާ ރިޒްގު އިތުރުކޮށްދެއްވާށި. އާމީން.
2025
21 March 2025
ތިޓީމްގެނަސް މާލޭގަ ނިކަން ސަޅި މިސްކިތް އަޅާބަލަ..... ބޮއިހަލަކި
އ.ނަސްރުﷲ
21 March 2025
އަޅުގަނޑަށް ތިޔަ މިސްކިތް ހަމަ ލޮލަށް ބަލާލުމުގެ ތަޢުފީޤްމާތްﷲސުބްޙާނަހޫވަތައާލާ މިންވަރު ކުރެއްވި.ތިޔަ މިސްކިތުގެ އެންމެ ޚާއްސަކަމަކަށް އަޅުގަނޑަށް ފެނުނީ ޓައިލްސް ތަކުގައިކުރެހިފައި ހުރި އަތު ކުރެހުމާއި ގުއްބުގައި ކުރެހިފައިހުރި އަތު ކުރެހުންތަށް. އެޢިީ އަތު ކުރެހުމެކޭ ބުނަން ލޮލަށް ފެނުނީމައި ހަޤީޤަތުގައިވެސް ގަބޫލު ކުރަން ދަތި.އެހާމެ ރީތި މަސައްކަތެކެވެ.އަޅުގަނޑަށް،މިސްކިތް މަސައްކަތުގައި ޒުވާނުން ޝާމިލްވެ އުޅޭތަން ފެނުންވީ އުފާވެރިމަންޒަރެއް
ނައިމާ
21 March 2025
މާތް ރަސޫލާ ނަމާދު ކުރެއްވި މިސްކިތްތަކަކީ އެތަނުގެ ޒީނަތްތެރިކަމަށް ވުރެ، މިސްކިތުން މުއުމިނުތަކުންގެ ހިތް އަލިކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިދިޔަ ތަންތަނެވެ. މިއަދު ފެންނަނީ އިމާރާތުގެ ހައިބު ބޮޑުކުރުމަށް ވާދަވެރިކަން. ކީރެތި ގުރުއާންވެސް މިއަދު ކިޔަވަނީ ވާދަވެރިކަމަކަށް. މާތް ﷲ ގެ ވަހީއާއި މެދު ވިސްނުމެއް ނެތް. ދެރަ
ޢަލީ ބަލީ
21 March 2025
މިސްކިތްތައް ޒީނަތްތެރި ނުކުރުމަށް އިސްލާމު ދީނުގައި އަންގަވާފައި ވާކަމެއް އެގިފައެއް ނެތެވެ. އެހެންނޫނަސް މިސްކިތްތަކުގެ ހައިބަތުފެނި އެތައް ކާފަރުންނެއް އިސްލާމް ދީނަށް ވަދެ ފަވެސް އެބަހުއްޓެވެ. އިސްލާމު ދީން ފެށިހެން އައި ދުވަސްވަރާއި މިޒަމާނާ އިމާރާތުގެ ގޮތުން އަޅައެއް މުކިޔޭނެއެވެ.
ޗަކްބެރީ
21 March 2025
މިސްކިތްތަކަކީ އިސްލާމީ ހައިބަވަންތަކަން ދައްކުވައިދޭ ކަމެއް. އެއީ އެތަނެއްގެ އަހުލުވެރިން ފަޚުރުވެރިވާ ފަދަ މަސައްކަތެއް. މީގެ އަހަރުތަކެއްގެ ކުރިން ރާއްޖޭގައި މާގިނަ އިމާރާތްތަކެއް ފެންނާން ނެތްއިރު އަދި ދިވެހިރާއްޖެއަކީ ކޮންތަަނެއްކަންވެސް މާބޮޑަށްް ނޭނގޭއިރު ބޭރު މީހަކު ދިވެހިރާއްޖެ ސިފަކުރަމުން ބުނީ އެއީ އެތަނެއްގައި އެންމެ ރީތި އިމާރާތްތަކަށް މިސްކިތްތައް ފެންނަ ގައުމުކަމަށް. އޭނަ މިހެންބުނުމުން ފަޚުރުވެރިވި.
ބޮޑޭ އަހައްމަދު
21 March 2025
އެކަން އެގޮތަށް ހިގާނެއެވެ އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމުގައި އެކަންކަން ވާތީއެވެ.
ޣައުމީ
21 March 2025
ހުޅުމާލޭގައިވެސް ނުކެރޭ މިފަކަހަލަ ރީތި މިސްކިތެއް އަޅާލާކަށް. ކުދިކުދި މިސްކިތް ނާޅާ ލޭންޑް މާކަކަށް ވާކަހަލަ މިސްކިތެއް އަޅާލީއްޔާ ކީއްވާނީ. ޓުއަރިސްޓް އެޓްރެކްޝަނެއް ނެތް.
ކިމް
20 March 2025
މިސްކިތުގެ މަތީގަ މޭޒެއްތަ އެއިނީ؟
ޮފެޒް-
20 March 2025
މިސްކިތުގެ ޑެކަރޭޝަން ވަރައް ފުރިހަމަ. އެބައި ޑިޒައިންކޮއް ފަރުމާކޮއް ‘އިންސްޓޯލް’ކުރީ ތުރުކީ މީހުން އަޅުގަނޑައް އެނގޭގޮތުން . ދޮރުމތީ އަދި މިހްރާބު ގެ މަތީގަ އެހެރި ޑިޒައިން އައްކިޔަނީ “މުގަރްނާ”- އެއީ މެތެމެޓިކަލް ޕްރިންސިޕަލް ތަކުން ނެރޭ ޖިއޮމެޓްރިކް ޑިޒައިނެއ- ހިތުހުރި ގޮތަކައް ހަދާލާއެއްޗެއްނޫން. . ގުއްބު ތެރޭގަޔާ އަދި ޓައިލްވެސް އެެއީ އަތުން ކުރަހާފާ އަޅުގަނޑައް ފެނުނުގޮތުން.
ޖހހިގޖނި
21 March 2025
ދެން ދޭ ދިވެހި ކުލާހަކަށް ސުކުން ދަސްކުރަން