އަލީ މުޝްފިގު.
21 މެއި 2025 - 11:19
މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އަދިވެސް ގޮތެއް ނުނިމޭ ކަމަކަށާއި މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ކޯޓުގައި ބަޔާން ދީފައިވާ ކަމަށް ލ. މާވަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ބޯޓުގައި ރޯވި ހާދިސާގައި، ލ. މާވަށަށް އުފަން އެ ޒުވާނާ ނޫން އެންމެން ވަނީ ސަލާމަތްވެފަ އެވެ. އޭނާ ފެންނާނެ ކަމުގެ އުންމީދެއް ނެތުމުން އާއިލާގެ އެދުމަށް، ޣައިބުގައި ކަށުނަމާދު ކުރަން ކައުންސިލުން ކުރިން އިއުލާނުކުރި އެވެ.
ނަމަވެސް ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް ދިނީ އިލްމުވެރިން ވިދާޅުވުމުން ފަހުން ނިންމީ ކޯޓުން މަރު ސާބިތުކުރުމަށް ފަހު ކަށުނަމާދު ކުރާށެވެ.
ރަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ، "މިހާރު" އަށް ވިދާޅުވީ މާވަށު މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލާގައި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ދެން އޮތީ މުޝްފިގުގެ މަރާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. އެކަމަކު އެ އަޑުއެހުން އަދި ތާވަލް ނުކުރާ ކަމަށް ވިދާޅުވި އެވެ.
"އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައި އޮތަސް މި މައްސަލާގައި ވެސް ފެނިގެން މިދަނީ ހަމަ އެހެން މައްސަލަތަކަކޭ އެއްގޮތަށް ކުރިއަށް ދާތަން،" އެ މައްސަލާގައި ގޮތެއް ނިންމުން ލަސްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން އެމްއެންޑީއެފަށް ކުރިން ފޮނުވި ސިޓީއަކާ ގުޅިގެން އެތަނުން އޭރު ވަނީ މުޝްފިގު ހޯދުމުގެ މަސައްކަތް އޭރުވެސް ކުރަމުން އަންނަ ކަމަށް ބުނެ ޖަވާބު ދީފަ އެވެ. އެމްއެންޑީއެފުން ކޯޓުގައި ބަޔާންދިނީ ވެސް އެހެންނެވެ.
"ސިޓީގެ ޖަވާބުގައި އޭރު ބުނެފައި އޮތީ މުޝްފިގު ހޯދުމުގެ މަސައްކަތް އެބަ ކުރަމޭ. އެކަމަކު މިހާރު އެ މަސައްކަތް ކުރާހެން ހިޔެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އަލީ މުޝްފިގު.-- ފޮޓޯ: ސޯޝަލް މިޑިއާ
ކައުންސިލްގެ ރައީސް ވިދާޅުވީ މުޝްފިގު ހޯދަން އެމްއެެންޑީއެފުން މިހާރު ކުރާ މަސައްކަތެއް ބެލުމަށް ކައުންސިލުން މަސައްކަތްކުރާ ކަމަށެވެ. އަދި މިކަމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކޮށްގެން ވެސް ކުރިއަށްދާން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
"މުޝްފިގުގެ ބައްޕަ މި ފަހުން ވެސް އަޅުގަނޑު ގާތު އެދިފައި އެބަވޭ އެމްއެންޑީއެފްގެ ލިޔުމެއް ހޯދައި އެ މައްސަލަ އަވަސް ކުރުމަށް މަސައްކަތްކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އަހްމަދު މޫސާ ވިދާޅުވި ގޮތުގައި ރަށުގެ މީހުންނަށް މުޝްފިގަކީ ހަމައެކަނި ނަމެއް ނޫނެވެ. އެ ޒުވާނާއަކީ މީހުންގެ އިހުތިރާމު ލިބުނު ރަނގަޅު ކުއްޖެއް ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި ގޮތެއް ކަނޑަނޭޅި ލަސްވުމަކީ ރަށު ތެރޭގައި ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އަހުމަދު އެވެ.
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން އައި މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެކަމަކު އޭނާ ދަތުރުކުރަމުންދިޔަ ބޯޓުގައި އަލިފާން ރޯވެގެން، އޭގައި ދަތުރުކުރި 18 މީހުން ވެސް މޫދަށް ފުންމާލިއިރު އޭގެ ތެރޭގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ ވެސް ހިމެނެ އެވެ.
އޭނާގެ ކޮއްކޮއާ އެކު މުުޝްފިގު މޫދަށް ފުންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮއްކޮގެ އަތުން، އޭނާ ދޫވެ، ގެއްލުނީ އެވެ. މުޝްފިގަށް ފަތާކަށް ނޭނގެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އޭރު އެމްއެންޑީއެފުން ވަނީ ކަނޑު މަގުންނާއި ވައިގެ މަގުން ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
21 May 2025
ޝަރުޢީ ކޯޓަކުން ވަކިގޮތަކަށް ނުނިންމާހާ ހިނދަކު ގެއްލިފައިވާ މީހާ މަރުވިކަމަށް އިސްލާމީ ޝަރީޢަތުން ނިންމޭނީ ހަތަރު އަހަރާއި ހަތަރުމަހާއި ދިހަދުވަސް ބެލުމަށްފަހު އެއްވެސް ތާކުން ނުފެނިއްޖެނަމަކަމަށް އުންމަތުގެ ޢިލްމުވެރީން ބުރަވެ ވަޑައިގަންނަވާ.ވީމާ ޝަރުޢީ ކޯޓެއްގައި ކަމާބެހޭ ފަރާތުން ގެއްލުނު މީހާ ހޯދަމުން ދާކަމަށް ބުނާ ހިނދު އެމީހާއަކީ މަރުވެފައިވާ މީހެއްކަމަކަށް ނުނިންމޭނެ.ދެން އެކަން ސާބިތުވާނެ އަނެއް މަގަކީ ހިކިފަސް ތަނަކަށް ލައްވެފައި އޮއްވާ ނުވަތަ ފަތާފައި އަރާ އޮއްވާ ފެނުން.މި ސަބަބަށް ޓަކައި އެހާ ދިގު މުއްދަތެއް ޝަރުޢީގޮތުން ކަނޑައަޅާފައި އެވަނީ.
ކުޑަ ވަކީލު
21 May 2025
އޭރުވެސް ބުނިން ޝަހީމު ބާރު ލާފަ އަންނަ ހަފްތާއަށް ނިމޭނެޔޭ ބުންޏަސް ނުފޫޒެއް ނެތި އާންމު އުސޫލުން ނުނިމޭނެޔޭ. އަނެއްކޮޅުން ދައުލަތުގެ ސަލާމަތީ ބާރުން މިބުނަނީ ތިމަންނަމެން މިހޯދަނީއޭ އަދިވެސް. ދެން ހޯދަހޯދަ ހުއްޓާ ކޯޓުން ބުނަންވީ ނޫނެކޭ މަރުވިއްޔޭ؟ ކޯޓަށް ތިކަމުގައި އެންމެ ބޮޑު ބުރަދަނެއް ދެވޭނެ ބަހެއް ފޯރުކޮށްދެވޭނީ ސިފައިންނާ ފުލުހުންނަށް. އެއީ ކޮން ފުރުސަތެއްތޯ އޮތީ ދިރިހުއްޓާ ފެނުމުގެ. ދެން އެމީހުންނަށް އެކަން ނުކުރެވުނީމަ ކޯޓު ލަހޭކިޔަނީ
މާރިއާ
21 May 2025
ކޮންމެ ކަމެއްވެސް ސިޔާސީ ކުރަނީ ނުވަތަ ތިމާމެން ބޭނުންވާ ގޮތަށް އަވަސް އަރުވައިލަގެން އެކަމެއް ނުވާނަމަ އެގޯސްވީ އެކަމެއް ކޮށްދޭން ތިބި ބަޔަކު، ސައުންސިލުން ތިހާ އަވަހަށް އޭނަ ހޯދަން ބޭނުން ނަމަ، ލޯންޗު ފަހަރުގައި ނިކުމެ ހޯދަބަލާ،ކައުންސިލުން އެއްފަަހަރުވެސް ވިސްނާލިންތަ އަވަސްކޮށްލާފައި ޢަލީ ނުފެނުނޭ ލަފާކުރެވެނީ އޭނަ ނިޔާވީހެންނޭ ބުނާއިރަށް ޤާޒީ އޭނަ ނިޔާވިކަމަށް ނިންމާނެކަން،އަދި އަނެއް ދުވަހު އޭނަ ފަޅުރަށުން ފެނުމުން ދެން ކަންތައް ވާނެގޮތް
އެކޮއި
21 May 2025
ރާއްޖެއާއި ރާއްޖޭން ބޭރު ސަރަޙައްދުތައްވެސް ހުއްޓުމެއްނެތި ހޯދަނީކަމަށް މި ޚަބަރުން ދޭހަވަނީ. އެހާވެސް ރައްޔިތުމީހާދެކެ ލޯބިވާ ސަރުކާރެއް މިއޮތީ.
ޢީޅީ
21 May 2025
ޕޮލިހުންނައް ޑިޕެންޑުވެގެން ތޮބެންޔާ ގަރުނެއްވިޔަސް ތިކަމެއްނުވާނެ