ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު: އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައި ނެތް ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު
03 އޯގަސްޓް 2025 - 15:33
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.
ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އަދި މި ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.
ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު
މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.
އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ.
ތުހުމަތުތައް ދޮގުކުރައްވައި ޝުޖާއު ވިދާޅުވީ، އޭނަގެ ކުންފުނިން ހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
ނޮވެމްބަރު 13، 2023 ގައި ފިނޭންސް މިނިސްޓްރީން ސިފައިންގެ ކުންފުނި، ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން ސިވެކަށް ދޫކުރި ކަމަށް ބުނާ 23 މިލިއަން ރުފިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަރަދުތަކެވެ.
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރުމުން ފައިސާގެ ބައެއް ގޮސްފައި ވަނީ އެފްއައިޔޫގެ ރިޕޯޓުގައި ބުނާ ދެ ކުންފުންޏަކަށެވެ. އެއީ ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ އެވެ.
އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް ކަމަށް ވެސް އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައި ބުންޏެވެ. އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.
ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު، ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން، އޭނާގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ވަޑައިގަތުމަކީ އުންމީދެކެވެ.
ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު އާންމުވެފައި ވަނިކޮށް މިއަދު ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފް މަގާމުން ބަދަލުކޮށް އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ އެ ބަދަލަކީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 August 2025
މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ނުބަލާ މަތާރަން ފިލާ މަތީގައި ބާއްވައިގެން ދެނަހުރި ކަމަށް ވެސް ނަހަދާ ތިއްބާ ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލިއެންޒާ އެއް ކަމަށްވާ ހަސަން ކުރިސީ އޭނޭގެ އެކްސްގައި މިފަދަ ކަންކަން ލީކް ކޮށް ދިވެހިންގެ ސޯޝަލް މީޑިޔާ ގައި ފަތުއަޑު ކިޔާފައި އެވާހަކަ ފެތުރެން ފެއްޓުމުން ފުލުހުންގެ އިދާރޭ ކޮންމެ ފަހަރަކު ތެޅިފޮޅިގަންނަތަން ފެނުން އާންމު ކަމަކަށް ވެގެން ހިގައްޖެ. މިއީ ދެރަވަރު ކަމެއް.
ކައުންސެލަރު...
04 August 2025
ސުޖާއަކަސް އެހެންމީހަކަސް ރައްޔިތުންގެ ފައިސާ ނަހަލާލު ގޮތުގައި ކަންޏާ އަދަބު ލިބެންޖެހޭނެ. އަދަބުދީ
ބެލީމަ ފެންނާނެ
04 August 2025
މި ފަހަކަށް އައިސް ކޮށްފަ ހުންނަ ގިނަ މަސައްކަތްތަކަކީ ކޮންމެވެސް އަމިއްލަ ކުންފުންޏަކަށް ލާރިގަނޑު ދީފަ، ފަހުގަޑީގަ ސިފައިން ނެރެގެން ނިންމާ މަސައްކަތްތައް. އޭގެ އެއް މިސާލު އޮރެންޖް ބިލްޑިންގް އަކީވެސް
ކޮރަލް
04 August 2025
މިވެރިކަމުގަ މައްސަލަ ބަލާ ކުށެއް ނުކުރާ ކަމަށް ނިންމީމަ ދެން ވެރިކަން ލިބޭ ބަޔަކަށް މައްސަލަ ބަލަން އުނދަގޫ ވާނެ އެވެ. މިދާ ގޮތުން މިހެންވެސް ހަދާ ފާނެ އެވެ.
އިސްމާލި
04 August 2025
ދެން ފަހެ، އެ ރިޕޯޓު އާންމު ވީ ހިނދު، ހުރިހާ ގަލެއް ފުރޮޅައި ވަރަށް ބާރަށް ތަހުގީގުކޮއް، އެ ރިޕޯޓުގައި ހުރި މައުލޫމަތު ފުރިހަމަ ނޫން ކަމާއި އިތުރަށް ކުރިއަށް ދެވޭނެ ވަރަށް މައުލޫމަތު ނެތް ކަމާއި، ރިޕޯޓު ލިޔުނު ފަރާތަކީ އެ ކަމަށް ކުފޫ ހަމަނުވާ ފަރާތެއް ކަމާއި، އެ ފަރާތުގެ ނަޒާހަތްތެރިކަމާމެދު ޝައްކު ކުރެވޭ ހިނދު، މަގާމުން އެކަހެރިކޮއް، ނިކަމެތި މެންބަރަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކޮއް، މައްސަލަ ފައިލަކޮއްފީމެވެ.
ފަރަންޖީ
04 August 2025
އިކޮނޮމިކް މިނިސްޓްރީގެ ޕަބްލިކް ރެކޯޑްތަކުން ފެންނަގޮތުގައި އިވެންޓް ރާވާ ހިންގުން މިކުންފުނީ މަސައްކަތެއްގެ ގޮތުގައި ރެޖިސްޓަރކުރީ 19 ނޮވެމްބަރ 2024. އެއީ އެމްއެމްއޭއިން މި މައްސަލަ ބަލާކަން ނުވަތަ ބެލިކަން އެނގިގެންބާ؟
ތައުފީގް
04 August 2025
"އާއިލާގެ ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ. ކަލޯ، މީދޯ މިގޮލާ މާ ޕާޓީ ވެގެން ސަރުކާރު ހިމާޔަތްކުރާ ސަބަބަކީ...، ފްރޯޑް ދޮންބެ ކިޔަމާ.. ތެދު ރިޕޯޓް ނެރުނު މީހާ ކުއްވެރިވީ ފްރޯޑް ދޮންބެ ހަމަ މިކަމުގަ ކުރިޔަށް....،
އުނބުށޭމު
04 August 2025
ދައުލަތުގެ ކަންކަން ސިވެކާ ހަވާލުކުރީމާ ސިވެކްއިން އާންމުކޮށް އިއުލާނުކޮށްގެން ނުވަތަ އެފަދަ މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކަށް ދައުވަތުދީގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް މަސައްކަތް ހަވާލުކޮށްގެން ކޮށްފައިވާނަމަ އެއީ ކޮންމެ މީހަކަށް ނިސްބަތްވާ ކުންފުންޏެއްކަމަކު އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ދައުލަތުން 23 މިލިޔަން ދޫކުރިއިރު 13 މިލިޔަން ވަކި ބަޔަކަށް ދާއިރު އެބަޔަކަށް އެކަން ހަވާލުކުރެވުނީ ކޮރަޕްޝަނަށް މަގުފަހ
އަސަރަފަ
04 August 2025
ލޮބުވެތި ރައްޔިތުން ތިޔަ ފެނިގެން ދަނީ މިރާއްޖޭގެ އަދުލު އިންސާފު އޮތް ހާލަތު
ބަކުރުބެއްޔާ
04 August 2025
މަރުހަބާ ޑރ.ސުޖާ. ތިޔަހުރީ މިނިސްޓަރ ނުވަތަ އެންބެޑަސަރަކަށް ކުފޫ ހަމަވެފަ. މިއަދު ރަސްމީގަޑީގައި ފަތްކޮޅު ބަލާ ޓައި އަޅައިގެން ރ.އޮފީހަށް ވަޑައިގަންނަވާ.. ދެންވެސް މަރުހަބާ އަދި ފާގަތި އުޖާލާ ފެހި ފެހި އާޒާދީ މުސްތަގްބަލަކަށް އެދެން.