ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މިސްކިތެއްގެ ތެރެއަށް ވަދެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މިސްކިތުގެ ބޭރު ފާރު ވެއްޓި، ކާރު ވަނީ މިސްކިތުގެ ގޯތި ތެރެ އަށް ވަދެފަ އެވެ. އެ ހާދިސާގައި ކާރަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި އެވެ.

އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ހާދިސާ ހިނގިއިރު ދެ މީހަކު އެ ކާރުގައި ތިބި ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިން އުމުރުން 39 މީހާގެ އަތުގައި އޮތީ ވަގުތީ ލައިސަންސެއް ކަމަށެވެ.

މިދިޔަ ހަފުތާގައި އައްޑޫގައި ވެސް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އައްޑޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗް ތެރެއަށް ވަނީ ވަދެފަ އެވެ.