ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު --
30 އެޕްރީލް 2025 - 10:49
ސްޓޫޑެންޓް ލޯނާއި ފްރީ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން ފޮނުވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބު ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް ޕޯޓަލެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ހުށަހެޅުއްވި ސިޓީގެ ޖަވާބު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ސްކޮލަޝިޕް ސެކްޝަނާއި ލޯނު ސެކްޝަނާއި ފްރީ ޑިގްރީ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ ސިޓީ އާއި އީމެއިލް ލިބޭ ކަމަށެވެ.
ދަރިވަރުންނަށް ލޯނު ދޫކުރުމުގައި އުފެދުނު ބައެއް ނުތަނަވަސްކަމާ އެކު، މިނިސްޓްރީ އަށް އަމާޒުވި ސުވާލުތައް އިތުރުވެ، ސެކްޝަނުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރަމުން އެ ހުރިހާ ސުވާލުތަކަށް ޖަވާބު ނުދެވި، ބޮޑެތި ލަސްތަކަކާ ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔައީ ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ކަމަށާއި އަދި އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، މި މައްސަލަ އިތުރަށް ހައްލު ކުރުމުގެ ގޮތުން ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާނެ ޕޯޓަލެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މި ޕޯޓަލްގެ މަސައްކަތް ނިންމައި އަންނަ އޮކްޓޯބަރު މަހު ބޭނުން ކުރަަން ފަށާނެ ކަމަށާއި އޭރުން ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބުދިނުން ވަރަށް ބޮޑަށް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
30 April 2025
އާން ރަގަޅު! ހުރިހާ ކަމެއް ތިވީ ދެން. މިނިސްޓްރީވެސް އުވާލާފަ ޕޯޓަލެއް ބަހައްޓާ.
ޑރ ވާންޗޯ
30 April 2025
ދަރިވަރުން އެއުޅެނީ އަންނަނީ،، އަންނަނީ،، ޖަވާބު ނުލިބިގެނެއްނޫނޭ!. ފައިސާ ނުލިބިގެން.
ޢަލީ ކުރުސީ
30 April 2025
ހަފްތާ ނިމޭ ދުވަހަށް ޕޯޓަލް އިފްތިތާޙް ކުރެވޭނެކަމަސް މިބަލަނީ!
ރަންނަ
30 April 2025
އެއީ މަހަކަށް 18000 ސިޓީއާއި އީމެއިލް. ހާދަހާ މައްސަލަތައް ގިނަވީމައޭ މިވަރުވާނީ. ހާދަހާވާ އިންތިޒާމު ދަށޭ. ހޮވުނުއިރުވެސް މުއިއްޒުއަށް ނުހިންގޭނެކަން އެގުނަސް މިހާ ދަށްވެދާނެކަމަކަށް ހިތަކަށް ނާރާ
ޕޯޓަލޭ
30 April 2025
ޙުސް ޕޯޓަލް. މިކަމުން ސަލާމަތްވާނެބާ. މި ހުރިހާ ޕޯޓަލްއެއް އެކައްޗަކަށް ހަދަންވެއްޖެނު.
ހައިދަރު
30 April 2025
ހަފްތާނިމޭ ދުވަހުގެ ކުރީދުވަސް އައުމުގެ ކުރިން ޖަވާބު ލިބޭނެ!
ދައުރު
30 April 2025
ޕޯޓަލް ހަދާނިމޭއިރު ދައުރު އޮންނާނީ ނިމިފައި. ވއ
ލަމްލަމް
30 April 2025
ދަރިވަރުންނަށް ދުއްތުރާ ޖެއްސުން ނޫންކަމެއް ސަރުކާރުން އެބަކުރޭތޯ
ބަދަބް ސިތާރާ
30 April 2025
މުޅިންވެސް ފޭކު. ޖަވާބު ނުދެވެނީ ފަރުވާ ކުޑަވީމަ. އަޅާލުންތެރިކަން ކުޑަވީމަ. އަންޒަމާނުއްސުރެ ވާރުތަވި ވައްޓަފާޅި ބަދަކުނުކުރާތީ. އިޚުލކާސްތެރކަން ވެސް ކުޑަވީމަ. ފޮނިބޮޑުކަމުން. ދޮގުހެދުމާއި އޮޅުވާލުން ބޮޑުކަމުން. މުޅިމިނިސްޓްރީ ދޮވެގެން ނޫންގޮތަކަށް ތިކަމެއް ނުވާނެ، މިހާރު ޕޯޓަލް ނެތީތަ. ނަސީބެއްނު ތިއިން ޕޯޓަލަކުން ދުނިޔޭންބޭރަށް ނުދެވޭކަން. އެހާވެސް ސަރުކާރުގަ ޕޯޓަލް ގިނަވިއްޔާ!