އެކްސިޑެންޓުގައި ގެއްލިގެން ހޯދި، ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ.
26 ޖޫން 2025 - 20:34
ކަނޑުމަތީގެ އެކްސިޑެންޓެއްގައި 2020 ވަނަ އަހަރު ގެއްލުނު ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭނާގެ އުފަން ރަށް، ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
އެ ރަށު މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، ގެއްލުނީ ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގަ އެވެ.
ޑިންގީގެ ފަހަތަށް ލޯންޗު އަރައި އެކްސިޑެންޓު ހިނގިއިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގަ އެވެ. ވިއްސައިގެން ގޮސް އޭނާ މޫދަށް ވެއްޓުނު ފަހުން ނުފެންނަ ކަމަށް އޭނާއާ އެކު ޑިންގީގައި ތިބި މީހުން އޭރު "މިހާރު" އަށް ބުނެފައިވެ އެވެ.
ނަސްރުﷲ ގެއްލިގެން އޭރު ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ސިފައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.
ނަސްރުﷲ ދަތުރުކުރި ޑިންގީ ދެ ފަޅިވެ، އަޑިއަށް ދިއުމުން، އެމްއެންޑީއެފުން ޑިންގީ ނަގަނީ.
އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު "މިހާރު" އަށް މިރޭ ވިދާޅުވީ އާއިލާގެ ފަރާތުން ހުށަހަޅައިގެން ނަސްރުﷲ ގެ މަރު، މިދިޔަ އޭޕްރީލް މަހު ކޯޓުގައި ސާބިތުކޮށްފައިވާ ކަމަށެވެ. ނަސްރުﷲ ގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވެސް މިހާރު އަންގާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އެހެންވެ، މިހާރު ނިންމާފައި ވަނީ މާދަމާ ހުކުރު ނަމާދަށް ފަހު، އޭދަފުށީގައި ހުންނަ ތިން މިސްކިތުގައި ވެސް ކަށުނަމާދު ކުރިއަށް ގެންދިއުމަށް،" ފާތިހު ވިދާޅުވި އެވެ.
ނަސްރުﷲ ދަތުރުކުރި ޑިންގީ.
ގެއްލުނުތާ ފަސް އަހަރު ފަހުން ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރިއަށް ގެންދަން ނިންމިއިރު މި ފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
އެގޮތަށް މިނިސްޓަރު ވިދާޅުވީ މާލެއަށް ދަތުރުކުރަނިކޮށް މިދިޔަ އޭޕްރީލް މަހު ރޯވި "ހޮޅުދޫ ބޯޓު" އިން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި ކަށުނަމާދުކުރަން ނިންމުމުންނެވެ.
އެ މައްސަލާގައި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ކޯޓުގައި ބުނެފައިވާތީ ކޯޓުން ވަނީ މުޝްފިގުގެ މަރު ސާބިތުކުރުމުގެ މައްސަލަ މި ފަހުން ކޯޓުން ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު25
27 June 2025
الله މައްޔިތާއައް ހިޔޮރަހުމަތްލަވާ ސުވަރުގޭގެ ނަސީބުވެރިޔެއްކަމުގައި ލައްވާށި ..