ރައުދު: އޭނާ ބަންދުކުރި އަމުރު ވަނީ އިސްތިއުނާފުކޮށްފައި.
18 މެއި 2025 - 21:01
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ގ. އެރިޔަދޫ، ރައުދު، 21، ފަސް ދުވަހަށް ބަންދު ކުރަން މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ރައުދުގެ ވަކީލް ވިދާޅުވި ގޮތުގައި އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ:
- ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުން
- އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
- ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހައްސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން
- ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިނުން
- އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން
ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް އަދި މީގެ ތިން ދުވަސް ކުރިން 10 ދުވަހަށް ރައުދު ވަނީ ބަންދުކޮށްފަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދޭން ދެކޮޅު ހަދައިފަ އެވެ. އެ މީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެ މީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.
ޔުމްނު ވަނީ ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފަ އެވެ. ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާމުޒާހަރާ
19 May 2025
ރައުދު ނުބައިކޮށް ހައްޔަރުކޮށްފަ ހުރެގެން ދެން ތި ޖެހުނީ އާ މުޒާހަރާއެއް ޖައްސާކަށްނު. ނެތްތަ އެކަން ކުރާނެ ކުދިންކޮޅެއް. ޔުމްނުއެކޭ އެއްގޮތަށް ރައުދުއަށްވެސް އިންސާފު ލިބެންޖެހޭ
ސިލްމާ ޒާހިރު
19 May 2025
4 ފަހަރު މުއްދަތު ޖެހިއިރު ވެސް މާއްދާ ގޯސް. ދޫކޮށްލުން ނޫން ގޮތެއް ދެން ހައިކޯޓަކަށް ނޯންނާނެ. ދެން އެންމެން ކޯޓްތައް ކުށްވެރިކުރާނީ. ހުށަހެޅި މައްސަލައަކީ، އިޖުރާއަތާ ޚިލާފަށޭ ބަންދުކުރީ. އެހެންވީމާ، އިޖްރާއަތާ ޚިލާފަށް ކަމަށް ނިންމުމުން، ބަންދުގައި އިތުރަށް ބެހެއްޓޭނެ ޤާނޫނީ ހަމައެއް ނޯންނާނެ.
ަނަސްތުހާގު
19 May 2025
މިއޮތީ މިސޮރު ނެރެން ގަސްދުގަ ފުލުހުން ގޯސް ހަދާފަ. މިއީ މިދައްކާ ވާހަކައަކީ. ތަހުގީގު ނުނިމެނީސް މިނިސްޓަރު ގޮތް ނިންމީމާ ދެން ދަށުގައި ތިބި ފުލުހުން ކުރާނީ އެގޮތަށް. ހިތާމަ ހުރި
ކެތްތެރި
19 May 2025
އެއްޗެކޭބުނަންއެނގޭނީ މިކުޅިއަށް ވާގޮތެއްއެނގުނީމަ. އެއިރުން ގަދަވާނެެކޮޅަކާއި ނުފޫޒު ހުރިވަރު އެނގޭނެ.
ބަޑިތަކުރު
19 May 2025
މީހުން ދޫކޮށްލުމަށްވެސް ކުށް ސާބިތު ނުވުމަށްވެސް މި އޮންނަނީ ހައްތަހާވެސް އިޖްރާއީ ނުކުތާތަކެވެ. ކުށް ކުރިތޯ ނޫންތޯ ބަލާކަށް ނުޖެހެއެވެ. މިއީ ހަމަ އެންމެ އަދުލުވެރި ގޮތްބާވައެވެ. މިގޮތަށްހަދާފައި ހުރި ޤާނޫނުތަކަކީ ފައިސާއަށް ވަކާލާތުކޮށްދޭ ވަކީލުންގެ މަންފާއަށް އެއުރެން ފަރުމާކޮށްފައިހުންނަ އެއްޗެހިވީމާ ވާގޮތްކަންނޭނގެއެވެ.
ފަރަންޖީ
19 May 2025
ރައުދު ބަންދުގައި މިހާރު މިބަހައްޓަނީ އޭނަގެ ސަލާމަތަށާއި ސަރުކާރުން ކަމެއް ކުރާކަން ދައްކަން. މިހާދުވަސްވާއިރު އޭނަ އިތުރަށް ދޭނެ އެއްވެސް މައުލޫމާތެއް ނެތް. ޔުމްނު ވެއްޓުމުގައި އޭނަގެ ރޯލު އޮތްތޯ ނެތްތޯ އެހެރީ ވީޑިއޯތަކުން ފެންނަން. އެރޭ ހިނގި ކަންކަމުގައި ބައިވެރިވާ އެހެން މީހުން ހައްޔަރުނުކޮށް ހިފެހެއްޓޭނީ ކޮންމެވެސް މީހަކު ޖަލުގައި ބާއްވައިގެން ކަމައްވާތީ މިސޮރު ގޮޅިއަކަށް ފައްތައިގެން މިއުޅެނީ.
ކޮރަލް
19 May 2025
މަންޒަރު ބަދަލު ވަނީ އެވެ. ޝަރުތު ތަކަކާ އެކު ދޫކޮށްލަ ފާނެ އެވެ. މިހާރު އެވާހަކަ ދައްކާ މީހުން މަދު ވެއްޖެ އެވެ.
ހަސަނުކޮއި
19 May 2025
މިފެންނަނީ ހައްޔަރު ކުރަން ބޭނުންނުވާ މީހަކު ހައްޔަރުކުރަންޖެހިއްޖެނަމަ، ފުލުހުން ގަސްދުގަ ޢަމަލުކުރާގޮތް. ނުބައި މާއްދާ....އޮޅުންއެރުން....ޗެއިން އޮފް ކަސްޓަޑީ ތަރުތީބުން ނެތުން...މިހުންނަނީ ގަސްދުގަކުރާ ކަންކަން
އާދަނުކޮއެ
19 May 2025
ހައްޔަރު ކުރަން ކޮންމެހެން ނުޖެހޭ މީހެއް ބަންދުކޮށްގެން ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރާތީ އުޅެން ޖެހުމުން ވަނީ ކިހިނެތް؟
ޤުމަރީ
19 May 2025
ތިޔަ މައްސަލާގެ ހުކުމް. ރައުދު ބަންދު ކުރީ ގޯސްކޮށް. ޜައުދު ބަންދުކުރަން ޖެހޭވަރުގެ ހެއްކެއް ފުލުހުންނަކަށް ނުދެއްކުނު.
ފެނިއްޖެތޯ
19 May 2025
ތި ބޭފުޅާއަށް ފެނިއްޖެތޯ އޭނާ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ވަރުގެ ސޮލިޑް ހެއްކެއް؟
އަދާލަތު
19 May 2025
އިސްތިއުނާފު ކުރުމަކީ ޙުކުމް އެހެންގޮތަކަށް ބަދަލުކުރުމެވެ. އަދިކިރިޔާ އިސްތިއުނާފުކުރަން ހުށަހެޅީއެވެ. އަމިއްލައަށް ކޯޓް ޙުކުމެއް އިސްތިއުނާފެއްނުކުރެވޭނެ.