ޔާމީން ރާއްޖެ އިން ބޭރަށް ނުދާކަން ކަށަވަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނި.
މާލެއިން ގެއްލިގެން ހޯދަމުން އަންނަ ހަސަން ޔާމީން.
18 ޖުލައި 2025 - 19:17
މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއިން ނުކުމެގެން ދިޔަ ގޮތަށް އާއިލާ އަށް ގެއްލިފައިވާ ޒުވާނާ ހޯދުމަށްޓަކައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ގ. ގާނެޓް، ހަސަން ޔާމީން، 30 އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ދިރިއުޅޭ ގެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:30 ވަނިކޮށް ނުކުމެގެން ދިޔަ ގޮތަށް އާއިލާ އަށް ޚަބަރެއް ނުވެ، އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެކަމަކު، ޔާމީންގެ އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ފުލުހުންގެ ކަމާ ގުޅުން ހުރި އިދާރާތަކަށާއި އެހެން މުއައްސަސާތަކަށް އެ މައުލޫމާތު ދީފައިވާ ކަމަށާއި ތަހުގީގު ފަށައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާ އެކު، ޔާމީން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވެ އެވެ.
ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް އޭނާގެ އެޕާޓްމަންޓުން ފެނިފައި ނުވާ ކަމަށާއި އެތަނަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ވެސް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ވެސް ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ޔާމީން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަސަން ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތީނު
19 July 2025
ހުކުރު ދުވަހު ގެއްލޭ މީހުން ހޯމަ ދުވަހު ފެނިފަ ހުރީ އާންމުކޮށް. ހުކުރު ހޮނިހިރުގަ ގަދަޔަށް މަޖާ ކޮށްފަ އާދީއްތަ ދުވަހު ރިކަވާވެގެން ހޯމަދުވަހު ގެޔަށް. އެހެން ނުވުން އެދެނީ މި ކޭސްގަ.