އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރިސެޕްޝަންގައި ޑީސީޕީ ނަވީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް
21 މެއި 2025 - 15:48
ވަކި ފަރާތަކަށް ބުރަނުވެ، ވީހާ ވެސް ބޮޑަށް ސަމާލުކަން ދީގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި މަހުގެ 3 ވަނަ ދުވަހު ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މީޑިއާތަކާ އެކު ފުލުހުން ބޭއްވި ރިސެޕްޝަންގަ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރިސެޕްޝަންގައި ނަވީން ވިދާޅުވީ، ވަކި ފަރާތަކަށް ބުރަވެ، މައުލޫމާތުތައް ފޯރުކޮށްދޭ ގޮތުން ގޯސްވެދާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް ބޮޑަށް ސަމާލުކަން ދީގެން މައުލޫމާތު ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ފުލުހުން ރޭ ބޭއްވި ރިސެޕްޝަންގައި، ނޫސްވެރިންނާއެކު ދެ ޑީސީޕީން ކަމަށްވާ ނަވީން އަދި ފަރުހާދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް
މައުލޫމާތު ފޯރުކޮށްދޭ ގޮތުން އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭނެތީ އަދި ބައެއް މައުލޫމާތުތަކުން ސަލާމަތަށް ނުރައްކާ ވެދާނެތީ ނަވީން ވަނީ އެ ފަދަ މައުލޫމާތުތައް ގެނެސްދިނުމުގައި ވެސް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ފުލުހުންނާއި މީޑިއާތަކާ އެކު އޮންނަ ގުޅުން ހީނަރުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި ބާއްވާ މި ރިސެޕްޝަނަކީ ދެ ފަރާތުގެ ގުޅުން ބަދަހިކުރުމުގެ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މިފަދަ ހަފުލާއެއް ފުލުހުންގެ ފަރާތުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވީން ވިދާޅުވިގޮތުގައި، ފުލުހުންގެ ހިދުމަތުގައި މި ހޭދަވި މުއްދަތުގައި ނޫސްވެރިންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޭނާ އަށް ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުުގެ ކާރިސާ އާއި ކޮވިޑުގެ ވަބާ އަދި އިންތިހާބުތަކާ ދިމާކޮށް ގެންދާ އޮޕަރޭޝަންތައް ފާހަގަކުރެއްވި އެވެ.
އިސްކަންދަރުކޮށީގައި ރޭ ބޭއްވި ރިސެޕްޝަންގައި ފުލުހުންގެ އިސްވެރިންނާއި ނޫސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް
ނަވީން ވަނީ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި އާއްމުން ހޭލުންތެރިކުރުވުމާއި ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން އެ މުއައްސަސާ އަށް ކިޔާ ބިނާކުރުވަނިވި ފާޑުތަކާ ފުށުނާރާނެ ގޮތަށް އާއްމުންނަށް މައުލޫމާތު ގެނެސްދިނުމަށް އޭނާ މީޑިއާތަކަށް ރޭ އިލްތިމާސް ކުރެއްވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލިމްބާއި
22 May 2025
ވަކި ފަރާތަކަށް ނުޖެހި ފުލުހުން އުޅެން ފަށާނީ ކޮން އިރަކުން ބާ؟
ކެކެކެ
21 May 2025
ދެން އޮތް ޖޯކު ކިޔާބަލަ.
22222
21 May 2025
ބަހާއި އަމަލު ދިމާކުރީކަމެއް ރަނގަޅުވާނެ.
އަޖާމް
21 May 2025
ފުރަތަމަ ޕޮލިސް އިސްލާހް ވާންޖެހޭ..ވަކިމީހެއް ބެލުމެއްނެތި ކަންހިނގިގޮތް ހާމަކުރޭ..ވާހަކަ މީޑިއާގައި ފެތުރޭވަރަކަށް ފުލުހުންގެ ވާހަކަ ބަދަލު ކުރަނީ..ބޮޑުކަމެއް ހިނގުމުން ފުލުހުން ފުރަތަމަ ބަލަނީ ކޮން ސިޔާސީބަައެއްގެ މަސްލަހަތު އޮތްކަމެއްތޯ އެވަގުތަކުއޮތް ސަރުކާރުގެ މީހެއްނަަމަ ސެންސަރ.