މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލާގައި ކުޑަކުއްޖަކާއި މީހަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަމުން އަންނަނީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު 15، އާއި މާލެ، މ. ކުރިރުއް، އިރުފާން ރުޝްދީ، 21، އެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.
ފާތިރު މަރާލީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީގައި ކ. ކާށިދޫ، އަހްމަދު އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ.
ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. މާރާމާރީއާ ގުޅިގެން ކުޑަކުދިންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.