ޚަބަރު / ހަސަން ސޯބިރު

ސޯބިރު، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ހަސަން ސޯބިރު.

28 ޖުލައި 2025 - 18:41

މިއަދު އަވަހާރަވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައިފި އެވެ.

އެކި ދާއިރާތަކުން ރާއްޖެއަށް ހިދުމަތްކުރެއްވި އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި ސޯބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހެނދުނެވެ. އަދި އަސްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައި ވަނީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފަ އެވެ.

ސޯބިރު، ދިވެހި ދައުލަތަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޒަތް އެރުވީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. ނަމަވެސް އޭނާ އާލާސްކަންފުޅާ އުޅުއްވާތީ ސޯބިރުގެ ފަރާތުން އެ ޝަރަފާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދި "ނޭޝަނަލް ޕްލޭނިން އޭޖެންސީ"ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް 1978 ވަނަ އަހަރު ސޯބިރު ހަމަޖެއްސެވުމުން އެ ދާއިރާއިން އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979 ވަނަ އަހަރު އޭނާ އެމެރިކާއަށް ވަޑައިގަތެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެއްޓެވި އެންމެ މުހިންމު މަސައްކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ވެސް ގެނައީ އެ މަސައްކަތަށެވެ.

ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރު ކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ.

މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް"އަކީ ސޯބިރުގެ މިނިސްޓަރު ކަމުގައި އުފަންކުރުވި މޮޓޯއެކެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން 2004 ވަނަ އަހަރު އަދާކުރައްވައިފަ އެވެ. އަދި އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ފަހުން ސޯބިރު ވަނީ ސިންގަޕޫރާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ދައުލަތުގެ ފެން ކުންފުނި ކަމަށްވާ މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ) އުފެއްދެވުމަށްފަހު، އެ ކުންފުނީގެ ޗެއާމަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ވެސް ސޯބިރެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454