ވީއައިއޭގެ ސީޕްލޭން ބަނދަރުގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ބޯޓުތަކެއް: ނ. ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށަން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 ޖުލައި 2025 - 14:11
ނ. ވެލިދޫގައި ސީޕްލޭންގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސް ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދު އަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.
ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހަދައި، އެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެލިދޫގައި ސްޓޭޝަން ކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ހިދުމަތް ވެސް ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ ބ. ފުޅަދު އާއި ފެހެންދޫ އަދި ގޮއިދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ.
ދެހާހަށް ވުރެ ގިނަ މީހުންނާއެކު، ނ. އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮތް ރަށް ކަމަށްވާ ވެލިދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވެލިދޫގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ރައީސް ވަނީ އިއްޔެ ފައްޓަވައި ދެއްވައިފަ އެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ހިއްކާ ސަރަހައްދުގެ މަސައްކަތް ފައްޓަވައި ދެއްވައި، ވެލިދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ ވެސް އަޅުއްވައިދެއްވި އެވެ.
ވެލިދޫ ބަނދަރުގައި ހުރި ދަތިތައް ތަފުސީލްކޮށް ލިޔެ، ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު ރައީސަށް ވަނީ އިއްޔެ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަނާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އޭގައި ފާހަގަކޮށްފައި ހުރި ކަންކަން ކަމާބެހޭ މިނިސްޓްރީން ފަންނީ ގޮތުން ދިރާސާކުރުމަށް ފަހުގައި ރައްޔިތުން އެދޭ ބަދަލުތަކާއެކު ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތް ނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެލިދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއަކާއި ސްކޫލަށް ކްލާސްރޫމާއި ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ހިންގާނެ ކަމަށެވެ. ވެލިދޫގައި ފުޓްސަލް ދަނޑަކާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ފެށުމަށް އަންނަ ސެޕްޓެމްބަރު މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާސަޅިވާނެ
24 July 2025
ދިވެހިރާއްޖެ ފަދަ ބިން ކުޑަ ޖަޒީރާ ރަށްތަކުގައި މާ ރަގަޅުވާނެ ސީޕްލޭން ހިދުމަތް ދިނީމަ. ރަށުގެ ބޮޑު ބައެއް ގެއްލުވާލައިގެން އެއަރޕޯޓެއް އެޅުމަށްވުރެ. ސީޕްލޭން ތައް އިތުރަށް ގެނެސް ހުރިހާ ރަށެއްގައި ތިހިދުމަތް ފަށަންވީ.
1828
24 July 2025
ރާއްޖެއަށް ޑޮމެސްޓިކް އެއަރޕޯޓްތަކެއް ބޭނުމެއްނެވޭ. ސީޕްލޭންގެ އޮޕަޜޭޝަންތައް ހުރިހާ ރަށަކަށް ފެށީމައި އެނިމުނީ. ރާއްޖެއަށް ބޭނުންވަނީ 03 ވަރަކަށް އިންޓަނޭޝަނަލް. އެއަރޕޯޓް.
ސަސި
24 July 2025
އައްބާސްދެކެ އަދި ކިތަންމެ ރުލިއަޔަސް ވާންވާނީ ފުއްދޭކަހަލަ ވައުދު
ކެލާ ނާޅި
24 July 2025
ކެލާގައި ސީޕްލޭން ޚިދުމަތް ނޫންނަމަ އެއަރޕޯޓެއް ލައްގަޅޭ އަށް އިންތިޒާރު ކުރަމެވެ.
ސަސްބީ
24 July 2025
އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެން ރަށުގަވެސް ސީޕްލޭން ހިދުމަތް ފަށަން. ރާއްޖޭގެ މީހުންދިރުއުޅޭ ހުރިހާ ރަށަކަށް މި ހިދުމަތް ދިނުމަށް ގޮވާލަން.
މޫޒް
24 July 2025
ރިޔާސީ އިންތިހާބު ކައިރިވީމަ ތިކަންވެސް ކޮށްދޭނަމޭ ބުނާނެ.