ބަލިވި ކަން ދެއްކުމަށްޓަކައި ސައްހަ ނޫން މެޑިކަލް ސެޓްފިކެޓެއް ހުށަހެޅި މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

އެސްޓީއޯގައި މަސައްކަތްކުރި އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުން ވަޒީފާ އަނބުރާ ހޯދުމަށާއި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދަން އެ މުވައްޒަފު ދައުވާ ކުރުމުން އެސްޓީއޯ އިން ޓްރައިބިއުނަލްގައި ބުނީ އޭނާ ވަކިކުރީ ހަތަރު ދުވަސް ވަންދެން އޮފީހަށް ހާޒިރުނުވެ ހުރުމަށް ފަހު، ބަލިވިކަން އެންގުމަށް ފޭކް މެޑިކަލް ސެޓްފިކެޓެއް އޮފީހަށް ހުށަހެޅުމުން ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އެކަމުގެ ސަބަބުން އޭނާއާ މެދު ކުންފުންޏަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި އޭނާ އިތުރަށް ވަޒީފާގައި ބަހައްޓައިފި ނަމަ ކުންފުންޏަށް ގެއްލުން ވެދާނެ ކަމަށް ބުނެ، އެކަން އެސްޓީއޯ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަކިކުރީ ރަނގަޅަށް ކަމަށް ވަނީ ނިންމައިފަ އެވެ.

ހައްގު ނޫން މަންފާއެއް ހޯދުމަށް ނުވަތަ ހޯދައި ދިނުމަށް ސައްހަ ނޫން ލިޔުމެއް އުފެއްދުމަކީ ގާނޫނުލް އުގޫބާތު ބުނާގޮތުން ޖިނާއީ ކުށެކެވެ.