ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާ ހެދި ސަރުކާރާއި ޕީޕީއެމަށް ހިންދެމިލެވޭ ވަރެއް ނުވެ އެވެ. ދެއިރު ދެ ދަޅަޔަށް ފުލުހަށް ދެމުމުން ވެސް މައިތިރިއެއް ނުވި އެވެ. ޖަލުގައި ހައްޔަރު ކުރުމުން ވެސް އޭނާގެ ކިބައިން ސަރުކާރަށް ސަލާމަތްވެވޭ ގޮތެއް ނުވި އެވެ.
ފާރިސަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ނަމަވެސް، "މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި" ސަރުކާރުން ވަނީ އޭނާގެ މައްޗަށް "ޝަޚުސު އޮޅުވައިލި" ކަމަށް ބުނެ ދައުވާ ކޮށްފަ އެވެ. އަދި ރިޝްވަތުގެ ތުހުމަތުކޮށް، (ޝަރީއަތް ކުރެވޭނެ ކަމެއް ނުކުރެވޭނެ ކަމެއް ނޭނގޭ އިރު ވެސް) "ޝަރީއަތް ނިމެންދެން ޖަލުގައި ހައްޔަރުކޮށްގެން" މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޖަލަށް ލާފައި ހުރި އިރު، އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެންބަރެކެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޝަރުއީ ހުކުމެއްގައި ނޫން ގޮތެއްގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް އޭނާ ހާޒިރު ކޮށްދޭންޖެހެ އެވެ.
ފާރިސްގެ މައްޗަށް ޕީޕީއެމަށް ބަސް ކިޔޭނެތަ؟
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވިސްނުމާ ޚިލާފަށް، ފާރިސް، މަޖިލީހުގައި ތަކުރާރުކޮށް އަމަލު ކުރައްވަމުން ގެންދެވުމާ ގުޅިގެން އޭނާ ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފްތަރުން ފާރިސްގެ ނަން އުނިކުރީ، އޮކްޓޫބަރު 13، 2016ގަ އެވެ.
އެ ތާރީޚުން ފެށިގެން ފާރިސަކީ ޕީޕީއެމްގެ މެމްބަރެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ރަޖިސްޓްރީގައި، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ފާރިސްގެ ނަން ބާއްވައިގެން އެ ޕާޓީން ދިޔައީ މަޖިލީހުގައި ނާޖާއިޒު ފައިދާ ނަގަމުންނެވެ. މަޖިލީހުގެ ބަހުސްތަކުގައި ލިބޭ ވަގުތާއި ކޮމިޓީތަކުން ޕާޓީތަކަށް ލިބޭ ޖާގަ ބިނާވެފައި އޮންނަނީ، މަޖިލީހުގައި ހިމެނޭ އެ ޕާޓީއެއްގެ މެންބަރުންގެ އަދަދުގެ މައްޗަށް ކަމަށްވާތީ އެވެ.
ފާރިސްގެ ކިބައިން ޕީޕީއެމްގެ މެމްބަރުކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލުވައިލިތާ، ނުވަ މަސް ދުވަސް ވެފައިވާ އިރު ވެސް، ޕެޓިޝަން ކޮމިޓީގައި އޭނާ ހިމަނާފައި އޮތީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި މިދިޔަ ހޯމަ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް އޮތް އިރު، އެ ބައްދަލުވުމުގެ ބައިވެރިން ނިންމީ، ފާރިސްގެ ހާޒިރުގައި ނޫނީ ކޮމިޓީ ކުރިއަށް ނުގެންދިއުމަށެވެ.
އެ ވަގުތު ފާރިސް ހުންނެވީ، ދައުލަތުން ކުރާ، ޝަޚްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކްރިމިނަލް ކޯޓުގަ އެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ފާރިސަށް ލިބިގެންވާ ކޮމިޓީ އަށް ހާޒިރުވުމުގެ ހައްގުގެ ވާހަކަ ޝަރީއަތުގައި ފާހަގަ ކުރުމުން، އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން، ޝަރީއަތުގެ މަޖިލިސް މެދުކަނޑައިލި އެވެ. މައްސަލަ އަނެއްކާ ވެސް ހިލުނީ އެ ހިސާބުންނެވެ.
ޝަރުއީ ކޯޓަކުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އިސްކަން ދިން ނަމަވެސް، ޕީޕީއެމާއި ސަރުކާރުން ވެސް ބޭނުންވީ ފާރިސް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ނުކުރުމަށެވެ. އެހެންކަމުން ކޯޓުގެ ނިންމުން ބޮލާލައި ޖަހައި، މަޖިލީހަށް ފާރިސް ހާޒިރު ކުރުމުގެ ބަދަލުގައި ކަރެކްޝަނަލް ސާވިސް އިން އޭނާ ގެންދިޔައީ ޖަލަށެވެ.
ފާރިސްގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތުން ވަރަށް މުހިންމު އެއް ކަމެއް ސާބިތުވެ އެވެ. އެއީ ފާރިސަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރެވިދާނެ ކަމަށް ކޯޓުން ނިންމައި ޝަރީއަތް ކުރިއަށް އެ ގެންދަނީ، އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަން، ޝަރުއީ ހަމަތަކުގެ މަތިންނާއި ގާނޫނީ ހަމަތަކުގެ މަތިން ކޯޓަށް ސާބިތުވާތީ އެވެ.
މިހާ ސާފުކޮށް އޮތް ކަމެއްގައި، މީގެ ނުވަ މަސްދުވަސް ކުރިން ޕާޓީން ވަކިކޮށްފައި ހުރި މީހެއްގެ މައްޗަށް ބަސް ކިޔުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް އޮތީ ކޮން ހައްގެއްތޯ ސުވާލު އުފެދެ އެވެ.
ފާރިސް ޕެޓިޝަން ކޮމިޓީގައި ހިމަނާފައިވަނީ އެ ޕާޓީގެ ޖާގައެއްގައި ކަމަށްވާ ނަމަ، އެ ޖާގަ އިން އޭނާ ވަކިކޮށް އެހެން މެންބަރަކު އެ ޖާގައިގައި ހިމެނުމުގެ ފުރިހަމަ ހައްގު އެ ޕާޓީ އަށް އޮންނާނެ އެވެ. ނަމަވެސް އެކަން ކުރަންވީކީ، އޭނާ އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޝަރީއަތުގެ މަޖިލިސް މެދުކަނޑައިލީމައެއް ނޫނެވެ.
މީގެ ނުވަ މަސް ކުރިން، އޭނާ ޕާޓީން ވަކިކޮށްފައިވާ އިރު، މިދިޔަ މުއްދަތުގައި އެކަން ނުކުރީ ކީއްވެ ހެއްޔެވެ؟ މިފަހަރު އެ ގޮތަށް ކަންތައް ކުރީ، މި ހުރިހާ ދުވަހު އޭނާގެ ނަން ޕީޕީއެމްގެ ލިސްޓުގައި ހިމަނައިގެން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް ފަހު، އޭނާ އަށް ލިބިގެންވާ ގާނޫނީ ހައްގުގެ ބޭނުން ހިފަން ޖެހުނު ވަގުތު، އެ ހައްގުން އޭނާ މަހްރޫމް ކުރުމަށެވެ.
ފާރިސްގެ ހައްގު ނިގުޅައިގަތީ ކޮން ބައެއް؟
ފާރިސް މިހާރު އެ ހުންނެވީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ކަމަށް ވިޔަސް، އޭނާގެ މައްޗަށް މިހާތަނަށް ކުށެއް ސާބިތުވެފައި ނުވާއިރު، ގާނޫނުތަކާއި ޝަރީއަތުގެ ކުރިމަތީގައި އޭނާއަކީ ކުށްވެރިއެއް ނޫނެވެ. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވެ އެވެ؛ "މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އޭނާ ހިމެނޭ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އޭނާ އަށް ލިބިގެންވެ އެވެ."
މި މާއްދާގައި، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް ހާޒިރުވުމުގެ ހައްގު ލިބިގެންވެޔޭ އޮތް އިބާރާތުގައި މުޚާތަބު އެ ކުރަނީ، އެ މެންބަރަކަށް ނޫނެވެ. އެ ތަނެއްގެ ބެލުމުގެ ދަށުގައި އެ މެންބަރަކު ހުރި ތަންފީޒީ އިދާރާއަށެވެ. އެ ބުނަނީ، އޭނާ ބޭނުން ނަމަ، އެ ޖަލްސާއަކަށް ނުވަތަ ކޮމިޓީ ބައްދަލުވުމަށް ހާޒިރު ކޮށްދިނުމަކީ އެ ތަންފީޒީ އިދާރާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
ފާރިސްގެ ހައްގުތައް ނިގުޅައިގަތުމަށް ފަހު، ތަންފީޒީ އިދާރާތަކުން ދައްކަނީ ބަހަނާތަކެކެވެ. އެ އިދާރާތަކުން ބުނާ ގޮތުގައި ފާރިސް އާއި ހައްޔަރުކޮށްފައި ތިބި މަޖިލީހުގެ އެހެން މެންބަރުން މަޖިލީހަށް ހާޒިރުކޮށްނުދެނީ، މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް، އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާތީ އެވެ.
އަދި އެ އިދާރާ އިން ހަދާފައި އޮންނަ، "ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް އެފަދަ މީހަކު ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރު ކުރުމުގެ ގަވާއިދު"ގައި، ބުނެފައިވާ ގޮތަށް، ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް ރަސްމީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާތީ އެވެ.
މި މައްސަލަ މިހެން އޮތް އިރު، މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށާއި ޕެޓިޝަން ކޮމިޓީ އަށް ފާރިސް ހާޒިރު ކޮށްނުދިން މައްސަލައިގައި ދައުލަތުގެ ހަތަރު އިދާރާއެއް ޒިންމާ ނަގަންޖެހޭނެ އެވެ.
އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ފާރިސް ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށްވާތީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ)، (ފ) އާއި މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގެ 13ވަނަ މާއްދާގެ (ހ)ގެ ދަށުން ޕީޖީ އެ ކަމުގެ ޒިންމާ ނަންގަވަންޖެހޭނެ އެވެ.
ދެ ވަނަ ކަމެއްގެ ގޮތުން، ފާރިސް ހައްޔަރު ކުރުމުގެ އަމުރަކަށް، ޕީޖީން ކޯޓުގައި އެދުނީ ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް ކަމަށްވާތީ، ފާރިސް ބަންދުކޮށްފައި އެ ހުރީ ފުލުހުންގެ ބޭނުމަކަށެވެ. ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ އިން، ފާރިސަށް ކަށަވަރުކޮށްދޭ ހައްގު އޭނާ އަށް ނުލިބުނީ ފުލުހުންގެ އެ އަމަލުގެ ސަބަބުން ކަމަށްވާތީ، މަޖިލީހުގެ ގަވާއިދުގެ އެ މާއްދާއާ ޚިލާފުވެފައިވާތީ، ގާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ރ)ގެ ދަށުން ފުލުހުން ވެސް އެކަމުގެ ޒިންމާ ނަގަންޖެހޭނެ އެވެ.
ތިން ވަނަ ކަމަކަށް، ފާރިސް ހުންނެވީ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވުމުގެ ހައްގު ނިގުޅައިގަނެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ވާތީ، އޭނާ އެ ދުވަހުގެ ޖަލްސާ އަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ފަރާތުން ކަރެކްޝަންސްގައި އެދެންޖެހެ އެވެ.
ވޭތުވެ ދިޔަ މަޖިލީހުގައި ވެސް، ބަންދުގައި ތިބި މެންބަރުން ޖަލްސާތަކަށާއި ކޮމިޓީތަކަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ރިއާސަތުގެ ފަރާތުން ތަންފީޒީ އިދާރާތަކުގައި އެދިފައިވާތީ، ފާރިސާ މެދު ވެސް އެ ގޮތަށް އަމަލު ކުރުން މަޖިލީހުގެ ރިއާސަތަށް މިހާރު ލާޒިމް ވާނެ އެވެ. އެއީ މަޖިލީހުގައި މިހާރު ގާއިމުވެފައިވާ ޕްރެސީޑެންޓަކަށް ވާތީ އެވެ.
އޭގެ އިތުރުން، ކަރެކްޝަންސްގެ ގަވާއިދު ބުނާ ގޮތުން، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު، ގާނޫނުއަސާސީން ލާޒިމް ކުރާ ވާޖިބެއް އަދާ ކުރުމަށް، ވަކި ތަނަކަށް ހާޒިރުކޮށްދެވޭނީ، އެ އިދާރާއަކުން ކަރެކްޝަންސްގައި އެދުމުންނެވެ. ނަމަވެސް މަޖިލީހުން އެކަމަށް އެދިފައިނުވާ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.
އެހެންކަމުން، ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ފަރާތުން ކަރެކްޝަންސްގައި އެދިފައިނުވާތީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ ވަނީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބިދޭ ހައްގަކަށް ހުރަސްއަޅުއްވައިފަ އެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ދުސްތޫރީ ވާޖިބަށް ވެސް ހުރަސް އަޅުއްވައިފަ އެވެ.
ހަތަރު ވަނަ ކަމަކަށް، ކޯޓު އަމުރެއްގެ ދަށުން ފާރިސް ބަންދުކޮށްފައި ހުރީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، މަޖިލީހަށް ހާޒިރުވުމަށް ފާރިސަށް ލިބިގެންވާ ދުސްތޫރީ ހައްގު ނިގުޅައިގަތުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭ ފަރާތަކީ ކަރެކްޝަންސް އެވެ. ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭންޖެހޭނެ ކަން، ކަރެކްޝަންސްގެ ގަވާއިދުންނާއި މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެން އެބަ އޮތެވެ.
އޭގެ އިތުރުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ފާރިސްގެ މައްޗަށް ޝަރުއީ ކޯޓެެއްގައި ހިންގަމުން ދިޔަ ޝަރީއަތުގެ މަޖިލީހެއް މެދުކަނޑައިލީ އޭނާ އަށް އެ ފުރުސަތު ދިނުމަށް ކަމަށްވާއިރު، ކޯޓުގެ އެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ވެސް، ފާރިސްގެ އެ ހައްގު ކަށަވަރު ކޮށްދިނުން އެ އިދާރާގެ މައްޗަށް ލާޒިމްވާނެ އެވެ.
ކޯޓުން ފާރިސަށް އެ ފުރުސަތު ދިނުމުން އެނގޭ ކަމަކީ، އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ އުވައިލިއެއް ކަމަކު، ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މެމްބަރުން، މަޖިލީހަށް ހާޒިރުކޮށްދޭންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ މާއްދާތަކުގެ ގާނޫނީ އަދި ޝަރުއީ ހައިސިއްޔަތު އުވިގެން ނުދާ ކަމެވެ. މަޖިލީހުގެ އެ މާއްދާގައި ގާނޫނީ ބުރަދަނެއް ނެތް ނަމަ، ޝަރުއީ ކޯޓަކުން އެ ފަދަ ނިންމުމެއް ނުނިންމާނެ އެވެ.
ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ބައެއް ގާނޫނުތަކާއި ބައެއް ގަވާއިދުތަކަށް އަމަލުކޮށްފައި ދެން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ނުކުރުމަކީ، ތަންފީޒީ އެއްވެސް މުއައްސަސާއަކަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ. ކަމެއް ވަކި ގޮތަކަށް ކުރުމަށް ވަކި ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނެތުމަކީ، އެކަން ކުރުމަށް ބަޔާންކޮށްފައިވާ އެހެން ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ނުކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ.
ހަމަ އެހެންމެ މަޖިލީހުގައި ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތަސް، އަދި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ކިތަންމެ ގަދަޔަށް އޮތަސް، އާންމު ފަރުދުންގެ ހައްގުތަކަކީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީގެ ކުޅޭކުޅޭ އެއްޗިއްސެއް ނޫނެވެ. މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށްފައި، މަޖިލީހުގައި އެއީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ހިމަނައިގެން އެމީހުންގެ ނާޖާއިޒު ފައިދާ ނެގުމަށް ފަހު، އެ މެންބަރުންގެ ހައްގެއް ކަށަވަރުކޮށްދޭންޖެހޭ ހާލަތުގައި، އެ މެމްބަރުން ނަގައި ހޫރާލުމަކީ، ގާނޫނަށް ފައިން އެރުމެވެ.