ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ހުށަހެޅުއްވި ގުޅިފަޅު ގޯތިތަކުގެ އެއްބަސްވުމާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް. -- ފޮޓޯ | މަޖިލިސް
08 ޖުލައި 2025 - 10:53
ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު މީހުންނާ އެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލައި މި ސަރުކާރުން އާ އެއްބަސްވުމެއް ހަދަން ނިންމާފައިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގައި އެ މައްސަލަ ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ގުޅިފަޅުން ރައްޔިތުންނަށް ގޯތި ދޫކޮށް، އެ ގޯތިތައް ލިބޭ މީހުން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، ގޯތީގެ އެއްބަސްވުމުގައި މިދިޔަ ސަރުކާރުގައި އޮތީ ސޮއިކޮށްފައި ކަމަށެވެ. އެ އެއްބަސްވުންތަކުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ ހައުސިން މިނިސްޓްރީން އާ އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމާފައިވާތީ އޭނާ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ކުޑޫ ވިދާޅުވީ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށް ފަހު އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހުންނަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.
އެކަމަކު ސަރުކާރުން އަމިއްލަ ފަރުދުންނާ އެކު ހިންގައި ނިންމާފައިވާ މުއާމަލާތެއް ސަރުކާރުން އަމިއްލައަށް އުވާލައި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަށް ކަނޑައެޅުމަށް ފަހު، އެ އެއްބަސްވުމުގައި ސޮއިކުރަން މަޖުބޫރުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ މިގޮތަށް އާ އެއްބަސްވުމެއް ހެދުމަކީ މީހުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ، އެކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާއި އަދި އިޖުތިމާއީ ހާލަތާ ސީދާ ގުޅިފައިވާ ކަމަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެމްބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 34 މެމްބަރުން ވޯޓު ދެއްވި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާ އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެދިފަ އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.
އެކަމަކު ކުރީގެ އެއްބަސްވުމުގައި ވަނީ މާލެ ސަރަހައްދުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ އެތަން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެކަމަކު މި ސަރުކާރުން ހަދާ އެއްބަސްވުންތަކުގައި ވަނީ، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ވެސް އެ މިންވަރުގެ ބިމެއް އޮތް ނަމަ ދޫކޮށްލަން ޖެހޭ ގޮތަށް ޝަރުތުކޮށްފަ އެވެ.
އެ ބަދަލުގެ ސަބަބުން ރަޖިސްޓަރީ ހައްދައި ސޮއިކޮށްފައިވާ އެގްރީމަންޓްގެ ދަށުން ބައެއް މީހުންނަށް ބިން ނުލިބިދާނެ ހާލަތެއް ވެސް ކުރިމަތިވެދާނެ ކަމަށާއި އެގްރީމެންޓްތައް ބާތިލުކޮށް، މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ބިން ބަދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަލަމް
08 July 2025
ހަމަ ބަރާބަރު. އެމްޑީޕީ އަށް މީގެ ކުރިން އަބަދުވެސް ކުރި ތާއީދު އަނބުރާ ގެންގޮސްފިން. ރަށްރަށުގަވެސް ގާނޫނާ ފުށުއަރާގޮތަށް ގޯތިދިނުމުގެ އުސޫލުތައް ހަދައިގެން އެމްޑީޕީ ވެރިކަމުގައި ހައުސިން މިނިސްޓްރީއިން އެޕްރޫވްކޮށްގެން ހަދާފައިވާ އުސޫލުތަކުން ގާނޫނުން ހައްގު ލިބިދީފަވާއިރުވެސް ގޯތި ލިބުމުން ވަނީ މަހުރޫމްކޮށްފަ. މީ ހަމަ ހަގީގަތް.
ވާންޗޯ
08 July 2025
ހަމަ އަހަރުމެން ގެ ޖީއެސްޓީ ރުފިޔާ އިން ރަށް ރަށް ހިއްކަނީވެސް، މާލެ މީހުންނަ މާލެ ސަރަހަދުން ލިބެން ޖެހޭނެ، ރަށް ރަށް ތައްކުން ރަށް ރަށު މީހުން އައް ލިބޭނެ، ދެރަނުވޭ
ޗޮއް
08 July 2025
މާލޭ ބޭފުޅާ ދައުލަތުން އެކަކަށް 2 ބިން ނުދެވޭެނެކަން މިސަރުކާރު ހޭޓާސް ލަވަރސް ކްރޭޒީސް އޯލް އިއްތިފާގުވާ މައްަސަލައެކޭ ބްރޯ.
ހަމަމާ
08 July 2025
ދެން އަންނަ ސަރުކާރެއް އައިސް މި އެއްބަސްވުން ބާތިލް ކޮއްފަ އެހެން އެއްބަސްވުމެއްގަ ސޮއި ކުރަން މަޖުބޫރު ކުރީމަ ނިމުނީ.
މިއައު
08 July 2025
ހަމަ ދެބައި މީހުންވެސް އެއްވަރު. އޭރު އެމްޑީޕީ ވެސް މިގޮތަށް މެޖޯރިޓީ ބޭނުން ކުރީ. ރައްޔިތުން ވެއްޖެ ނަން ބަދަލު ކުރުމުގެ ބަދަލުގާ ރަނގަޅުވެރިން ހޯދަން.
ހިއްކާ
08 July 2025
ނުހިއްކައި އޮތް ފަޅެއް ދައްކާފައި ކަރުދާސްގަނޑެއްގައި ދަންވަރެއްގައި ސިއްރު ސިއްރުން ސޮއިކުރީމާ އެއީ މުއާމަލާތެއްތަ! މުޢާމަލާތެއް ހިންގުމަކީ ތަނެއް ހިއްކާފައި ދައްކާފައި، އެތަނުގައި ކަންމުޑި ޖަހާފައި ހަވާލުކުރުން. ކަރުދާސްގަނޑެއް ދިނުމަކީ މުޢާމަލާތެއް ނޫން. ވާލުސޮރުގެ ބުއްދިވެސް ނެތް މީހުން މަޖިލީހަށް ވަދެ ތިބެތީ ދެރަވަނީ.
ފަޅުވެރި
08 July 2025
ގުޅީފަޅޭ ކިޔައިގެން ވާހަކަ ދައްކަން މިވެރިން ލަދެއް ނުގަނޭތަ. ގޯތި ދިނުމަށް އުސޫލު ހެދީ ގާނޫނާ ޚިލާފަށް. ގޯތި ދިނީ ޤާނޫނާ ޚިލާފަށް. ގޯއްޗޭ ކިޔާފައި ދެއްކީވެސް ނުހިއްކައި އޮތް ފަޅެއް.
އޮނޑި ބަންނަ.
08 July 2025
ޕީއެންސީ ކޮންމެވެސް ކުައްޖަކު މަޖިލީހަށް ހުށަހަޅާބަލަ އިބްރާހިމް ސަރުކާރުން ހިލޭ ބަހާލި ހުޅުމާލެ ބިން ތައް ކެންސަލް ކުރަން. މިކަމަކާއި ހެދީ ބޭރުގެ އެއްވެސް ތަނަކުން ބިން ހިއްކަން ލޯނު ނުލިބިގެން އުޅެންޖެހިފައި ވަނީ.