އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ ސީއީއޯ ސައުދީ ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 އެޕްރީލް 2025 - 11:49
ޓާޝަރީ ފެންވަރަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ދެ ހޮސްޕިޓަލް އަޅައި ޖާގަ އިތުރުކުރަން 316 މިލިއަން ރުފިޔާއަށް ސަރުކާރުގެ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޅ. ނައިފަރު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޑިޒައިން އެންޑް ބިލްޓު އުސޫލުން އަޅަން ހަވާލުކުރީ އާރުޑީސީ އަދި އެމްޓީސީސީއަށެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ވަނީ ސޮއިކުރައްވައިފަ އެވެ.
ސަތާރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 161،245،343ރ. އެވެ.
ދެ ރަށެއްގައި ހޮސްޕިޓަލް އަޅައި ނައިފަރު ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ އެގްރިމެންޓުގައި މިއަދު ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކުންފުންޏާ ދެން ހަވާލުކުރީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ޖާގަ އިތުރުކުރުމަށެވެ. އެ ހޮސްޕިޓަލުގެ މަސައްކަތްތައް 17 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 147،437،643ރ. އަށެވެ.
ނައިފަރުގައި ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ. އެއީ 7.7 މިލިއަން ރުފިޔާއަށް، އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރީޖަނަލް ދެ ހޮސްޕިޓަލު ނިމުމުން ޓާޝަރީ ފެންވަރަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް އެ ތަންތަނުގައި ގާއިމްކުރެވޭނެ ކަމަށެވެ.
ނައިފަރުގައި ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެގްރިމެންޓުގައި ސޮއިކުރެއްވުމަށްފަހު ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަސްބާހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އަޅަން ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ފަހު ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސައިންސަސް، ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ ގިނަ ރަށްރަށުން މާލެއަށް ފޮނުވާ މައްސަލަތަކުގެ ތެރޭގައި ހިތާއި ކިޑްނީ އަދި ނާރުގެ ބަލިތައް ހިމެނޭ ކަމަށެވެ. އެހެންވެ، ޓާޝަރީ ފެންވަރުގައި އެ ހޮސްޕިޓަލުތައް ތަރައްގީކުރަނީ އެ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ އެކި ހޮސްޕިޓަލުތައް، އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތަކުގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.
ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުން އެކި ކަންކަމުގައި މާލެ ފޮނުވާ މީހުން މަދުކޮށް، ވީހާ ވެސް އަވަހަށް ބަލި މީހުންނަށް ފަރުވާ ދޭން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜޔތމހ
23 April 2025
މިއީ ކޮމިއުނިސްޓް ސަރުކާރެއް ހުރިހާ ތަނަކު ރިޓަޔާރޑް ޖެނެރަލް ނުވަތަ ރިޓަޔާރޑް ސީޕީއިން ނުވިތާކަށް ހުރިހާ ޕްރޮޖެކްޓްއެއް މިކުނަފުނިތަކަށް ދީގެން މިމިހުންގެ ޕާޓީ މީހުންނަށް ސަބްކޮންޓްރެކްޓްއަށް ޕްރައިވެޓް ގާބިލް ކުންފުނިތައް މަސައްކަތެއްނެތިފަ، ރާއްޖޭގައި އަދިވެސް ޕަބްލިކް ކުންފުޖިތަކުގެ ކޮރަޕްޝަން މަދީ، މޮޅެތި ގޮއްގޮތަށް ގޭސް އަބުރައިގެން ލާރި ކެވޭނެ ގޮތް ހޯދަނީ، ހީވަނީ ދިވެހިން ހަމަ ދެލޯކަނުހެން ބާރަށް އަތްޖަހާ، ޔާމީނުކެޔަސް ކަންތަކެއް ކުރިދޯ!
ފިނިފެންމާސައީދު
23 April 2025
މީގެ ދެ ދުވަހެއް ކުރިން އެއްކަލަ ފިނިފެންމާ ސައީދު ބުނި ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނަމޭ. އެކަމު އަނެއްކާވެސް މަޝްރޫއުތައް ސަރުކާރު ކުންފުނިތަކަށް ދޭތަން މި ފެންނަނީ. ނޫސްވެރިން މި ކުންފުނި ތަކުން ސަރުކާރާއެކީ ސޮއެކުރި ފޮޓޯނެގި މަޝްރޫއުތަކުގެ ލިސްޓެއް ހޯދާ، މަޝްރޫއު ތަކުގެ އަދާހަމަ ގެނެސްދެއްވާ.
ކެރެދި ބެއްޔާ
23 April 2025
ލިބޭ ހިދުމަތެއްނެތް .. އެކަމަކު ހަތްތާވެސް ޓާޝަރީ ހޮސްޕިޓަލްތައް...
ޕިސްޕިސް
23 April 2025
ފުރަތަމަ ހުރި ހޮސްޕިޓަލްތަކުން ޚިދުމަތް ރަނގަޅަށް ދެވޭތޯ މަސައްކަތް ކޮށްދޭންވީނު. އައިޖީއެމްއެޗްގަ ދެ ދުވަހުން 1 ދުވަހު ސީޓީ މެޝިން ހަލާކުވެފަ ހުންނަނީ. ކެންސަރ ޑިޕާޓްމަންޓުން އެޕޮއިންޓްމަންޓަކަށް އެދުނީމަ ކީމޯ ދޭންޖެހޭ ދުވަހުގެ 1 ހަފްތާ ފަހުން އެޕޮއިންޓްމަންޓް ހަމަޖެހިގެން މި އަންނަނީ ދެ ހަފްތާ ކުރިން އެޕޮއިންޓްމަންޓަށް އެދުނީމަ. އިންޑިޔާގެ އެތަށް ބިލިއަން މީހުނަށް ޚިދުމަތް ދޭންޖެހޭ އިރުވެސް މިފެންވަރަކަށް ނުވެއްޓޭ. ވަރަށް ދެރަ ކަންކަން
ރަށިއެތެރެ މީހާ
23 April 2025
ވަޒީފާ އުފައްދައި ، ޓެކްސް ދައްކައި ދައުލަތުގެ އިގްތިސާދު ކޮޅަށްޖަހައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ޕަރިއިވެޓް ކުންފުނިތަށް އިގްތިސާދީ ހަރަކާތްތަކުގެ ހަވާސާގައި ބޭއްވުމަށް ކުރެވޭ މަސައްކަތަކީ ކޮމިއުނިސްޓް ނިޒާމް އާލާކޮށް، ރައްޔިތުންނާއި ދިވެހި ވިޔަފާރިވެރިން ސަރުކާރުގެ މުށުތެރޭގައި ތާށިކޮށްފައި ބޭތިއްބުމުގެ ބޭނުމުގައި ދުރާލާ ރޭވިގެން ހިންގޭ ހަރާކާތެއްކަމުގައި ދެކެން.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
23 April 2025
ޔާމީން ވިދާޅުވާ ގޮތަށް، "ދަރިންނަށް ކިޔަވާ ދީގެން" ނޫން ގޮތަކަށް ހެލްތު ދާޢިރާގެ މައްސަލަތައް ޙައްލެއް ނުވާނެ! ހޮސްޕިޓަލް ތަކެއް އެޅިދާނެ. ނަމަވެސް ޑޮކްޓަރުން ނެތިއްޔާ ހުސް ބިލްޑިންގ އަކުން ކުރާނޭ ކަމެއް ނޯންނާނެ! އަޅުގަނޑުމެން މިހާރު މިދޭ ކުޑަކުޑަ މުސާރަ އަށް ރާއްޖެއަށް އައްނާނެ ޑޮކްޓަރުންނެއް ނުވާނެ! ހޮސްޕިޓަލްތައް އަޅާފަ، ޑޮކްޓަރުން ނެތިއްޔާ ޖެހޭނީ ހަމަ މިހާރު ވެސް މި ޖެހޭ ތަނުގަ! އައްނަން ޖެހޭނީ ހަމަ މާލެ އަށް!
ސުރައްޔާ
23 April 2025
ވަރަށް ސަޅި ވާހަކަފުޅު! ސިޔާސީ މަޤާމު ތަކަށް މުސާރަ ދީފަ ޑޮކްޓަރުންނަށް ދޭނެ ފައިސާ އެއް ނެތް!