ރަށަކުން ބިމެއް ނުވަތަ ދިރިއުޅޭނެ އެހެން ތަނެއް މިލްކުވެފައިވާ މީހުންނާއި އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ އެ ރަށެއްގެ ރަށްވެއްސަކަށް ވެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް  ބިލެއް ހުށަހަޅުއްވައިފި އެވެ.

ކުޑޫ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއްވި އެވެ.

"ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނު" ގެ (5) ވަނަ މާއްދާގައި ގައި މިހާރު އޮތް ގޮތުން މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގެ ރަށްވެއްސަކަށް ވެވޭނީ ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ފަސް އަހަރުވުމުންވެ. 

ކުޑޫގެ ބިލްގައި ހުށަހަޅުއްވާފައި އޮތީ އެ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކޮށްގެން، ފަސްވަނަ މާއްދާއަށް އިސްތިސްނާއެއް ގެންނާށެވެ.

"...މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ވަކި ރަަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ވާރުތައިން ބިން ބެހުމުން ނުަވަތަ ގަތުމުން، ހިބައިން، ކޯޓުހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން، އެހެން ރަށަކުން ބިމެއް، ގެެއެއް ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެ ނޫން ވެސް ތނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު އެމީހަކަށް ލިބިގެން ވެ އެވެ،" ކުޑޫގެ އިސްލާހުގެ ބިލްގައި ވެ އެވެ.

ދިރިއުޅޭނެ ތަނެއް ލިބިގެން ރަށް ބަދަލުވާން އެދޭ މީހުންގެ ރަށްވެހިކަން ބަދަލުކޮށްދޭން ޖެހޭނީ އެއީ ދިރިއުޅެން އެކަށީގެންވާ ތަނެއްކަން ކަމާ ެބެހޭ އިދާރާއިން ބެލުމަށް ފަހު ކަމަށް ކަނޑައަޅަން ވެސް އެ ބިލްގައި އެބަ އޮތެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ބިލްގެ މަގުސަަދަކީ ރަށެއްގައި ފަސްއަހަރު ދިރިއުޅުމުން ނޫނީ އެ ރަށެއްގެ ރަށްވެއްސަަކަ ނުވެެވޭ ގޮތަަށް އޮންނަ އޮތުން ބަދަލުކުރުމެވެ. ބިމެއް ނުވަތަ ތަނެއް ލިބިފައިވާ މީހުންނަށް، އެ ރަށެއްގެ ރަށްވެހިންނަށް ވެވޭ ގޮތަށް ހެދުމަކީ ވެސް އެ ބިލްގެ އެއް މަގުސަދެކެވެ.