ސްކޫލުތައް ބަންދުކުރުމާ ބެހޭ ގޮތުން މިއަދު ގޮތެއް ނިންމާނެ: މިނިސްޓަރު

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން ކިޔެވުން ހުއްޓާލުމަށް ފަހު، އަލުން ހުޅުވޭނެ ދުވަހެއް މިއަދު އިއުލާން ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ވަރަށް ހަލުއިކަމާ އެކު ރޯގާތަކެއް ފެތުރޭތީ ސްކޫލުތައް ބަންދުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މި ހަފުތާ އަކީ ސްކޫލުތަކުގެ މިޑްޓާމް ބްރޭކްް ކަމަށް ވާތީ، މި ހަފުތާ އަށް ފަހު އާންމު އުސޫލެއްގެ ދަށުން ސްކޫލުތައް އަންނަ ހަފުތާގައި ހުޅުވޭނެ އެވެ. އެހެން ނަމަވެސް، ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އަދިވެސް ދަނީ ހުން ފެތުރެމުންނެވެ. އޭގެ ތެރޭގައި އެންމެ ނުރައްކާތެރި ސްވައިން ފްލޫ ވެސް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް ސްކޫލުތައް އަލުން ހުޅުވޭތީ ވަރަށް ގިނަ ބަޔަކު ސުވާލު ކުރަމުން ގެންދާ ކަމަށާއި އެހެންވެ އެކަމާ ބެހޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން އިންޓާނަލީ މިއަދު މި ވޯކްކޮށްލަނީ އެކަމަށް، މިއަދު އެކަން ގޮތަކަށް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތައް ބަންދުކުރި އިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސްކޫލުތައް އަލުން ހުޅުވާނީ ހާލަތު އޮތް ގޮތް ބެލުމަށް ފަހު ކަމަށެވެ.