ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓްމަސް އަށް ފައިސާތަކެއް ޑިކްލެއާކުރަނީ: ފުރަން ދިޔަ އިންޑިއާ މީހެއްގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާ ފަސް އަހަރު ފަހުން ވަނީ ހަވާލުކުރަން ކޯޓުން ހުކުމް ކޮށްފައި.
23 މެއި 2025 - 18:58
ފުރަން ދިޔަ އިންޑިއާ މީހެއްގެ އަތުން މީގެ ފަސް އަހަރު ކުރިން ފެނުނު މިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާ އެ މީހާއާ ހަވާލުކުރަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސެޕްޓެމްބަރު 15، 2019 ގައި މުރުގޭޝް ކަރުނަ ނިދީ ނަމަކަށް ކިޔާ މީހާ އަތުން 60،037 އެމެރިކާ ޑޮލަރުާއި 5،414 ޔޫރޯ (1،021،237ރ.) ފެނިގެން ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު އެ ފައިސާ ހުރީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މި ފައިސާތައް ހިފައިގެން ފުރަން އުޅުނު މީހާ ބުނެފައިވަނީ ފުލުހުން މައްސަލަ ތަހުގީގުކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާ ނުކުރަން ނިންމައި ފައިލް ކޮށްފައިވާ ކަަމަށާއި އެކަމަކު ފައިސާތައް ދޭން ފުލުހުން އިންކާރުކޮށްފައިވާ ކަމަށެވެ. އޭނާ ދައުވާކުރީ މި ފައިސާތައް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ބަހައްޓަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އެވެ.
އޭނާ ޝަރީއަތުގައި ބުނެފައިވާ ގޮތުގައި ހިފެހެއްޓި ފައިސާތަކަކީ އެއާޕޯޓަށް ގޮސް ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅައި އޮންނަ އުސޫލުގެ ދަށުން ކަސްޓަމްސް އަށް ޑިކްލެއާކޮށްފައިވާ ހުރި އެއްޗެއް ކަމަށެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ތުހުމަތުކޮށް ފައިސާތައް ކަސްޓްމަސް އިން ހިފެހެއްޓީ އެ ފައިސާތައް ޑިކްލެއާކުރުމަށް ފަހު ފުރަން ތައްޔާރުވަނިކޮށް ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ކަސްޓްމްސް އިން ފުލުހުންނަށް ހުށަހެޅުމުން ހިންގި ތަހުގީގުގައި، މުރުގޭޝް ވަނީ އެ ފައިސާތަކަކީ އެކި މީހުން އޭނާއާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ބުނެ އެކަން ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅައިފަ އެވެ. އަދި ފައިސާ ދިން އެންމެން ފުލުހުންނަށް ބަޔާން ވެސް ދިން ކަމަށް ބުންޏެވެ.
އެކަމަކު ފުލުހުން ބުނީ އެ ފައިސާ އަކީ މުރުގޭޝްގެ އެއްޗެއްކަން އެކަށީގެންވާ ގޮތެއްގައި ސާބިތުކޮށް ނުދެވޭ ކަމަށާއި އެހެންވެ ފައިސާތައް ހަވާލުކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ވެސް ނެތް ކަމަށެވެ.
ހުކުމުގައި ބުނެފައިވާ ގޮތުގައި މުރުގޭޝް އަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝްނާ އެގްޒިމް ޕާޗޭސްގެ މެނޭޖަރެއްކަން އެނގޭ ކަމަށެވެ. އެއީ ރާއްޖޭގެ ބައެއް ކުންފުނިތަކަށް މުދާ ފޮނުވައިދޭ ކުންފުންޏެއް ކަމަށާއި މުރުގޭޝް ރާއްޖެއަށް އަންނަނީ މުދާ ނުވަތަ ސާމްޕަލް ހިފައިގެން ކަމަށެވެ. އަދި ބައެއް ފަހަރު އިންޑިއާ ކުންފުނިން ރާއްޖޭގެ ކުންފުނިތަކަށް ފޮނުވާ މުދަލުގެ އަގު ލިބިގަތުމަށް ވެސް ރާއްޖެއަށް އަންނަ ކަމަށް ވެސް ތަހުގީގުގެ ލިޔުންތަކާއި ބަޔާންތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
މުރުގޭޝްގެ އަތުން ފެނުނު ފައިސާ ހިފަހައްޓާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ކޯޓު އަމުރަކުން ބަލައި ފާސްކުރުމުގެ ތެރޭގައި ނޫން ކަމަށް ވާތީ އެ ގާނޫނުގައި ބުނާ ހަމަތަކުގެ މައްޗަށް މި ފައިސާ ނުހިފެހެއްޓޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހުކުމުގައި އެކަން ފާހަގަކުރީ ފައިސާ ހަވާލު ނުކުރަން ނިންމީ ހައި ކޯޓުގެ ހުކުމެއްގައި ގާނޫނުގެ އެ މާއްދާއާ ހަވާލާދީ ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށްފައި ކަމަށް މުރުގޭޝްއަށް ފުލުހުން ލިޔުމުން ދިން ޖަވާބެއްގައި ބުނެފައި ވާތީ އެވެ.
އެހެންވެ ގާޒީ އަލީ އަބްދުﷲ ހުކުމް ކުރެއްވީ މުރުގޭޝްގެ އަތުން ފެނިގެން ހިފަހައްޓާފައިވާ ފައިސާ ފުލުހުން ނުދީ ހިފެހެއްޓޭނެ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އިއްޔެއިން ފެށިގެން 15 ދުވަސް ތެރޭ ފައިސާތައް ހަވާލުކުރަން ފުލުހުންނަށް ވަނީ އަމުރުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ އަހްމަދު
24 May 2025
އަހަރެން ހިތަށްއަރަނީ ތިޔަފައިސާ މިހާރުއެބަހުރިބާއޭ
ފޭރުން11
24 May 2025
ފުލުހުންގެ ތިޔަ އޮންނަނީ ޖަންގަލީގެ އުސޫލެއްނު. މީހުން ގިނަވެފަ ގަދަފަދަވީމަ ހިތައްއެރި ގޮތަކަށް ހެދުން ތިޔަ އޮންނަނީ. މައްބަހުން ތިޔަށްކިޔާނީ މީހުންގެ މުދާ ފޭރުން. 5 އަހަރު ހިފަހައްޓައިގެން ތިޔަ އުޅުނީ. އެފައިސާ ހޯދަން މީހާ ތެޅެންޖެހޭ ތެޅުމަށްވެސް ބަދަލުދޭންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
24 May 2025
ދައުލަތުގެ ސުޕްރިމްކޯޓް އަނެއްކާވެސް ކުރީގެ ޙާލަތަށް ވެއްޓިފައިވާތީ، މިފަދަ ކަންކަން ކުރިއަތް އޮތްތަނުގައި ފެންނަލެއް ގިނަވެދާނެ. ތަހްޒީބީ ދައުލަތް ތަކުގައި ޑެކްލިއަރ ކޮށްގެންވެސް އަތުން ފައިސާ އުފުލޭނީ ވަކި ހަމަތަކެއްގެ ތެރެއިން ކަޑައެޅިފައިވާ އަދަދު ތަކަކަށް. އަނެއްކާ ޓެކުހުގެ ޒަމާނުގައި ތިހެން ހުށަހަޅާ ބުރަދަނެއް ލިއުންތަކަށް ބަލައިގެން ތިކަން ތިހެން ކުރަން ފަށައިނި ނަމަ ރާއްޖޭގެ ޓްއަރިޒަމް އާމްދަނީ އަށް ވާނުވާ ވެސް ދެން ނޭގޭނެ ނޫންތޯ.
މަހާރަދުން
24 May 2025
ތީގަ ހިން ހަމަ ޖެހޭ ކަޓެއް ގާޒީ އަށް ދީ ފަ ވާކަން ރަނގަޅަށް ވެސް ސާބިތުވޭ!!!! ދިވެހިންނަށް ހަލާކު ހުރި!!!
ހާބިރު
24 May 2025
މިތާ ކޮމެންޓު ކުރާ މީހުން ފުރަތަމަ ލިޔުން ރަގަޅައް ކިޔާފަ ޑެކްލަޔާ ކުރުމަކީ ކޮބައިތޯ މީހަކު ކައިރިން ނަމަވެސް ގެޓު ވެބަލަ. ގަމާރު ކޮމެންޓް ވިއްޔަ ކޮއް ނަގަނީ
އެސްމޯ
24 May 2025
ފޭރުން ތިޔަށް ކިޔާނީ. ލަދުކަމެއް ދޯ
ޢިންޓްރަސްޓް
24 May 2025
އެއްވެސް ގާނޫނީ ހަމައެއް ސަބަބެއް ނެތި މީހުންގެ ލާރި ހިފެހެއްޓުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟
ރަނގަޅު
24 May 2025
ވަރައް ރަނގަޅު ވާހަކައެއް. ފައިސާތައް ހަވާލުކުރުމުން ދެން އިތުރު ދައުވާއެއްކުރުން ވަރައް ކައިރިކަމެއް. އެހާދުވަހު ފައިސާތައް ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލުހޯދަން. އެއްވެސް މަސައްކަތެއް ފެންނަންނެތް ޕްރޮޖެކްޓުތަކުގެ މިލިއަނުން ބަދަލުދޭންޖެހިފަ އޮންނަނީ. މިފަހަރު އެބަދަލު ދޭނީކާކު.
ފައިސާ ފައިސާ
24 May 2025
ބޭންކު މެދުވެރިކޮށް ނޫނީ ތިޔަ ޢަދަދަށް ފައިސާ ނުފޮނުވޭނެ ގޮތެއް ހަދަންޖެހޭ. މިމީހުން އެންމެންވެގެން ރާއްޖެ ހުސްކޮށްފި.
ފައިލް
24 May 2025
ތިޔައީ އެމްޑީޕީ ސަރުކާރުން ހަދާފަ އޮތް ޑީލެއް އެމީހުން ފައިސާ ނަގާފަ އޭރުވަނީ ފައިލް ކޮއްފަ
ޢައިޝަތު އަލީ
24 May 2025
2019 ގައި ވެރިކަމުގަ ހުރީ ޔާމީނު އެއް ނޫންބާ؟
ޢަޙް.މަދު.
24 May 2025
2019 ގަ ވެރިކަމުގަ ހުރީ ޢައިޝަތު ޢަަލީ! އެންމެ ރަނގަޅުތަ؟ ކޮމެންޓް ކުރެވޭތޯ ބަލާތި!
ޅެޕް
24 May 2025
ކަލޯގަޔާ ދުލުގަ އެމްޑީޕީ ނޫނީ ނެތީތޯ؟ ދޯހަޅި ގާނޫނު ހަދާ ބަޔަކުގެ ސިކާރައަކަށް ރާއްޖެ.
ކޭސް
24 May 2025
ބޭންކު މެދުވެރިކޮށް ފައިސާ ފޮނުވެން އޮންނައިރު، ނަގުދު ފައިސާ ތިޔަ ގޮތަށް ބޭރުކުރުމަކީ ބަލަން ޖެހޭ ކަމެއް. އޭނާ އެކުރަނީ ކޮން ވިޔަފާރިއެއްތޯ ބަލާ ޔަގީންކުރަންޖެހޭ. އަޅާނުލާ ދޫކޮށްލައިފިނަމަ ވަގު ލިޔުންތަށް ދައްކާ މަނީލޯންޑާ ކުރެވޭނެ.
ވާނުވާ ދިވެހިން
24 May 2025
ބަލަގަ ދިވެހި ވިޔަފާރިވެން މުދާ ގަނެފަ އެޔޮތީ އިންވޮއިސް ވެސް ހުށައިއޭ. ފައިސާ ދައްކާ މީހާ ކޭޝުން ފައިސާ ދެއްކުމަކީ ސަޕްލަޔަރުގެ މައްސައެއް×ނޫން ދޯ