21 މެއި 2025 - 15:32
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް އުފުލި އެވެ.
މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެންގި އެވެ.
އެކަމާ ގުޅޭ ގޮތުން ހައި ކޯޓުން މިއަދު ގޮތް ކަނޑައަޅާފައިވާއިރު، އެ ކޯޓުން އަނެއްކާވެސް ނިންމީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެގޮތަށް ނިންމީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންކޮކާ
22 May 2025
ކޮންމެވެސް ބޭފުޅަކު ހާމަކޮއްލަދީބަލަ ކޮން ހެެއްކެއް ނެތިގެންކަން ސާބިތުނުވީ އޭރުން އެނގޭނެ މީގައި ކޮރަޕްޓީ ސިފައިންތޯ ނޫނީ ގާޒީންތޯ ނޫނީ ކޮންމެވެސް އެހެންބައެއްތޯ..
ޝުކުރު
22 May 2025
ހެކީގެ ކަންކަމުގައި ދިވެހީން އަރާތިބި މިންވަރަކީ؛ ނިމިދިޔަ ވެރިކަމުގެ ދުވަސްވަރު ކޯޓުގައި އޮތް އަޑުއެހުމެއްގައި "ތިމަންނާ އަތުންނޭ 15 މިލިޔަން ރުފިޔާ ގުނީ" ބުނެ ކޯޓަށް ހެކިދިން މީހާ ފަހުން "އެއީ ވަގުތާއި ޙާލަތުގެ ގޮތުން ބުނި އެއްޗެކޭ، ތިމަންނާ އެއްޗެއް ގުނި ހަނދާނެއް މިހާރަކު ނުވެޔޭ!" ބުނެ އޭރު ސަލާމަތްކުރަން އުޅުނު މީހާ އެއީ މިހާރު މާ ބޮޑު ބޭނުމެއް ފުދޭ މީހަކަށް ނުވި. ކޯޓުންވެސް އެ މީހާ ކުރިން ދިން ދޮގު ހެތްކަށް ބަލާކަށް ބޭނުމެއް ނޫން.
ކަމަނަގެ ކަމަނަ
22 May 2025
ހެޔޮނުވާނެދޯ! މިރާއްޖޭގައި އެންމެ ފާޅުކަންބޮޑު ގޮތަށް އެންމެ އަނިޔާވެރިކޮށް ސީދާ ވީޑޯތައް ފެންނަ ގޮތަށް މަރާލި އެކަކު އަނަސްއަކީ. އެކަމަކު ހެއްކެތްނެތް. އަމިއްލައަށްތީ ގަޔަށް ވަޅިތައްޖެހީ. ކުރާނެކަމެއްނެތް. މިރާއްޖެ ކިރިޔާވެސް ހަމައަކަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޢުމަރު ނަޞީރުކަން މިހާރު ޤަބޫލުކުރެވެން ފަށައިފި. މިފަދަ ކަންކަމާ ބަހެއްބުނެލަން ކެރޭ މީހަކަށްވެސް ހުރީ އެސޮރު. ވަރަށް ދެރަ. މިފަދަ ޢަމަލުކުރާ މީހުން ދޫވެ ނުރައްކާބޮޑުވަނީ.
އަނތްރީސް
22 May 2025
އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބަންދުކޮށްގެން އެ ގެންގުޅެނީ ކިހާވަރަކަށް ހެކިލިބިގެންބާ؟ އޭގެ އޭގެތެރޭގައި ކެމެރާކުރަން އުޅުނު ކުއްޖަކުވެސް އެބަހިމެނޭ. މިމީހުންގެ ކުށްހާދަބޮޑޭދޯ. އަންތަރީސް ވެއްޖެ
ޢަރުތަ
22 May 2025
"އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ". ދައުލަތުން ތިޔަމަސައްކަތް ކުރައްވާ ފަރާތްތަކުގެ ހުރި ޤާބިލުކަމާދޭތެރޭ އަހުރެން ފަޚުރުވެރި މިވަނީ ފަޅައިގެން ދާވަރަށް، އަނަސް މަރުވިކަން ޔަޤީން ނުވާކަމަށް ނުބުނިކަން ނަސީބު.
އިބިލީސް
21 May 2025
ހައިކޯޓުގެ ބެންޗުގަ ނެތް ތިކަން ކުރާނެ މީހަކު. ތިޔައީ މާކުރިން ވެ ނިމިފަ ހުރިކަންކަން. ތަހްގީގުން ޕީޖީން ދަށުކޯޓުން ހައިކޯޓުން ތިޔަ އޮތީ ގަނެލާހަ. ދެން ނިޔާޒްގެ ސުލޫކު ބެލީމާ މިނުބައިވަނީ އަލީ ލަތީފު.
ޓެގު
21 May 2025
ޓެގުއަޅުވާފަ ދޫކުރަނީ މިމީހުންބާ؟ ކަންތަކާ ލައިގަންނަނީ.
ޖޯކް
21 May 2025
މީހުން މަރާފަ ކޯޓުތަކުން ރަތްދޫލާއިގަ ނުކުމެގެންދާނީ. ދެން މުއީޒު އެބުނަނީ ވޭޕު މަނާކުރީމަ ޅަ ޖީލު ސަލާމަތްކުރެވޭނޭ. ގޭންގުތަކާ ޑުރަގާ މިގައުމުގެ މުއްސަނދިންނާ މީ އެެއްބައެއް. ކޮންކަމެއްދެން ރަނގަޅުވާނީ.
ޖަޖް
21 May 2025
މިއީ ކޮރަޕްޓް ޖަޖުންގެ ސަބަބުން ވާކަންކަން. ގޭންތަކުގެ ބަަދަލުގައި ކޮރަޕްޓް ޖަޖުންގެ ވާހަކަ ދައްކަންވީ ބާރަށް.
އިންސާފް އުތުރިއަރަނީ
21 May 2025
الله أكبر الله أكبر