އައިޖީއެމްއެޗް ހޮސްޕިޓަލް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 މެއި 2025 - 13:07
އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ފަށާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ގެ ފުރަތަމަ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕުން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީމް ވިދާޅުވީ ޖީޕީ ކްލިނިކްތައް ހެދުމުން އިމަޖެންސީ ހާލަތްތައް ފިޔަވައި އާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް އެ ކްލިނިކްގެ މެޑިކަލް އޮފިސަރަށް ދައްކައި، އެ ޑޮކްޓަރުގެ ލަފާގެ މަތިން ސީދާ ކްލިނިކުން ސްޕެޝަލިސްޓަށް ދެއްކުމަށް އައިޖީއެމްއެޗަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ.
ރާއްޖޭގައި ރިފަރަލް ސިސްޓަމެއް ނެތުމުން ކުދިކުދި ކަންކަމުގައި އިމަޖެންސީއަށް ދެއްކުމާއި ބައްޔާ ގުޅޭ ސްޕެޝަލިސްޓް ނޫން އެހެން ޑޮކްޓަރުންނަށް ވެސް އެޕޮއިންޓްމަންޓް ހެއްދެ އެވެ. އޭގެ ނަތީޖާއަކީ ފަރުވާ ހޯދަން ވެއިޓް ލިސްޓު ދިގުވުމެވެ.
ހަލީމް މިދިޔަ އަންގާރަދުވަހު "މިހާރު"އަށް ވިދާޅުވީ ޖީޕީ ހަތަރު ކްލިނިކްގެ ތެރެއިން ފުރަތަމަ ތަން އަންނަ ޖުލައި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށެވެ. ވެމްކޯއާ ހަވާލުކޮށްގެން އެ އިމާރާތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުން ނިންމާފައިވަނީ މާލޭގެ ހަތަރު އަވަށެއްގައި ޖީޕީ ކްލިނިކްތައް ހުޅުވާށެވެ.
"ދެ ވަނަ ކްލިނިކް ވެސް ޕްލޭނިން ސްޓޭޖުގައި މިހާރު އޮތީ." ހަލީމް ވިދާޅުވި އެވެ.
އެ ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ޖީޕީ ސިސްޓަމަކަށް ދިއުމުން ވެއިޓްލިސްޓްގައި ތިބޭ އަދަދު މަދުވާނެ ކަމަށެވެ.
"މިސާލަކަށް، އަންހެނުންގެ ކަމެއްގައި ބަނޑުގައި ރިއްސާތީ ބަލި މީހަކު މި އަންނަނީ. އެކަމަކު، މި ދަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް. އަސްލު މީނަގެ ހުރީ އެހެން ބައްޔެއް. އަނެއްކާ މި ޖެހެނީ އަނެއް އެޕޮއިންޓްމަންޓް ހައްދަން. އެހެންވީމަ، ބަލި މީހާއަށް ވެސް ވަރަށް ދަތިކަމެއް އާދޭ އެކި ޑޮކްޓަރުން ކައިރިއަށް އެބަޖެހޭ ދާން ވެސް، އަސްލު ދާންޖެހޭ މީހާ ނޭނގި،" ޒޭބާ ވިދާޅުވި އެވެ.
އޭނާ އޭރު ވިދާޅުވީ އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓް 1،000 އިން މައްޗަށް އަރާ ކަމަށެވެ. އެ ފިލްޓާކޮށްފި ނަމަ، ހަގީގަތުގައި އެ ޑޮކްޓަރަށް ދައްކަންޖެހެނީ އެއަށްވުރެ މަދު އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޒޭބާ ވެދާޅުވި އެވެ.
"ދުނިޔޭގެ ގިނަ ތަންތަނުގައި އިންނަނީ ރިފަރަލް ސިސްޓަމަކުން ސްޕެޝަލިސްޓުންނަށް ދެއްކުން. އަޅުގަނޑުމެން ވެސް އެ ކަހަލަ ސިސްޓަމެއް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ. އޭރުން ޕޭޝަންޓަށް ވެސް ލުއިފަސޭހަވާނެ، ދާންވީ ފަރާތަށް އަޅުގަނޑުމެންނަށް ވެސް ގައިޑެންސް ދެވޭނެ އަދި އޭރުން ދައްކަންޖެހޭ ވަގުތު ވެސް އަވަހަށް ދެއްކިގެންދާނެ." އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގަ އެވެ. އެ ތަނުގައި ހިދުމަތް ފެށީ އެއް ދަންފަޅިއަށް ނަމަވެސް، އެ ހިދުމަތް ފަހުން ވަނީ ރޭގަނޑު 11:30 އަށް ދަންމާލައިފަ އެވެ. ވަގުތު އިތުރުކުރިއަސް، ޖީޕީ ކްލިނިކުން ހިދުމަތް ހޯދާ މީހުން އިތުރުވާތީ ސަރުކާރުން ވަނީ ހުޅުމާލޭގައި އިތުރު ޖީޕީ ކްލިނިކެއް ހަދަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 May 2025
ތިކަމަކީ ދައުލަތުގެ ޙަޒާނާ ތަޅާހުސްކޮށް ހުރިހާ ވަސީލަތެއް ޤާއިމް ކޮށްފައިވާ މުޤައްދަސް ރަށްކޮޅަށް މެޑިކަލް ޓްއަރިޒަމަށް އެހެން ރަށްރަށުގެމީހުން ގެންދަންވެގެން ކުރާ ކަންކަން. އެހެން ނޫންނަމަ ފުރަތަމަ ކުރާންޖެހޭކަމަކީ ކުޅުދުއްފުށި، ކުޑަހުވަދޫ، ލ.ފޮނަދޫ، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީގައި ހުރި ހޮސްޕިޓަލް ތަކަށް ރަނގަޅު ޑޮކްޓަރުން ފޮނުވާ އެތަންތަނުން ޓެސްޓް ހެދޭނެގޮތްހަދާ އިތުބާރުހުރިގޮތަކަށް ބަލިމީހުނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
ހަޖަމް މުގުރު
30 May 2025
އައިޖީއެމްއެޗްއަށް މިހާރު ރޭގަނޑުވެސް ދެއްކޭނެ، ގަވާއިދުން ތިޔަ ހަޖަމުގެ ބަލިގަނޑަށް ބޭސް ފަރިއްކުޅުއްވަން ވެއްޖެނޫންތޯ؟.
ކަނބުލޮދައިތަ
30 May 2025
މިކަމަށް އޮތް ހައްލަކީ ބަލިމީހާއަށް އިތުރު ބުރައެއް ޖައްސަން ދެމެދަށް އިތުރު މީހަކު ލުމެއް ނޫން. ދޫކުރާ ނަންބަރު ތައް ގިނަކޮށް، ބަލި މީހުން ބަލާ ދުވަސްތަކާއި ވަގުތު އިތުރުކުރުން. އެމީހުން ރައްޔިތުންގެ ފައިސާއިން ކިޔަވާފައި އަމިއްލަ ކުލިނިކުގައި ގިނަ ފައިސާ ހޯދަށް އުޅޭ އުޅުން ހުއްޓުވުން. ރައްޔިތުންގެ ފައިސާއިން ކިޔަވައިގެން ނައިސް ބޭރުގައި ތިބި ޑޮކުޓަރުން ރާއްޖެ ގެނައުން. ކިޔަވަން ފޮނުވަން ހެދި އެއްބަސްވުމާ އެއްގޮތަށް އަތޮޅުތަކަށް ފޮނުވުން.
ކަނބުލޮދައިތަ
30 May 2025
ތިޔަހެން ހެދީމަ ހާއްސަ ބަލިތަކުގެ ޑޮކުޓަރުންނަށް ދައްކާ މީހުން މަދުވާނެ. ނަމަވެސް ފަރުވާ ހޯދަށް ރަށަކުން އަންނަ މީހާ މާލޭގައި ހުންނަން ޖެހޭ މުއްދަތު މިހާރަށް ވުރެ އިތުރުވާނެ. ބަލި މީހާ އުޅޭނީ ބައްޔަށް އެއްވެސް ލުޔެއް ނުލިބިގެން. ލޮލުގެ އިންފެކްޝަން އަށް ވެސް ފުރަތަމަ ދާންޖެހޭނީ ލޮލުގެ ކަންކަން ނޭނގޭ އާދައިގެ ޑޮކްޓަރުގެ ގާތަށް. ދެން އޭނާ ނިންމާފައި ފޮނުވާނީ ލޮލުގެ ހާއްސަ މީހާގެ ގާތަށް. އޭރުން ހުންނާނީ ލޮލަށް ވާނެގޮތެއް ވެފައި.
ޑރ ވާންޗޯ
30 May 2025
އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަވާނެ ކެންސަލްވާ ޢެޕޮއިންޓްމެންޓަށް ދެންޖެހިގެން ހުރިދުވަހުގެ މީހުނަށް ގުޅާފަ އެޕޮއިންޓްމެންޓް ދޭނަމަ. އޭގެބަދަލުގަ ޑޮކްޓަރ އަވަހަށް ދުއްވައިގަންނަނީ ކޮންމެސް އަމިއްލަ ކްލިނިކްއަކަށް. ކިތައްޑޮކްޓަރުންތޯ ސައިންކޮށްފަ ތަނުގަބުރަކިޖެހެނީ ބަލާބަލަ.
އާންމުމީހާ
30 May 2025
ކިޔު ދިގުވަނީ ކޮރަޕްޓް ޑޮކްޓަރުން އާއިލާ މީހުންނަށްށާ ދަންްނަ މީހުންނަށް ނަންބަރު ބަހާ ހުސްކުރާތީ! އާންމު މީހާ ޖެހެނީ 4 މަސް ކިޔުގަ މަޑުކުރަން. ޑޮކްޓަރުންނާ އެމީހުންގެ އާއިލާ މީހުންނާ ރައްޓެހިންނަށް ވަގުތުން ނަންބަރު ލިބޭ! ރާއްޖޭގެ މެޑިކަލް މާފިއާ ކުރާ ކޮރަކްޕްޓް ކަންތައް ހުއްޓުވާނެ މީހަކު ނޫޅޭ!
ބޮޑުގޮހޮރު
30 May 2025
ބަލިމީހާވެސް ކުޑާކޮށް ޑޮކްޓަރަކަށް ވާން މިޖެހެނީ. އޭރުންތާ އެނގޭނީ ބަނޑުގަ ރިއްސިއަސް ދާންޖެހޭނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަށްނޫންކަން. އަނެއްކާ ޖީޕީ ކުލިނިކަށް ނުގޮސް ހަރަދުވެސް ވަގުތުވެސް ސަލާމަތްވާނެކަމަށްފެނޭ.