ވެރިކަން ކުރާ ޕީޕީއެމްގެ ނަމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހިންގަވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށާއި އެ މައްސަލާގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ މެދު ވިސްނަމުންދާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.

ޕީޕީއެމުން ވަކިކޮށްފައިވާ ފާރިސްއާ ދެކޮޅަށް، އެ ޕާޓީން ބަޔާން ނެރެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމާ ގުޅޭގޮތުން އިދިކޮޅު ޕާޓީތައް ގުޅިގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީޕީއެމް ތަމްސީލް ކުރެއްވުމުންނެވެ.

އެކަން ކުށްވެރި ކުރައްވައި ނެރުނު ބަޔާނެއްގައި ޕީޕީއެމުން ބުނީ ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގުމާއި ބައިވެރިވުމާއި އެކި ފޯރަމްތަކުގައި ޕީޕީއެމް ތަމްސީލްކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު އޮތީ ރައީސް ޔާމީން ނުވަތަ އެމަނިކުފާނު ކަނޑައަޅާ ފަރާތަކަށް ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޕީޕީއެމްގެ ނަން ކިލަނބުވާ ގޮތަށް ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ހިންގަނީ މެމްބަރުންގެ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"އަދި އަމުދުން މާތްވެގެންވާ އިސްލާމްދީނަށް ހަޖޫޖަހާ، މި ލޮބުވެތި ވަތަނަށް އެތަކެއް ގެއްލުންދޭ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުކުރާ އަދި ދިވެހި ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި ކުލުނުވެރިކަން ކަނޑާލައި ހަމަނުޖެހުންތަަކަށް އަބަދުމެ މަގުކޮށް ބަޔަކާ އެކު ދިވެހި އެއްވެސް ރައްޔިތަކު އެއް މޭޒަކަށް އަރަން ބޭނުން ނުވާނެ ކަން ކަށަވަރެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމުން ބުނިގޮތުގައި ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެނެސްދެއްވާ ތަރައްގީއާ މެދު ހަސަދަވެރިވެ ގައުމުގެ އަގު ވައްޓާލަން އުޅޭ ބަޔަކާ ބައިވެރިވުމަކީ ޕީޕީއެމްގެ މެމްބަރުން ގަބޫލުކުރާނެ ކަމެއް ނޫނެވެ.

"މި ޕާޓީގެ ލޮބުވެތި އެންމެހާ މެމްބަރުންނާއި ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންގެ ހައްގުގައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ މެދު މި ޕާޓީން ވިސްނަމުން ގެންދާ ކަން ވެސް މި ފުރުސަތުގައި ހާމަކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.