ލާމަރުކަޒީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް ގެއްލުމުން ރައީސް އަބްދުﷲ ޔާމީން އުޅުއްވީ ކޯޓުތައް މެދުވެރިކޮށް ވެރިކަން ދަމަހައްޓަން ކަމަށާއި އެކަން ވެސް ކާމިޔާބު ނުވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރިޝްވަތުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރުމާ ގުޅިގެން ރާއްޖެ ޓީވީ އަށް ފޯނުން ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވީ ފާރިސް ހައްޔަރުކޮށްގެން ވެރިކަން ސަލާމަތް ކުރެވިދާނެ ކަމަށް ރައީސް ޔާމީން ހީފުޅު ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"އަމިއްލަފުޅު، ބޮޑުބޭބެ ކިޔާ ދަރިފުޅު ހައްޔަރު ކުރައްވާފައި އެ ބޭފުޅާ އަށް އާރާއި ބާރު އިތުރަށް ދެމެހެއްޓޭނެ ކަމަށް ދެކިވަޑައިގެންނެވުމަކީ، އަޅުގަނޑު ދަންނަވާނީ ބުއްދި ހަމަނުޖެހޭ ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން ތިބި ގޮތް، ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ވަނީ ސާފުކޮށްދީފަ އެވެ. އެއާއެކު، މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ގެއްލުމުން ރައީސް ޔާމީން އުޅުއްވީ ކޯޓުތަކަށް ނުފޫޒު ފޯރުއްވައިގެން ވެރިކަން ދަމަހައްޓަން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމަށް ފަހު ނެރުނު އަމުރާއެކު، ކޯޓުތައް މެދުވެރިކޮށްގެން ވެސް ވެރިކަން ދިފާއު ކުރެވެން ނެތް ކަން މާ ބޮޑަށް މިހާރު ސާފުވެ ވަޑައިގެންފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މާބޮޑަށް ސާފުވެގެން ހިނގައްޖެ ޝަރީއަތުން ވެސް ރައީސް ޔާމީން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެތް އިރެއްގައި ޝަރީއަތުން ވެސް ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަން ތައްޔާރަށް ނެތް ކަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަމުގެ ސަބަބުން ދާދި އަވަހަށް އަތްޕުޅުން ވެރިކަން ބީވެގެންދާނެ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ އިއާދަކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ވަރަށް އަވަހަށް ކާމިޔާބު ލިބި އިންސާފު ގާއިމް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގެ ތެރެ އަށް ވަނުމުގެ ހައިސިއްޔަތު ގާނޫނުއަސާސީން ކޯޓުތަކަށް ލިބިދީފައެއް ނޯވެ އެވެ. ކޯޓުތަކަކީ ވެރިކަން ކުރުމާ ގުޅޭ ކަންކަން ދަމަހައްޓަން ބޭނުންކުރަން ޖެހޭ ތަންތަން ނޫން ކަމަށާއި އެއީ އިންސާފު ގާއިމްކޮށްދޭން ޖެހޭ ތަންތަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުވިސްނޭ، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމުގެ ޖާގަ އޮތް ކަމަކަށް، އަދި އެ މަގަށް މަސައްކަތްކޮށްގެން ވާނެ ކަމަކަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.