24 އެޕްރީލް 2025 - 16:47
ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަމުގައި އެ ރަށު ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ އެންގުމާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން ސީދާ އެ މިނިސްޓްރީން ކުރަން މިއަދު ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަބަދުވެސް ކަނޑައަޅަނީ އެ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ އުސޫލާ ހިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި ފްލެޓްތައް ދޫކުރަން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި އިއުލާންކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އެ އިއުލާން ބާތިލު ކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސިޓީ ކައުންސިލަށް އަންގައި، ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތުގެ އުސޫލު އެންޑޯސް ކުރުމަށް މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް އަންގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް އެ އެންގުމާ އެއްގޮތަށް ތިނަދޫ ސިޓީ ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ އެއީ އެ މިނިސްޓްރީގެ ލަފަ އާއި އެންޑޯސްކުރުމަކާ ނުލައި ކޮށްފައިވާ އިއުލާނަކަށް ވާތީ، އެ އިއުލާނުގެ ދަށުން ކުރާ އެއްވެސް މަސައްކަތެއް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު، އެ ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލު ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް މިނިސްޓްރީން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާވަތު
25 April 2025
ދެންބުނާނެ ހުރިހާ ކަމެއް ކުރަނީ މާލޭ މިނިސްޓްރީއިންނޭ. ރައްރަށަށް ކަންކުރަން ދޫކޮއްލީމަ ހެސްކިޔާފަ ޖައްސަނީ ކޮރަޕްޝަން ގެއްލުވާލަނީ އެތައް ބައެއްގެ ޙައްޤް
ލާ މަރުކަޒު
25 April 2025
ލާމަރުކަޒީގެ މާނައަކީ ހުރިހާކަމެއް މައިސަރުކާރުން ކުރުންބާ!!!!
ބަދަން ސިތާރާ
25 April 2025
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން މިއީ ޔުނިޓަރީ ދައުލަތެް. އަޑިނުބައި ބަޔަކު އަޑީގައި ތިބެގެން މައިސަރުކާރު ބާރުކުޑަވާގޮތަށް ޖަހާފައިހުރި މަޅިމަޅީގައި މި ޖެހެނީ. ދެންވާނެ ހައެތިވަންދެން ބަލަންތިބޭ. ދޮންމީހުން ރަނގަޅުވެ އެމީހުންގެ ގޮތާއި ފޮތަށް މި ބައިމިލިއަން ހަމަނުވާ މީހުން އުޅެންޖެއްސީމާ… އަދި މިހާރަށްތުރެ ބޮޑެތި މުސީބާތްތައް ކުރިމަގުގައި ފެންނާނެ. ބަލަން ތިބެމާ!
ސުހާނާ
25 April 2025
ހއ. ދިއްދޫގެ ހައުސިންގ ޔުނިޓުތައް އެ ރަށު ކައުންސިލުން ދިނީވެސް އިޢުލާނުކުރި ގޮތާ ޚިލާފަށް. އަދި ކޮމިޓީއަށް ނުފެންނަނީއޭ ކިޔާފަައި، މަތިން ޕޮއިންޓް ލިބުނު ބައެއް މީހުން ކަޓުވާލާފައި. އެކަމާ ގުޅިގެން އެފަރާތްތަކުން ޝަކުވާވެސް ކުރި. އެކަމަކު އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ރަށު ކައުންސިލުން ބޭނުންނާގޮތަށް އެކަން ކުރަން ހުއްދަ ދިނީ. މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ކަޓުވާލީ އެމްޑީޕީއަށް ތާއީދު ނުކުރާ މީހުން.
މިނިސްޓްރީ
24 April 2025
ސީދާ މިނިސްޓްރީ މީ ނަރުދަމާ މިނިސްޓްރީތޯ؟