ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އެ ޕާޓީގެ މެމްބަރު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވާހަކަ ދައްކަވަނީ.
17 ޖުލައި 2025 - 13:09
ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން އެމްޑީޕީން ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި އެ ވިސްނުމުގައި ނަމަ، ދިވެހިންގެ ކިބައިގައި އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަން ވެސް ދިވެހިންގެ ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނެތް ކަމަށެވެ. އެ ޕާޓީގެ އަބަދުވެސް ވިސްނުމަކީ ތަންތަން ހިންގުން ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން މިގޮތަށް ވިދާޅުވީ، ލޯނު އެހީގައި ތަރައްގީކޮށް، މި މަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލް މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ޕޯސްޓްކުރައްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނުން މި ދެ ބޭފުޅުން ވެސް ވަނީ ދިފާއުކުރައްވައިފަ އެވެ.
ދިވެހި ސަރުކާރަށް ގެއްލުންވާ ގޮތަށް އޮތް ކަމަށް އެޓާނީޖެނެރަލްގެ ލަފަޔާ އެކު އެ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
މަތީން ވިދާޅުވި ގޮތުގައި މި މަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލްގެ މަޝްރޫއަކީ މިހާރު އޮތް ސަރުކާރުގެ ފިކުރުގައި އުފެދުނު ފުރަތަމަ ވެރިކަމުގެ މަޝްރޫއުއެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ.
މަތީން ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފުޅާކުރާއި ޓޫރިސްޓުން އިތުރަށް ގެނައުމާއި އިގްތިސާދު ފުޅާކުރުމަކީ ވެސް ޕީއެންސީ ފިކުރުގެ ވިސްނުމެއް ކަމަށެވެ. އެމްޑީޕީން އިގްތިސާދާ މެދު ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި ފުޅާ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ | ޕީއެންސީ
އެމްޑީޕީގެ ވިސްނުމަށް ފާޑުވިދާޅުވެ މުބީން ވިދާޅުވީ ދިވެހިންނަކީ އަމިއްލަ އަށް އެއްވެސް ކަމެއް ކުރެވޭ ވަރުގެ ބައެއް ނޫން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އެ ޕާޓީގެ ފިކުރަކީ ރާއްޖޭގެ ތަންތަން ހިންގުން ބޭރުގެ ކުންފުނިތަކާ ހަވާލުކުރުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން [އެމްޑީޕީން] ޓާމިނަލެއް އަޅަން ފެށީ އެއާޕޯޓު ކޮން ފަރާތެއްގަތޯ، އިރުމަތީ ފަރާތުގައި. މިހާރު އެއާޕޯޓުގައި އަޅާފައި އެ އޮތް ޓާމިނަލް އަޅާފައި އެ އޮތީ ހުޅަނގު ފަރާތުގައި. އެހެންވީމާ އެ ބޭފުޅުން އަޅުއްވަން މަސައްކަތް ކުރެއްވި ޓާމިނަލެއް މިހާރަކު ވުޖޫދަކު ނެތް،" މަތީން ވިދާޅުވި އެވެ.
ދިވެހިންގެ އެއާޕޯޓް ތަރައްގީކޮށް ހިންގަން އެމްޑީޕީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެއް ވެރިކަމުގައި އެއާޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދީ، ދެވަަނަ ވެރިކަމުގައި އެއާޕޯޓް ތަރައްގީކުރަން ފެށި މަސައްކަތް ނިންމާ ނުލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާ ޓާމިނަލާ އެކު ދެވަނަ ރަންވޭއެއް ހެދުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީ ވެރިކަމުގައި ނުގެންގުޅޭ ކަމަށާ އެކަމުން ދޭހަވަނީ އެ ޕާޓީއަކީ އިގްތިސާދު ފުޅާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ބައެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
"އެ ބޭފުޅުން އަޅުއްވަން ފެއްޓެވި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގައި އުކާލީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ދިވެހި ރާއްޖޭގެ އިގްތިސާދު ބިނާކުރަން އަޅުގަނޑުމެންގެ ވެރިކަމަކުން ބޭނުން ނުވާތީ،" މަތީން ވިދާޅުވި އެވެ.
"މިއީ ދިވެހިން ތަރައްގީ ކޮށްފައިވާ ދިވެހިންގެ އެއާޕޯޓެއް. މި އެއާޕޯޓް ހުޅުވިގެން މި ދަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
18 July 2025
ތި އެެއާޕޯޓުގެ ކްރެޑިޓް ދިނުން އެންމެ ހައްގު ދެ ބޭފުޅަކުވޭ. އެއީ އިބްރާހީމް ނާސިރާއި މައުމޫނު އަބްދުލްގައްޔޫމް. ދެންތިބީ އެއަޕޯޓް ދައްކައިގެން ފައިސާ ނަގައި އެއަށް ޚިޔާތްވެ ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނި އެޅުވި މީހުން.
ނާޑުވާ
17 July 2025
އެތައް ބިލިޔަނަކުން ޤައުމު ދަރުވާލައިގެން ތިޔަ ކުރާ ކަންތައްގަނޑަށްތޯ އެއަރޕޯރޓް ހިންގުން ކިޔަނީ. ބަލަ ތިގޮތަށް ހިންގީމަ ޤައުމު އޮޔާދާތަން ފެނޭތަ އެބަ?
އަހުމަދުބޭ
17 July 2025
ގަބޫލް ކުރެވުނަސް ނުކުރެވުނަސް، އެއާޕޯޓަކީ ލާރި ހެދިދާނެ ތަނެއްކަން ދިވެހީންނަށް އިނގިގެންދިޔައީ އެމްޑީޕީ އައިސް ޖީއެމް އާރ އަށް އެޕޯޓް ކުއްޔަށް ދީގެން އެވެރިން ލާރިހޯދައިތަން ފެނިގެން، މިހަގީގަތް އޮޅުވައެއްނުލެވޭނެ، ދެންއޮތީ އާ އެއާރޕޯޓް އެޅުން އެވެރިން އަތުން އަތުލައިގެން އެކަމުގައި 15 އަހަރު ބިލިއަން ޑޮލަރ ޚަރަދުކޮއްގެންވެސް މިއުޅެނީ އެކަމުން ސަލާމަތް ނުވެގެން
ހައްގުބަސް.
17 July 2025
ދިވެހިންގެ ތެރޭ އުޅޭ ބަދު ބަޔަކު ނޫނީ އެމްޑީޕީގެ ގޮތްގަޑު އެގޭ. އެމީހުންނަކީ މި ރާއްޖެ ފަސާދަކުރަން އުޅޭ ފީކަޅާ ބައިގަނޑެއް
ބަރަވެލި
17 July 2025
މީނަގެ ވާހަކަ ގިނަކަމުން ވާކަމެއް ހަރާމް. ވަޒީފާ އަށް ހަވާލުވެ މުވައްޒުފުންކާރީގަ ދެއްކިހާ ވާހަކަ ކޮބާ؟ އެއްކަމެއްވެސް ނުވޭ. ނުވިތާކަށް އަބަދުވެސް އެހެން ފަރާތްތައް ކުއްވެރިކުރުން މީނަގެ ކަމަކީ އެއްވެސް ކަމެއްނުވާއިރުވެސް. މީނަ މީ ފެންކުންފުނީގެ ހަލާކު.
މަހޭބެ
17 July 2025
ޕޯޑިއަމްތަކަށް އަރައިގެން މޮޅެތި ވާހަކަ ދެއްކިދާނެ އެކަމަކު އަމިއްލަ ނަފްސާ ސުވާލުކޮށްލީމަ ވިސްނޭ މީ ބަޔަކު ހިތްހަމަޖައްސަން ދެއްކޭ ހަގީގަތެއް ނެތް ވާހަކަތަކެއްކަން. ޕީއެންސީގެ ވިސްނުމުގައި މިހާތަނަށް ރާއްޖޭގައި ތަރައްޤީއަށްވެސް އަދި އެހެން ކަމަކަށްވެސް ކޮށްފައިވާހާވެސް ކަމަކީ އަގުބޮޑުކޮށް ކަދުރު ރުށް ގެނެސްގެން އިންދުން. އެނޫންކަމެއް މިއަދާހަމަޔަކަށް ކޮށްފައެއްނުވެ. އަދި ވިސްނުމެއްވެސް މިވެރިންގެ ނެތް. މަތީންނަށް އެކަން ވަރަށް ރަގަޅަށް އެނގޭނެ.
ހ. ހުސައިން
17 July 2025
މަތީން މިހާރު އެމްޑީކަން ކުރައްވަނީވެސް އެމްޑީޕީގެ ޒަމާނުގައި ގެނައި ބަދަލުގެ ސަބަބުން ހިންގުން ރަނގަޅުވި ކުންފުންޏެއްގަ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ސަރުކާރަށް ކުންފުނި ނުހިންގޭކަން. ހިންގުންތެރި ދިވެހިންނެތިގެނެއްނޫން. ނަމަވެސް ކަމަށް ގާބިލު ދިވެހިދަރީން އެއްފަރާތްކޮށް ސިޔާސީގޮތުން ގުނބޯހެއްދޭ މީހުންނަށް ކުންފުނި ހިންގަން ހަވާލުކުރާތީ. އިހުލާސްތެރިކަން ނެތިއްޔާ އެއްކަމެއްގައިވެސް ކުރިއެއް ނުހޯދޭނެ، ނަމަވެސް ތަފާތު އުޒުރު ދެއްކިދާނެ.
މަބުނީ
17 July 2025
ބޮޑެތި އޭ380 މަތިންތާދަބޯޓު ދުއްވަންދަންނަ ދިވެހިން ތިއްބަސް ހެލިކޮޕްޓަރުގަނޑެއް ދުއްވަން ދަންނަ މީހަކު ނެތްތަނެއްގައި އެއާރޕޯޓެއް ހިންގަން ދަންނަމީހަކު ހުރެދާނެކަމަށް މަށަށްވެސް ގަބޫލެއް ނުކުރެވޭ. 62 އަހަރުވަންދެން އެއާރޕޯޓު ހިންގި ދިވެއްސަކުވެސް ނެތޭ ހީވާކަހަލަ.
އިބުރ
17 July 2025
ކަމަކަށް ދެވި ހިފިޔަސް، މުހުތާދު ބޮޑު ވިޔަސް ހަގީގަތާއި ޚިލާފު ވާހަކަ ދައްކައި ދޮގުހެދުމަކީ ފިތުނަ އުފެއްދުން. އަހަންނަށް އެނގޭ ގޮތުގައި އެންމެ ފަހުން އޮތް ސަރުކާރުންވެސް އިމާރާތްކުރަމުން ދިޔައީ ކުރިން ރޔ އެޅި ބިންގަލުގެ މަތީގައިހެން. ހަމައެކަނި ކުރި ކަމަކީ އޭރުގައޮ އޮތް ޑިޒައިނަށް ބަދަލުގެނެސް މިހާރު މިފެންނަ ފަރުމާއަށް ތަން ބަދަލުކުރުން. އެހެންވިއްޔާ ތިޔަ ބުނެވެނީ ތިޔަ ފިކުރުގެ މީހުންގެ ވާހަކަ ކަމަށް ވެދާނެ
ކޮޔާ
17 July 2025
އަންނި ސަރުކާރުގެ ފައުންޑޭޝަން އުކާލައި އެތާ ރަންވޭއެޅިވާހަކަ
ހޯހޯހޯ
17 July 2025
ގައިމުވެސް އެމްޑަބްލިއުއެސްސީ ހިންހުމުގެ ގާބިލުކަން މީނާގެ ނެތްކަން އިއްތިފާގުވާނެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް.