ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ހަސަން ސޯބިރުގެ ދަރިކަނބަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
28 ޖުލައި 2025 - 09:35
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ނިޝާން އިއްޒުއްދީން އިއްޒަތް އެރުވި ސޯބިރު އަވަހާރަވި އަޑު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި މިއީ މުޅި ގައުމަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.
ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއަށް ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭނާއަކީ، ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވި ޑިޕްލޮމެޓެއް،" ރައީސް ވިދާޅުވި އެވެ.
ސޯބިރު ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އޭނާއަށް ރައީސް މުއިއްޒު އެރުވީ އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ސިއްހީ ހާލަތު ތަންނުދެއްވާތީ، އިއްޔެގެ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.
އުމުރުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ސޯބިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy