ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލާޝިޕްގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑްތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
"ތަރުޖަމާނާ އެކު"ގެ ނަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑުކާސްޓުގައި ހައިދަރު ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭ މައްސަލައިގައި ޝަކުވާ ލިބޭ ކަމަށެވެ.
ފައިސާ ދޫކުރަން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދެ މަސް ކުރިން އެ މަސައްކަތް ފަށާފައިވީ ނަމަވެސް ބައެއް މައްސަލަތައް ދިމާވެގެން އަށް ހަފުތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ގައުމުތަކަށް ސްޓައިޕެންޑް އެކި މިންވަރަށް ކަނޑައަޅާފައިވާތީ އެކަން މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
"ސްޓައިޕެންޑްގެ މައްސަލާގައި ސްޓައިޕެންޑުތައް މުރާޖައާ ކުރަން އަޅުގަނޑުމެން އެބަ ފަށަން. އެއީ ގާތްގަނޑަކަށް މިހާރު ހަތް ވަރަކަށް އަހަރު ވެއްޖެ ކަންނޭނގެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. ނަމަވެެސް ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން. އެހެންވީމާ މުރާާޖައާކުރުމުގެ މަރުހަލާއެއް މި އަހަރު ތެރޭގައި ފަށައިގެން މި އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މުރާޖައާކޮށް ނިމުމުން އެ ދަރިވަރަކު އުޅެމުންދާ ގައުމެއްގައި އުޅުމަށް ބޭނުންވާ އަދަދަކަށް ފައިސާ ދެވޭނެ."
މިދިޔަ ހަތަރު އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ގިނަ ދަރިވަރުންނަށް ފައިސާ ދޫކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދިނުމުގައި މަސައްކަތް ކުރަނީ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހުރިހާ ލިޔެކިއުމެއް ފުރިހަމަ ވާނަމަ ކަމަށެވެ. ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، ފައިސާ ދޫނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.