މިނިސްޓަރު މުއްތަލިބު: ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށް --
29 މެއި 2025 - 17:56
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް ނޮވެމްބަރު 15، 2023 ގައި ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން އޭރު ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު، ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓް ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ގިނަ މީހުން ޝަރުތު ހަމަވެގެންދާނެ."
މިނިސްޓަރު ވިދާޅުވީ މިކަން ބެލުމަކީ ބަލާނީ ވަކި ލިޔުންތަކަށް ނޫން ކަމަށާއި ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. މީގެ ކުރިން ކައުންސިލުތަކުން ހޯދި ލިޔުންތައް ބަލައިނުގަންނަން މިނިސްޓްރީން ނިންމާފައިވެ އެވެ.
ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަން ސާބިތުވާ ނަމަ އެ މީހެއްގެ ފޯމް ބާތިލް ކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާ ކަން ސާބިތުވެއްޖެ ނަމަ، އެމީހެއްގެ ފޯމް ވެސް ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެމަފިރިއަކަށް ފްލެޓް ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެތަނުން އެކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް އުނިކުރާ ފަރާތްތަކުގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަށް ދާ މީހުންގެ މެދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މީގެ ތެރެއަށް އިތުރު ޕޮއިންޓްތަކެއް އިވެލުއޭޓްކޮށްގެން ކުރިއަށް ދިޔުމުގެ އެއްވެސް ހިޔާލެއް އެއްވެސް މަސައްކަތެއް ނުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުންތައް ހަދައި، އަންނަ ސެޕްޓެމްބަރު މަހު އެ ތަންތަން ހަވާލު ކުރެވޭނެ އެވެ. ކުރީގެ ސަރުކާރުން ބައެއް މީހުންނާ އެކު އޮންލައިންކޮށް އެއްބަސްވުންތަކެއް ހަދާފައިވީ ނަމަވެސް، އެ އެއްބަސްވުންތަކަށް ރިއާޔަތް ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީެާއިރު
31 May 2025
ވަރަށް އޮޅޭ ހެޑްލަަިންއެއް. އަސްލު ވާގޮތަކީ މި ސަރުކާރުގެ ފެބްރުަރީ ލިސްޓް އަށް ދިނުން. ޢެހެން ބުނެފަ އިނީ
ނަފާ
31 May 2025
މުޅިދުނިޔޭގައި ތިބި އެންމެ މޮލު މިނިސްޓަރުންނޯ މިސަރުކާރުގައިތިބީ 2 އަހަރުވާއިރުވެސް ފުލެޓް ލިސްޓު ތަރުތީބު ނުކޮއްލެވުނު، ދެންވެސް އެއްވެސް ތަނަކުން ފުލެޓެއް. ލިބިފަނެތް މީހުންބަލާފަ ފުލެޓުތައް ދީބަލަ އޭރުން ތިކަމަށް އަލިމަގެއް ފެންނާނި،
ފުލެޓ
30 May 2025
65 ވެސް ދީފައޭ ހުރި ޝަރުތު ހަމަވާނެ މީހުންނަށް ވެސް 75 އެކަނި ބަޅަނީ ކީއްވެތަ
އޮނަރަބްލް އަފީފު ދީދީ
30 May 2025
ފުލެޓް ލިބޭ މާލޭމީހުން ފުލެޓަށް ފައިސާ ނުދައްކާ މިހާރުވެސް 80 ވަރަކަށް މިލިޔަން ރުފިޔާ އެމީހުންގެ ދަރަނީގެ ގޮތުގައި އެބަހުރި. މިކަން ހުއްޓުވާ "ދައުލަތް ދަރަނިން ސަލާމަތް ކުރުމަށްޓަކާ" މީގެ ފަހުން ދޫކުރާ ސޯޝަލް ހައުސިންގ ފުލެޓް ތައް އެތަންތަނަށް ދައްކާން ޖެހޭ ފައިސާ ދައްކާ ނިމެންދެން ދައުލަތާއި ރައްޔަތް ޙިއްސާވާ ބެންކް އޮފް މޯލްޑިވްސް ގެ ދަށުގައި ބެހެއްޓުމަށް ފަހު ބެންކް އާއި ފުލެޓް ލިބޭ މީހާއާއި ދެމެދު ފައިސާ ދައްކަން ކޮންޓްރެކްޓް ހެދުން ރަނގަޅު.
އަލީބެ
30 May 2025
ކުއްލިއަކަށް 75 ޕޮއިންޓަށްވުރެ މަތިން 4000 އަށްވުރެ ގިނަމީހުނަށް ޕޮއިންޓު ލިބުނީ. ބޮޑު އޮޅުވާލުމެއް. މެޑަމް ލިސްޓު ގެންގުޅުނު މީހުނަށް ފުލެޓު ނުބެހޭނެ
ގުދުގުދާބެއްޔާ
30 May 2025
ރައްރަށުން ބޮޑެތި 3000 އަކަފޫޓުގެ ބިންވަޅު ލިބިފައިވާ އަދި ގޯތީގެ ރަޖިސްޓްރީ ނަހަދާ ކިތަންމެ ބަޔަކު އެބަތިބި! އެމީހުންގެ ބޭނުމުކީ މާލޭ ސަރަހައްދުން ފުލެޓް ހޯދުން، މިކަން ކައުންސިލާ ގުޅާފަ ހޯދާފަ މެނުވީ ފުލެޓް ހަވާޅުނުކުރަން އެދިދަންނަވަން! އެހެން ނޫނީ ރައްޔިތުންގެ ދެމެދު މައްސަލަ ޖެހި މަސްލަހަތު ގެއްލިދާނެ!
ފަޅުމަސް
30 May 2025
ކައުންސިލަށް އެނގޭނީ އެ ރަށެއްގައި ނޫޅޭކަން.. އޭނާ އުޅުނީ ކޮން ރަށެއްގައި ކަން ބަޔާންކޮށް ކައުންސިލަށް ލިޔުން ދެވޭނަމަ އެއީ ގޯހެއް.. އޭރަށް ކައުންސިލުން އެ ދޫކުރަނީ ޔަގީން ނުވާ ލިޔުމެއް..
ފަޅުމަސް
30 May 2025
އެހެންވީމަ 1000 މީހުން ބާކީ ވާނެތާ.. ހުރީ ތިން ކޮޓަރީގެ 2700 ފްލެޓުކަމަށް ބުނި އޭރު.. އެކަމު ޝަރުތު ހަމަވާ ލިސްޓުގައި 3700 މީހުން ތިބި.. އޭސީސީން ސައްހަ ކުރި ލިސްޓު ވެސް ފަނު ފުލުންތަ މި ދިޔައީ؟
ޢަލިމަނިކު
30 May 2025
ހަމަހަމަ ކަމެއް ނެތް. ރައީސް ޔާމީނު އިރުގަ ދިން ފުލެޓް އަތުލީ ރައީސް އިބޫ މިތަނުން އިސްކަން ދޭން ޖެހޭނީ ކުރިން އަތުލި މީހުންނަށް. ޢަތުލި މައްސަލައިގަ އިބޫއަށް ޖިނާއީ ދައުވާ ކުރަން ޖެހޭނެ އެތައްބަޔެއްގެ ހައްގައް ގަސްދުގައި އަރައިގެންފަ އެހުރީ. ޜައީސް މުއީޒްވެސް ހަމަ އިބޫ ހިނގި މަގުން އެހިގަނީ.
މރޔނބ
30 May 2025
ކައުންސިލަކައް ނޭންގޭނެ މިވެނި މީހެއް މިވެނި ދުވަހަކުން ފެށިގެން މާލެ ބަދަލުވި ކަމެއް ނޫން ކަމެއް. ކައުންސިލުން ބަލަހައްޓާ އެއްޗިއްސެއް ނޫން އެއީކީ. ސުކޫލް ލީވިން ސެޓިފިކެޓައް ބެލީމަ އެނގޭނެ އެމީހެއް އަދި އެމީހެއްގެ ދަރިން އުޅުނީ ރަށުގަތޯ ނުވަތަ ނޫންތޯ.