ގދ. ތިނަދޫގައި ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓު އަޅައިދޭން އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.

ތިނަދޫގެ މޭޔަރު ސައުދު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ އެ ސަރަހައްދުގައި ހުވަދުއަތޮޅަށް ނިސްބަތްވާ ފުލުހުން ގިނަ ކަމަށް ވިޔަސް، ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް ގިނަ ފުލުހުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ހައްލުކުރަން 200 ފްލެޓު އަޅައިދިނުމަށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފަ  އެވެ.

ކައުންސިލްތަކަށް ވެސް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެ އެވެ. އެކަމަކު، ވަކި ބަޔަކަށް ހާއްސަ ކޮށްގެން ފްލެޓު އެޅުމަކީ އުނދަގޫ ކަމެއް ކަމަށް ސައުދު ވިދާޅުވި އެވެ.

"ތިނަދޫގައި މިކަން ކުރިއަސް މިއީ މުޅި ހުވަދުއަތޮޅަށް ހާއްސަ ކޮށްގެން އަޅަން އެދުނު ފްލެޓުތަކެއް. ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު މިކަން ރަސްމީކޮށް ނިންމާފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި މީގެ ކުރިން ފްލެޓު އަޅާފައިވެ އެވެ. އޭގެ އިތުރުން، ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ވެސް ފުލުހުންނަށް ފްލެޓު ހާއްސަކުރި އެވެ. އެކަމަކު، ވަކި ދާއިރާއަކަށް އަމާޒުކޮށް މާލެއިން ބޭރުގައި މީގެ ކުރިން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ނުހިންގަ އެވެ.