ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރަން އެ ރަށުގެ އާބާދީ އޮޅުވާލިކަމުގެ ތުހުމަތުގައި މޭޔަރު ސައުދު އަލީ މިއަދު ޕޮލިހަށް ހާޒިރުކޮށްފި އެވެ.

ސައުދު ވިދާޅުވީ އޭނާ ޕޮލިހަށް ހާޒިރުކުރީ ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފާހަގަކުރަން ތައްޔާރުވަމުން އަންނާތީ ކަމަށެވެ.  

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، 2023ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގަ އެވެ. 

އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

ގާނޫނުގައިވާ ގޮތުން، ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 ހަމަވުމުންނެވެ. 

ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ފަހު އިބޫ އޭރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، ގަރާރުގައި ސޮއިކުރެއްވީ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. 

ތިނަދޫގެ އާބާދީއާ ގުޅޭ އެ މައްސަލައިގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް މީގެ ކުރިން ވެސް އާއްމުންގެ ބަޔަކު ޕޮލިހާއި އޭސީސީއަށް މައްސަލަ ހުށަހެޅި އެވެ. އޭސީސީގެ ޓީމަކުން މިދިޔަ އަހަރު ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ފާސްކޮށް، ބައެއް ލިޔެކިޔުންތައް ގެންގޮސްފަ އެވެ. 

ސައުދު ތުހުމަތުކުރެއްވި ގޮތުގައި މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ފަހުން އޭނާ ޕޮލިހަށް ހާޒިރުކުރުވަނީ، އެ ސިޓީގައި މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވަމުންދާތީ އެވެ. 

"ސިޔާސީ ގޮތުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިއަސް އޮގަސްޓް 22 ފާހަގަ ކުރާނެ. އެ ދުވަހާ ގުޅިގެން އޮގަސްޓް 20 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނެ،" ސައުދު ވިދާޅުވި އެވެ. 

އާބާދީ އޮޅުވާލި ކަމުގެ ތުހުމަތަށް ސައުދު ޕޮލިހަށް ހާޒިރުކުރިއިރު އެލްޖީއޭ އަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ހެދި ތިނަދޫ ކައުންސިލްގެ އިންކުއަރީ އަށް ފަހު ތިން މަސް ދުވަހަށް ސައުދު ސަސްޕެންޑް ވެސް ކުރި އެވެ.