ފ. މަގޫދޫ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ އިމާރާތަށް ބަޔަކު ގެއްލުން ދީފައި.
14 ޖުލައި 2025 - 10:10
ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
މަގޫދޫ ކައުންސިލްގެ މެމްބަރު އަބްދުލްހަމީދު މޫސާ މިއަދު "މިހާރު"އަށް ވިދާޅުވީ ރޭ ބަޔަކު ގެއްލުން ދީފައި ވަނީ އެ ރަށުގެ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރަން ހަދާފައި ހުރި އިމާރާތަށް ކަމަށެވެ.
ހަމީދު ވިދާޅުވީ އެ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިގަނޑުތައް ތަޅާލާފައިވާ ކަމަށާއި ސީލިންގު ފަޅާލައި، ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުވިސްނޭ ބަޔަކު މިހެން މިކަން ކުރަން ޖެހޭ ސަބަބެއް. މި ރަށުގައި ކުރިން މި ކަހަލަ ކަމެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.
ހަމީދު ބުނީ އެތަނަށް ގެއްލުން ދިން ކަމަށް ޝައްކުވާ ބަޔަކު މިވަގުތު ނެތް ކަމަށެވެ.
ފ. މަގޫދޫ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ އިމާރާތަށް ބަޔަކު ގެއްލުން ދީފައި.
އެއާޕޯޓުގެ މަސައްކަތްކުރާ ސައިޓުގައި މިހާރު ތިބެނީ އެ މަސައްކަތްކުރާ އެމްޓީސީސީގެ ދެ މުވައްޒަފުން ކަމަށާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް، އެ މަސައްކަތް މެދުކަނޑާލީ ކީއްވެ ކަމެއް ސަރުކާރުން އޭރު ނުބުނެ އެވެ. އެ މައްސަލާގައި އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.
އެ ރަށު އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލިއިރު، އެ މަޝްރޫއުގެ ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތް ހުއްޓާލުމާ އެކު، އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އެވެ.
މަގޫދުގައި ހަދަން ފަށާފައި އޮތް އެއާޕޯޓަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރިއިރު، އެއާޕޯޓް ހަދަން ހަވާލުކުރީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.
މަގޫދޫ އާއި ނިލަންދޫގައި އެއާޕޯޓް އަޅާއިރު، ލޯންޗެއްގައި މަގޫދޫން ނިލަންދުއަށް ފަސް މިނެޓުން ދެވެ އެވެ.
މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމަކު މި ސަރުކާރުން އެ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ މެއި މަހު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނނނނނ
16 July 2025
މަގޫދޫ މިއީ ވަރަށް ހަރުކަށި ފިކުރު މީހުން ގިނަ ރަށެއް. އެއަރޕޯޓެއް ހެދުމުގެ ބޭނުމެއް ނެތް
ސަރުބީ
15 July 2025
މަގޫދޫގެ އާބާދީގައި ހާހެއް ހަމަނުވޭ. އަތޮޅުގެ މީހުން ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. އޮތީ ބަފައިބެ ބުނީތީ އަޅަންފެށި އެއާރޕޯރޓެއް. މި މަސައްކަތް ފެށިއިރުވެސް އެނގޭނެ މިއީ ގޯސްކޮށް ކުރާ ކަމެއްކަން. ދައުލަތުގެ ފައިސާ ބޭކާރު ކުރަން ކުރާ ކަމެއްކަން. ހަގީގަތަކީ މަގޫދޫއަށް އެއާރޕޯރޓެއް ބޭނުމެއްނުވޭ. އެއާޕޯޓް އޮންނަންޖެހޭނީ ވެރިކަންކުރާ ނިލަންދޫ ގައި. އެއީ އަތޮޅަށް ފައިދާ ބޮޑު ގޮތަކީ.
ސަމްސިއްޔާ
15 July 2025
"މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް" ކީއްވެ ގޯސްވީ؟؟ މިސަރުކާ ގޯހެއްނޫންދޯ ޖެހިގެން އޮތް ރަށުގައި އެއަޕޯޓެއް އަޅަން ފައިނެގިއިރު.
ސޭކުބެ
14 July 2025
މަގޫދޫ އާއި ނިލަންދޫއަކީ އެއްބަޔަކު އަނެއްބަޔަކާ ހަސަދަވެރި ބައެއް. އެކަން ފެށުނީ މަގޫދޫގަ އޮތް އަތޮޅުވެރިކަން ނިލަންދުއަށް ބަދަލުކުރުމާވިދިގެން. މަގޫދުގަ އެއްރޕޯރޓެއް އަޅައަޅާ އޮއްވަ އަނެއްކާ ނިލަންދޫގަވެސް އެއަރޕޯޓެއް އަޅާވާހަކަ ތިކިޔަނީ. ދެން މިކަހަލަ ކަންކަން ހިނގުން އެއީ ހަމަ ވެދާނެ ކަމެއް.
މުރަމާސާ
14 July 2025
ތިކަން ކުރިކަމަށްވާނީ ތިތާ މަސައްކަތްކުރި ބޭރުމީހަކަށް މުސާރަ ނުދިނީމަ ރުޅިއައިސްގެން. އަމިއްލަ ރަށަށް ގެނެސްފަ ހުންނަ ތަރައްޤީ ހަލާކުކުރާ ވަރުގެ މޮޔައެއް ތިރަށުގަ އުޅޭނެ ހެނެއް ހިއެއް ނުވޭ.
މަ ބުނީ
14 July 2025
މަ ބުނީ ލޮބުވެތި ރައީސް އޭ މަނިކުފާނުގެ ކޮއްކޯފުލުހާ ތެދުވެރިވާނެ މަނިކުފާނަށް މަމެންގެ މުހައްމަދު އިސްމާއީލް ވެސް ވީމާ ފ ނިލަންދޫ އެއާރ ޕޯޓު އަޅާގޮތަށް މާލެ ވިލިގިލީގައި އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް އެއަރޕޯޓުން އަޅުވަދެންވަވާ ލޯކަލް އިންތިހާބުކުރުން ހުޅުއްވައިދެންވަވާނަމޭވެސް ވިދާޅުވެދެންވުންއެދެން
ފޮނިޓައްޕު ހަސަނު
14 July 2025
މަގޫދޫގައި އެއަރޕޯޓު ހަދަމުން ދަނިކޮށް މިހާރުގެ ސަރުކާރުގެ ވެރިން ރައްޔިތުންގެ މަޖްލިސް ކެމްޕޭނުގެ ވައުދަކަށް މަގޫދޫ ކައިރީ އޮންނަ ނިލަންދޫގައި އެއަރޕޯޓު އަޅާން ވައުދުވި އަދި 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެވައުދު ފުއްދަން އުޅޭ ތަނެއް ނުފެނޭ. މިކަމާއި ނިލަންދޫ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި. މަގޫދޫ މީހުން މަގޫދޫަގައި ހަދާ އެއަރޕޯޓަށް ގެއްލުން ދީފާނެ ބާއޭ؟
ކޮރަލް
14 July 2025
ރާއްޖޭގަ ސިޔާސީ ބޭނުމަށް ވޯޓް ހޯދަން 1000 މީޙުން ހަމަ ނުވާ ރަށް ރަށުގަ އެއަރޕޯޓް ހެދުން ހުއްޓާލަން ވެއްޖެ އެވެ. ގާނޫ ނަކުން ވެސް މިކަން ހުއްޓުވަން ވީ އެވެ.
އެކޮއި
14 July 2025
މިސަރުކާރުން މިޤައުމަށް ދޭ ހާދަބޮޑު އަނިޔާއެކޭ މީ. ދިވެހި ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހަދާ ނިމިފައި އޮތްތަނެއް. މީކީ އިބުރާހިމް މުޙައްމަދު ޞާލިޙުގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކޮށްފައިވާ މަސައްކަތެއްނޫން. މިވެރިކަމުގައި އަނިޔާވެރިކަން އިންތިހާއިން އިންތިހާއަށް ފެންނަމުން މިދަނީ.
ހަރީރާ
14 July 2025
މަގޫދޫ އަކަށް އެއާރޕޯރޓެއް ބޭނުމެއް ނުވޭ. ހިއްކާފަ އޮތް ބިން ބަދަލުކުރަންވީ ރިސޯޓަކަށް. އަޅާފައިހުރި ޢިމާރާތްތައް އިގްތިސާދީ އިޖްތިމާއީ މަސައްކަތަކަށް.