ހައުސިން މިނިސްޓަރު މުއްތަލިބު: ފިރިމީހާ/އަނބިމީހާގެ ގޯއްޗެއް އޮތް ނަމަ ފްލެޓް ލިސްޓުން އުނިކުރާނެ ކަމަށް ވިދާޅުވި
29 މެއި 2025 - 18:40
ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭ ސަރަަހައްދުން ގޯތީ ދޫކުރަން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ ކަމަށެވެ.
"މާނައަކީ ސަރުކާރުގެ ސިޔާސަތަކީ އެއް އާއިލާއަކަށް އެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެ އުސޫލުން ބިންވެރިޔާ ސްކީމް ވެސް ގެދޮރުވެރިޔާ ސްކީމް ވެސް ކުރިއަށް ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ގޯތި ލިބިފައިވާ މީހުންގެ އަނބިމީހާއަށް، ފިރިމީހާއަށް ފްލެޓް ނުލިބޭނެ."
މިހާރު އޮތް ލިސްޓްގައި ފްލެޓް ލިބޭ މީހުންގެ ތެރެއިން 302 މީހުންނަކީ އެމީހުންގެ ނަން މަތީ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހަކު ވެސް ލިސްޓްގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި 391 ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ކަމަށް އެބަ އޮތެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން ފިރިމީހާ އާއި އަނބިމީހާއަށް ފްލެޓް ލިބުމަށް ޝަރުތު ހަމަވި ނަމަވެސް، ފްލެޓް ލިބޭނީ އޭގެ ތެރެއިން ކޮންމެ ވެސް އެކަކަށެވެ.
ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު، 2023 ގައި އޭރުގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން މިއަދު ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
30 May 2025
ރައްރަށުގަ އެބަހުރި ފުލެޓް ލިބިފައިވާ ފަތާތްތަކުގެ ގޯތި!ގޯތީގެ ރަޖިސްޓްރީ ނުހަދާ ބާޢްވަނީ ހުޅުމާލޭން ފުލެޓް ހޯދަން!ހައުސިންގ މިނިސްޓްރީން ކައުންސިލްތަކަށް ގުޅާ ސިޓީފޮނުވަބަލަ މިގޮތައް ކިތައް ގޯތިދޯ ދީފައިވަނީ! މިކަން ހައްލު ނުކޮއް ފުލެޓްދީފިނަމަ މަސްލަހަތު ގެއްލޭނެ!
ވަގުގޯތި.
31 May 2025
އިބުރާހިމް ބަހާލި ގޯތި ލިބުނު މާލޭގެ އެތައް ބަޔަކު ވެސް ދޮގު މައުލޫމާތު ދީގެން 4000 ފުލެޓް ގެ ތެރެއިން ފުލެޓް ނަގާފަ އެބަހުރި.
އޮނަރަބްލް އަފީފު ދީދީ
30 May 2025
ފުލެޓް ލިބޭ މާލޭމީހުން ފުލެޓަށް ފައިސާ ނުދައްކާ މިހާރުވެސް 80 ވަރަކަށް މިލިޔަން ރުފިޔާ އެމީހުންގެ ދަރަނީގެ ގޮތުގައި އެބަހުރި. މިކަން ހުއްޓުވާ "ދައުލަތް ދަރަނިން ސަލާމަތް ކުރުމަށްޓަކާ" މީގެ ފަހުން ދޫކުރާ ސޯޝަލް ހައުސިންގ ފުލެޓް ތައް އެތަންތަނަށް ދައްކާން ޖެހޭ ފައިސާ ދައްކާ ނިމެންދެން ދައުލަތާއި ރައްޔަތް ޙިއްސާވާ ބެންކް އޮފް މޯލްޑިވްސް ގެ ދަށުގައި ބެހެއްޓުމަށް ފަހު ބެންކް އާއި ފުލެޓް ލިބޭ މީހާއާއި ދެމެދު ފައިސާ ދައްކަން ކޮންޓްރެކްޓް ހެދުން ރަނގަޅު.
ގުދުގުދާބެއްޔާ
30 May 2025
ކަލޯ މާލޭ މީހުން މިހާފެންވަރު ދަށް ނުވާނެ! ރަށްރަށުގެ މީހުން ބުނަނީ ދައުލަތުގަ ހުންނަނީ އެމީހުންގެފައިސާޔޯ ފައިސާދައްކާކައް ނުޖެހޭނެޔޯ! މިހެން ކިޔާފަ ފައިސާއެއް ނުދައްކާ! ފެލެޓްގެ ކުލީގެ ހައްލަކީ ދައުލަތުން ހުރިހާފުލެޓްތައް ބޭންކަށް ވިއްކާލާންވީއޭރުންދައުލަތާބޭންކާދެމެދުކަނޑައެޅޭއަގަކަށްމިހާރުވެސްއޮންނަގޮތައްއެޑްވާންސްފައިސާދައްކާ މަހުންމަހަށް ފައިސާދައްކާގޮތައްހަދާބަލަ!އޭރުންފައިސާނުދައްކާނަމަ ބޭންކަށް ތަން ނެގޭނެ!
ގުދު ގުދު ހަދަނީވެސް ގުދު ދޮގު.
31 May 2025
ކ.މާލޭ މީހުން ކުރާ ފެންވަރު ރަނގަޅު ކަންކަން އަހަރުމެންނަށް އެބަފެނޭ. މިހާރުވެސް ފުލެތަށް ލާރި ނުދައްކާ މީހުންގެ ނަންތައް އާންމު ކޮށްބަލަ. އޭރުން އެގޭނެ ފުލެޓަށް ފައިސާ ނުދައްކަނީ ކ.މާލޭ މީހުންކަން.
ބައުކަލޯބެ
30 May 2025
މޮޅު ވާހަކަ ނުދައްކާ. އެމަކަރާއި ހީލަތް ހަދައިގެން ގޯތިތަކާއި ފްލެޓް ހޯދި މީހުން ހަމަ އެތަންތަން ހޯދާނީ. މިސަރުކާރު ގެނައީ ކުރީން ހާވައިފައި އޮތް ހަޑި ސާފުކުރަން. އެކަމަަކު މިއީ އެއްވެސް ހަަކަތައެއް ނެތް ބައެއް. މަށާއި މަގޭ ބަސް އަހާމީހަކުވެސް މިސަރުކާރަށް ދެން ވޯޓެއް ނުދޭނެ.
ނަފާ
30 May 2025
އަބިމީހައަށް މާލޭން ގޯތި ހުޅުމަލެއިން ފުލެޓު. ފިރިމީހާއަށް 4000 ފުލެޓު ފުލެޓުން ދީފަ އެބަހުރި މިކަން ރަގަޅަށް ބެލުމަށް !!
ކުރީސަރުކާރުގެޖަރީމާ
30 May 2025
ބައިވެރިޔާ އެކަނިތޯ؟ މައިންބަފައިންގެ ބޯހިޔާވަހިކަން ހުރިއްކާ ކައިވެނިނުކުރާ ދަރިންނަށް ދީފަ ހުރި ގޯތިތައްވެސް އަތުލަންވީ. މަންމަ ހިޔާފުލެޓް ބައްޕަ އޮފީސްފުލެޓް ލިބިފައޮއްވާ ދަރިއަށް ގޯތިދީފަ އެބަހުރި.
ޢެޑްމުންޑޯ
30 May 2025
ރަގަޅު ނިންމެވުމެއް ، މަރުހަބާ ކިޔަން ތިޔައީ ވަރަށް އިންސާފްވެރި ނިންމެވުމެއްކަމަށް ގަބޫލުކުުރާނަން ތިގޮތަށް އަމަލުކުރައްވާފިނަމަ ، ބަލަން މިތިބީ
ދެރަވެ
30 May 2025
ޚާއްޞައެހީގެ ކުދިންނަށް ޔާމީން ދިން ފްލެޓްތައް ކޮބާ؟ ޢިބޫ ކަޓުވާލި ފްލެޓް، ދޭން ވިދާޅުވި ވަޢުދު...
ޒާޒާ
30 May 2025
ބާކީ ހުރި ފްލެޓްތަކަށް އިޢުލާނު ކޮށްދެއްވާ، އަޅުގަޑު އޭރު ފޯމް ނުލީ ދެވަނަ ބުރަށް (ފިރިއަކު ނެތި ދަރިން ގޮވައިގެން ވަޒީފާއެއް ނުލިބި، ރަށުން ގެވަޅުގަޑެއްވެސް ނުލިބި ގަނަތެޅެން ޖެހިގެން އަލުން) މާލެ އައިސް 15 އަހަރު ނުވާތީ، ދޮގު ހަދައިގެން ހައްޤުނޫން އެއްޗެއް ނުހޯދާން، ހިޔާފްލެޓްގަވެސް ތިޔަ ފްލެޓްވެސް ދޮގު ހަދައިގެން ފްލެޓް ހޯދި މީހުން ބައިވަރު އެބަތިބި، ދެރައީ ބިންފުރިފަ އޮތް ރަށުގަވެސް ކޮރަޕްޝަން، ނިކަމެތިންނަށް ގެނޭޅޭ ބުނެ ނުދޭ އުސޫލުން ވާތީ...
ފާތިނ
30 May 2025
ރަށުގަ ދެމަފިރިންގެ ގޯތޮ އޮތަސް ފްލެޓް ދެވިގެން ނުވާނެ، އެގެވަޅު ދޫކޮށް ނުލަނީސް، އޭރުން ރަށުން އެހެންމީހަކަށްވެސް އެތަން ލިބޭނީ އަދި ކުރީބުރެއްގައި އަނބި ފިރިމީހާއަށް ފްލެޓެއް އޮތަސް ދެވިގެން ނުވާނެ، އޮފީސްފްލެޓާ ވިނަރެސް ފްލެޓް ހުރި މީހުންވެސް ކަޑަންވާނެ، މިހާރު، އޮފީސްތަކުންވެސް މިހެންނުބަލާ ޑައުންޕޭމަންޓް ދެއްކިމީހަކަށް ވިއްޔާ ފްލެޓް އެބަދޭ، އެއްގެއެއްގަ އެކު އުޅޭ މީހުން އަނބި ފިިރި ދަރިންނަށްވެސް..މިހެން ހަދާތީ ބޯހިޔާ ވަހިކަން ހައްލު ނުވަނީ
ބީކޭ ޝާން ކުރެންދޫ
30 May 2025
އޭއްޗެކޭ މީއްޗެކޭ ކިޔާލަ ކިޔާލަ ދެއަހަރު