ގޭންގްތަކާ ވާހަކަ ދައްކަން މަހުލޫފް ގޮވާލެއްވުން އެތައް ބަޔަކަށް މައްސަލައަކަށް!

މާރާމާރީ ހުއްޓުވަން ގޭންގްތަކާ މަޝްވަރާ ކުރަން ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވުމުން އެތައް ބަޔަކު ވަނީ ހައިރާންވެފަ އެވެ. ބައެއް އާންމުންގެ ސުވަލަކީ މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޖިނާއީ ބޮޑެތި ކުށްކުރާ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަން ޖެހޭތޯ އެވެ.


ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ގޭންގެއް އުފެއްދުމާއި ހިންގުމާއި އޭގެ މެމްބަރަކަށް ވުމަކީ ވެސް ކުށެކެވެ. އެކަމުގެ އަދަބަކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ގޭންގެއްގެ މެމްބަރެއްކަން އެއްވެސް އިޝާރާތަކުން ވެސް ހާމަކޮށްފި ނަމަ އަށް މަހާއި 16 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.

ގޭންގްތައް އުފެއްދުމަކީ ވެސް އޭގެ ޒާތުގައި ކުށަކަށް ވާއިރު މިނިސްޓަރު މަހުލޫފްގެ ވާހަކަ އަކީ، އެއް ބަޔަކަށް، ބޮޑު ޖޯކެކެވެ. އެކަމަކު އަނެއްކޮޅުން އޭނާ ވެސް ގެންދަވަނީ އެ ނިންމެވުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.

މަހުލޫފަށް ފާޑު ކިޔައި ކޮށްފައިވާ ޓްވީޓެއް--

މާލޭގައި 40 އެއްހާ ގޭންގު!

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި އެކަނި މިހާރު ވެސް 40 ވަރަކަށް ގޭންގު އޮވެ އެވެ. އެކަމަކު އޭގެ ތެރެއިން އެންމެ ހަރަކާތްތެރިކޮށް އުޅެ ބޮޑެތި ކުށްތައް އާންމުކޮށް ކުރަމުން ދަނީ ދެތިން ގޭންގަކުން ކަމަށްވެ އެވެ. ފުލުހުން ބުނާ ގޮތުން ގޭންގްތަކުގައި 300 އަ ށްވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ.

އެ ގޭންގްތަކުގެ މެދުގައި ޖެހޭ މައްސަލަތަކާއި އެއްބަޔަކު އަނެއް ބަޔަކު ބާރު ދެއްކުމުގެ ގޮތުން މީހުން މެރުމާއި މާރާމާރީ ހިންގުން ފަދަ ނުރައްކާތެރި ކުށްތައް ކުރެ އެވެ. އެއީ މުޅި މުޖުތަމައު އަށް އޮތް ވަރަށް ބޮޑު ބިރެކެވެ. މި އަހަރު އެކަނި ވެސް 703 މާރާމާރީ ހިންގި އެވެ. ދެ ޒުވާނަކު މަރާލި އެވެ. މިދިޔަ އަހަރު ހަ މީހަކު ވަނީ މަރާލައިފަ އެވެ.

މާލޭގައި ހިންގި މާރާމާރީއެއްގައި މަރުވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނީ: ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ސަރުކާރުން ވަނީ މަސައްކަތް ފަށާފައި.

ޒުވާނުންގެ މިނިސްޓަރު މަހުލޫފްގެ ވިސްނުމަކީ އެކަންކަން ހައްލުކުރަން ގޭންގްތަކާ މަޝްވަރާ ކުރެއްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ގްރޫޕުތަކުގައި އުޅޭ ޒުވާނުންގެ ސަބަބުން މުޖުތަމައުއަށް ވަރަށް ބިރުވެރި، ދެރަ އަދި ނާމާންކަން ކުރިމަތިވެ އެވެ. އެހެންވެ މުޖުތަމައުގެ ތެރެއަށް އެ ޒުވާނުން ނެރެ ބަލައިގަންނަ ބަޔަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އޯޕަންލީ އިންވިޓޭޝަނެއް މި ދެނީ އަޅުގަނޑުމެންނާ އެކީ ރީއްޗަށް އިށީންދެގެން، ވާހަކަދައްކައިގެން އިތުރަށް އެއް ބަޔަކު އަނެއް ބަޔަކު ވަޅި ހަރައި މަރާ އެކަން ނުކޮށް، ކިހިނެއްތޯ އެކަން ހައްލުކުރާނީ،" މަހުލޫފް ވިދާޅުވި އެވެ.

އެ ކަމުގެ ތަފްސީލް ދެއްވަމުން ފުލުހުންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ގޭންގުތައް އުޅޭކަމުގެ ގީގަތް ގަބޫލުކޮށް އެކަން އިސްލާހު ކުރުން ކަމަށެވެ. ގޭންގްތައް ވަރުގަދަ ވެފައިވަނީ އެ މީހުންގެ ނުފޫޒުު ފަނޑިޔާރުންނަށް ފޯރުވައި ސަރުކާރުތަކުން ޑީލްތައް ހަދާތީ ކަމަށް ވާއިރު މި ސަރުކާރުން ގޭންގްތަކަށް އަންގަން ބޭނުންވަނީ އެ ފުރުސަތު ދެން ނޯންނާނެކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޭންގް ފުޑާލަން ހަނގުރާމަ އިއުލާން ކުރަންވީތޯ ނޫނީ ވިސްނައިދީގެން ހައްލު ކުރަންވީތޯ އެއީ ސުވާލަކީ. އެކަން ކުރުމަށް ވާހަކަ ދައްކާ ވާހަކަ އެ ވިދާޅުވަނީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މަޝްވަރާއެއް ނުކުރެވޭނެ، އެއީ ކުށެއް!

އެކަމަކު މަހުލޫފްގެ އެ ނިންމެވުމާ އެކު ސޯޝަލް މީޑިއާގައި އޭނާއަށް އަމާޒުކުރި ފާޑުކިޔުންތައް ގިނަ އެވެ. ކުށްކުރުން ހައްލު ކުރަން ކުށްވެރިންނާ މިނިސްޓަރު "ޑީލެއް" ހައްދަވަން އުޅުއްވަނީ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ.

ގޭންގްތައް ހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ގޭންގެއް ހެދިކަން އެނގޭ ހިސާބުން ސަރުކާރުން ޖެހޭނީ އެބަޔަކު ހައްޔަރުކުރަން ކަމަށެވެ. އެހެންކަމުން ގޭންގްތަކާ މަޝްވަރާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ސަރުކާރުން ވާހަކަ ދައްކަން ފަށައިފި ނަމަ] މި ވާގޮތަކީ ގޭންގް ރިކޮގްނައިޒްކުރުން. ޕާޓް އޮފް ސޮސައިޓީކަމަށް ގަބޫލު ކުރުން. އެއީ ކުށެއް،" އުމަރު ވިދާޅުވި އެވެ. "ގޭންގެއް ހެދިކަން އެނގޭ ނަމަ ޖެހޭނީ ހައްޔަރުކޮށް ހުއްޓުވަން."

އޭނާ ވިދާޅުވި ގޮތުގައި ގޭންގްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމުމުން ހާމަވަނީ އެ މައްސަލަތައް ހައްލުކުރަން ސަރުކާރުގެ ސިޔާސަތެއް ނެތް ކަން ކަމަށެވެ.

އެކަމަކު އުމަރުގެ ހޯމް މިނިސްޓަރުކަމުގައި ވެސް ގޭންގްތަކާ ދެކޮޅަށް އޭނާއަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެއްވުނެވެ. އެންމެ ފުރަތަމަ އުޅުނީ ހެންވޭރު ޕާކްގަ އާއި އެހެން ބައެއް ތަންތަނުގައި ހަދާފައި ހުރި ހަޓުތަކާއި ޖޯލިފަތިތައް ނަގާށެވެ. އެކަން އޭރުގެ ރައީސް ޔާމީން ހުއްޓުވި އެވެ. އަދި ފަހުން ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރަށް ލިބިވަޑައިގެންނެވި ގިނަ ބާރުތަކެއް ވެސް ނެގި އެވެ. އެކަމަކު އުމަރު އިސްތިއުފާ ނުދެއްވައި މަގާމުގައި ހުންނެވި އެވެ. މީގެ ކުރީ ސަރުކާރުތަކުން ވެސް ގޭންގްތައް ހުއްޓުވަން "ޖޯކް" ފިޔަވަޅުތަކެއް އަޅާފައި އެބަ ހުއްޓެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2007 ވަނަ އަހަރު ގޭންގްތަކުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭރު ހިންގަމުން ދިޔަ މާރާމާރީތައް ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ. އެކަން އިންތިޒާމު ކުރެއްވީ ހޯމް މިނިސްޓްރީގެ ނައިބަކަށް އޭރު ހުންނެވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެތައް ކަމެއް ކުރި އިރު އެމަނިކުފާނަށް ގާނޫނީ ލަފާދެއްވުމުގެ ޒިންމާ އުފުއްލެވި އާޒިމާ ޝަކޫރެވެ. އާޒިމާ އިންތިޒާމްކުރެއްވި އެ ބައްދަލުވުން އޭރު ގިނަ ބަޔަކު ސިފަކުރީ ގޭންގުތަކާއި ސަރުކާރުން އެއްބަސްވުމަކަށް އައި ކަމެއްގެ ގޮތުގަ އެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން ގޭންގް ކުށްތައް ހުއްޓުވަން ތަފާތު ފިޔަވަޅުތައް އަޅާފައި އެބަ ހުއްޓެވެ. ގޭންގް މެމްބަރުންގެ ފައިގައި ޓެގް އަޅުވައި މޮނީޓާ ވެސް ކުރި އެވެ. ނަމަވެސް ސިޔާސީ ނުފޫޒުތަކުގެ ސަބަބުން އެކަން ހުއްޓެނީ އެވެ.

މައްސަލަ ހައްލު ވާނީ ކިހިނެއް؟

މިއީ ބަހުސް ކުރެވޭ ކަމެކެވެ. އެއްބައެއްގެ ނަޒަރުގައި އެކަމަށް އޮތީ މަޝްވަރާ ކުރުމާއި އެމީހުން އިސްލާހުކޮށް އަލުން މުޖުތަމައުއަށް ނެރުމެވެ. އަނެއް ބައެއްގެ ވިސްނުމަކީ ޒީރޯ ޓޮލެރެންސްގެ ދަށުން ފިޔަވަޅު އަޅައި އަދަބުތައް ދިނުމެވެ.

މާރާމާރީއަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފައިލް ފޮޓޯ

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންމެ މުހިންމު ކަމަކީ ގޭންގުތައް އޮޕަރޭޓް ކުރަން ފައިސާ ހޯދާ މަގު ބަންދުކުރުމެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ގޭންގްތަކަށް ނިސްބަތްވާ މީހުންނަށް ފައިސާ ދީގެން ކުރުވާ އެހެން ކަންކަމެވެ.

"ކުށްވެރިންގެ ފައިގައި ޓެގް ވެސް އަޅުވަންވީ. ކުއްތާ ބޭނުންކޮށްގެން ޑްރަގް އޮޕަރޭޝަން ވެސް ހިންގަންވީ. އޭރުން ހުއްޓުވޭނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ބައެއް ތަޖުރިބާކާރުން ދޭ އެއް ލަފައަކީ ގޭންގްތަކަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވުމެވެ. އަދި ގޭންގް މެމްބަރުން ރިހިބިލިޓޭޓް ކުރުވުމެވެ. އެކަން ކުރުމަށް މިހާރު ގޭންގްތަކާ އަލަށް ގުޅޭ ކުޑަކުދިން އެ މާހައުލުން ނެރެ، އިސްލާހު ކުރުމުގެ ޕްރޮގުރާމްތައް ފުޅާކުރަން ޖެހެ އެވެ. މިހާރު ވެސް އެފަދަ ޕްރޮގްރާމްތަކެއް ދ. ވާނީގައި ފުލުހުން ކުރިއަށް ގެންދެ އެވެ. އެ ޕްރޮގްރާމުން އިސްލާހު ނުވާ މީހުން ޖަލަށް ލައި އަދަބު ދިނުން ނޫން ގޮތެއް ނެތް ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އިއްޔެގެ ނިއުސް ކޮންފަރެންސްގައި މިނިސްޓަރު މަހްލޫފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަހުލޫފްގެ ނިންމެވުމަށް ފާޑުކިޔަމުން ދާ ބައެއް މީހުންނަށް އޭނާ ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާ ކުރެއްވި އެއް ޓްވީޓްގައި ލިއުއްވީ "ކެމްޕެއިން ތެރޭގައި ރާއްޖޭގައި ގޭންގް ނޫޅޭ ކަމަށް ޔާމީން ވިދާޅުވީމާ ވެސް ގޯސް، އުމަރު ޓެގް އެޅުވީމަ ވެސް ގޯސް، މަސްއޮޑިގެ އަށް އެސްއޯ ވަދެ އެތަން ފުނޑުފުނޑުކޮށްލާ، ތަޅާލީމަ ވެސް ގޯސް، ގޭންގް ހަޓު/ޖޯލިތައް ނެގީމަ ވެސް ގޯސް، ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ މަސައްކަތްކުރީމަ ވެސް ގޯސް" ކަމަށެވެ.