ފިތުނަ އުފެދޭ ގޮތަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައިވަނީ ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކާ މެދު ނުތަނަވަސްކަން އުފައްދައި، ބައިބައިވުން އުފެއްދުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ނޫސްވެރިން ލިޔާ ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ލިޔަމުންދާ ލިޔުންތައް ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެފަދަ ލިޔުންތައް ލިޔެގެން އަމަންކަން ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ މެދު އެ ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޯޓުން އެ ބަޔާން ނެރުނީ ފ. އަތޮޅުގައި ސައުދީ އަރަބިއާގެ ޝާހީ އާއިލާއިން ހިންގަން ނިންމި މަޝްރޫއާ އާއި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެ ކުރައްވަން ކުރިން ހަމަޖެއްސެވި ދަތުރުފުޅާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ރަސްގެފާނު ސަލްމާން ވަނީ އެ ދަތުރުފުޅު ކެންސަލް ކުރައްވައިފަ އެވެ.