ސިފްކޯ ފްލެޓްތައް: އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވޭ --- ފޮޓޯ/މިހާރު
12 އޯގަސްޓް 2025 - 18:25
ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނޫމަޑިން ފެށުން ލަސްކުރީ، ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯއިން ދޭން ޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ އެ ފައިސާ ދިނުން ލަސްވެގެން ނޫން ކަމަށާއި އަދި ކޭޓަރިންގެ ހިދުމަތްތައް ހޯދުމުގައި ވެސް މައްސަލަތައް ހުރި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ސިފްކޯއާ ގުޅޭގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓުގެ މުހިއްމު ބައިތައް ވަނީ ހިއްސާކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓް އެޅުމަށް މަސައްކަތް ހަވާލުކޮށްފައިވަނީ މާޗް 28، 2014 ގަ އެވެ. ނަމަވެސް، ނޫމަޑިން މަސައްކަތް ފެށުމަށް ސައިޓަށް ތަކެތި ވައްދާފައިވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އޮކްޓޫބަރު، 2015 ގަ އެވެ.
"ސިފްކޯ އިން ނޫމަޑިއަށް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ 191.4 މިލިއަން ރުފިޔާގެ ތެރެއިން 125.93 މިލިއަން ރުފިޔާ ނޮވެމްބަރު 16، 2019 ގެ ނިޔަލަށް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ،" އެ ރިޕޯޓުގައި ބުންޏެވެ.
"އެ ފައިސާ ނޫމަޑިއާ ހަވާލުކޮށްފައިވާއިރު 1 ޑިސެމްބަރު 2023 ގައި ސިފްކޯ އާއި ނޫމަޑިއާއެކު އެކުލަވާލާފައިވާ މަސައްކަތުގެ އެއްބަސްވުމާއި ތާވަލާ އެއްގޮތަށް ނޫމަޑިން މަސައްކަތް ކޮށްފައި ނުވާ ކަމާއި ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ސައިޓުގައި ފެށުމާ ހަމައަށް ސިފްކޯއިން 89.5 މިލިއަން ރުފިޔާ ނޫމަޑިއާ ހަވާލުކޮށްފައިވޭ."
އެ މަސައްކަތް ކުރިއަށް ނުދިޔައީ ތާވަލާ އެއްގޮތަށް ސިފްކޯގެ ފަރާތުން ފައިސާ ނުލިބުމުން ކަމަށް ނޫމަޑިން ބުންޏަސް ސިފްކޯއިން ފައިސާ ދޫކޮށްފައިވާ ކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.
ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ، އެ އެއްބަސްވުން އުވާލުމަށް ނިންމުމުން 92.5 މިލިއަން ރުފިޔާ އަނބުރާ ދޭން ވެސް އެއްބަސްވި އެވެ. އެ ފައިސާ ހޯދުމަށް ސެޕްޓެމްބަރު 30، 2016 އިން ފެށިގެން މާޗް 30، 2017 އާ ހަމައަށް ފައިސާ ދެއްކުމަށް ފުރުސަތު ދިނެވެ. ފައިސާ ދެއްކުމުގެ ގޮތުން ޑޭޓެޑް ތިން ޗެކެއް ނޫމަޑިން ސިފްކޯ އަށް ފޮނުވާފައިވެ އެވެ.
ނޫމަޑިން ސިފްކޯއަށް ދައްކަން ޖެހޭ ފައިސާ، އޮގަސްޓް، 2019 ގައި ހެދި ސެޓުލްމެންޓް އެގްރީމެންޓްގެ ތެރެއިން އުނިކޮށްފައިވެ އެވެ. އެހެންވެ، އެ ކުންފުނިން ސިފްކޯ އަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އޭފްރީލް 2021 ގައި އަންގާފައިވެ އެވެ.
ސިފްކޯ ފްލެޓްތަކުގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެ މަސައްކަތް ފަހުން ނިންމީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ބަންޑާރަކޮށީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކައްކާ ކެއުން ތައްޔާރު ކުރުމުގެ މަސައްކަތް ސިފްކޯއާ ހަވާލުކުރީ ސެޕްޓެމްބަރު 2013 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ތަރުކާރީ އާއި މޭވާ އާއި ކަނޑުމަސް އަދި ކާޑުގެ ބާވަތްތައް ގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޕެޓީ ކޭޝްތައް، ތަކެތި ގަތުމަށް ހަވާލުވެފައި ހުންނަ އެމްއެންޑީއެފްގެ މުވައްޒަފަކާ ހަވާލު ކޮށްގެންނެވެ. އެގޮތުން ސެޕްޓެމްބަރު 30، 2013 އިން ޖޫން 22، 2015 ގެ ނިޔަލަށް 18.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރި ކަމަށް ވެސް އޮޑިޓްގައިވެ އެވެ.
"ބާޒާރުން ތަކެތި ހޯދުމާ ހަވާލުވާ މުވައްޒަފު، ތަކެތި ހޯދަނީ ލިބެން ހުންނަ ރަނގަޅު އަގުތަކެއްގައި ކަން ބެލުމަށް އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ބޭނުން ކުރަމުން ނުދާ މައްސަލައިގައި ތަރުކާރީއާ މޭވާ އަދި މަހުގެ ބާވަތްތަކަކީ، އޭގެ އަގުތަކަށް ބަދަލުތައް އަންނަ އެއްޗެހި ކަމަށާއި އެފަދަ ތަކެތި އާންމުކޮށް ކްރެޑިޓަށް ދޫނުކުރާ ކަމަށާއި ކްރެޑިޓަށް ދޫކުރަނީ ކޭޝް ޕްރައިޒަށް ވުރެ އަގު ބޮޑުކޮށް ކަމަށްވާތީ،" އެ ރިޕޯޓުގައި ވެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެކަން ހައްލުކުރުމަށް މޭވާ އާއި ތަރުކާރީ މިހާރު ބޭރުން ގެނެސްގެން، ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ސިފްކޯއިން ބުނެފައިވެ އެވެ. އަދި ޕެޓީ ކޭޝް ފައިސާއިން، ކެއުމަށް ބޭނުންވާ ހަރަދުތައް ހަމަޖައްސަނީ ސިފްކޯއިން ގެންގުޅޭ އާންމު އުސޫލުން ކަމަށާއި އަދި ކޯޕްރޭޓިވްގެ ޕްރޮކިއުމެންޓް ޕޮލިސީއެއް އެކުލަވާލާފައިވާ ވާތީ ކުރިއަށް އޮތްތަނުގައި ތަކެތި ހޯދާނީ އެ އުސޫލުގެ ތެރެއިން ކަމަށް ވެސް ސިފްކޯއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ބަންޑާރަކޮށި މެސް ރޫމްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކުންފުންޏެއް ހޯދާފައިވަނީ ވެސް އާންމުކޮށް އިއުލާނުކޮށްގެން ނޫން ކަމަށާއި އަދި އެ ހިދުމަތް ފޯރުކޮށްދޭ، ފަރާތްތަކުގެ އަގުތައް ވެސް ބަލައިގެން ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
"އެކަމަށް އެއްބަސްވެފައިވާ ގޮތަށް، މަސައްކަތާ ހަވާލުވި ކުންފުނިން މެސް ރޫމްތައް ބެލެހެއްޓުމަށް މުވައްޒަފުން ބޭތިއްބުމަށް އެއްބަސްވެފައިވާ އަދަދަށް މުވައްޒަފުން ބައިތިއްބަމުން ގެންދޭތޯ ކަށަވަރު ނުކޮށް، ހަވާލުވި ކުންފުނިން ހުށަހަޅާ ބިލްތަކަށް އޮކްޓޫބަރު 2013 އިން ޖޫން 2015 ގެ ނިޔަލަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މައްސަލަ،" އޮޑިޓް ރިޕޯޓުގައިވަނީ އެކަން ފާހަގަކޮށްފައިވެ އެވެ.
އެކަމަކު މިހާރު މުވައްޒަފުން ތިބެންޖެހޭ މިންވަރު ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް ސިފްކޯއިން މައުލޫމާތު ދީފައިވެ އެވެ.
ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިގެން އޮކްޓޫބަރު 2014 އިން ޑިސެމްބަރު 2014 އަށް 3.03 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ އަދަދުގެ 50 ޕަސެންޓު ފައިސާ ސިފްކޯއަށް ލިބިފައިވެ އެވެ. ބާކީ 50 ޕަސެންޓް ލިބުނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނި، ވެންޒައި އީސްޓް ކޯސްޓް ފަޔަވޯކްސް ކޮމްޕެނީ ލިމިޑެޓަށެވެ.
އޮޑިޓް ރިޕޯޓުގައިވަނީ އެ ކުންފުންޏާ އެކު ބަޑިބޭސް ރާއްޖެ ގެންނަން އެއްބަސްވިއިރު، މާކެޓުގައި އެކަން އެންމެ އަގުހެޔޮކޮށް ކުރަމުން އަންނަ ކުންފުނިތައް ބަލާފައި ނެތް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެހެން ކުންފުނިތަކުން ޕްރޮޕޯސަލް ވެސް ހުށަހަޅާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެނަ
14 August 2025
ސިފްކޯ ބައިވެރިވެގެން ހިންގާ ސެނަހިޔަ “ހޮސްޕިޓަލު”ވެސް އޮޑިޓުކުރަންވީ. ސިއްހީ ޚިދުމްތުދޭ އެހެން ތަންތަނަށް ވުރެ ރަނގަޅަށް އަގު އާސަންދައިން ކަވަރުކޮށްދިނީމާ، އެކަމުގެ ފައިދާ ބަލި މީހާއަށް ނުދީ، އެތަނަށް ދާ ސަރުކާރުގެ އެހެން ޑޮކްޓަރުންގެ ޖީބަށް ވަންނަގޮތަށް ބައްޓަން ކޮށްފަ މިއޮންނަނީ. ޔުނީފޯމުލައްވާފައިތިބޭ ޑޮކްޓަރުން އެކަށީގެންވާ އަދަދަކަށް ބަލި މީހުން ނުބަލާ، ހަމަ އެދާއިރާތަކުން ބޮޑު އުޖޫރަދީގެން ސަރުކާރު ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން މި ގެންދަނީ.
ސަލިމާ
14 August 2025
މުޅި ދައުލަތުގެ ހަރަދު ބޮޑުތަނުން ކުޑަވާނެ. ސިފްކޯ ، ޕޮލްކޯ އުވާލާ ނޫނީ ތަރުތީބު ކޮށްލަނިކޮށް
މުލޭ
14 August 2025
ފްލެޓްގައި ފާހަގަކޮށްފައި ތިޔަހުރީ ސިފްކޯގެ ބާރު ނުފޯރާ ކަހަލަ މައްސަލައެއް. ކޭޓަރިންގައި ޕެޓީކޭޝް ބޭނުންކޮށްގެން މުދާގަތުމަކީ މައްސަލައެއްތަ. ޕޮލިހާ އަޅާ ބަލާއިރު މައްސަލައަކަށް ވާކަހަލަ މައްސަލައެއް ނެތްކަމަށް ބެލެވެނީ.
ނިޒާމް ްއއ
13 August 2025
ނިޒާމްގެ ހަރުދަނާކަން
ޑޮކްޓާރ. ބަނާނާ
13 August 2025
ފުލުހުން ނާއި ސިފައިން ގެ އިދާރާ ކިލަނބުވެ ގަދަރާއި ހައިބަތު ގެއްލިގެން މިދަނީ މިތަންްތާގައި ހަދާފައިވާ ވިޔަފާރި ކުންފުނި ތަކުން ކަރަޕްޝަނަށް މަގުފަހި ވުމުން . މަޖިލިސް މެދުވެރިކޮށް މި އިދާރާ ތަނުގައި ވިޔަފާރި ނުކުރެވޭގޮތް ހައްދަވާ ކުންފުނި ތައް އުވާލުމަށް ރައީސް އަށް ދަންނަވަން! ޥ ވެދުން! .
އަހަންމާކަލޯ11
13 August 2025
އޮޑިޓު އޮފީސް އޮޑިޓު ކޮއްލީމާ ތިއެއް އިނގޭނީ... ފްލެޓްތަކުގައި މައްސަލަ އުޅޭ އެކަަމަކު ކޭޓަރިންގައި ތިނެގި މައްސަލަތަކެއް ދޯ؟ ތީދެން ތާކުންތާކު ޖެހޭ މައްސަލަތަކެއް ނޫނެއްނު
ސައިންސް
13 August 2025
ހާދަ ވާނުވާއޭ ދޯ؟؟؟ އޭގަ އެބުނަނީ ޕްރޮކިއުމަންޓް ޕޮލިސީއެއް ނެތް ވާހަަކައާ ޕެޓީކޭޝް ހަވާލުކުރާ ވާހަކަ..ޕެޓީކޭޝް ހަވާލުކުރުމުގެ ބަދަލުގަ ޕްރޮކިއުމަންޓް ޕޮލިސީއެއްގެ ދަށުން އެންމެ އަގުހެޔޮ އަދި އެންމެ ކޮލިޓީ ތަނަކުން ތަކެތި ގަތުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ރޫހު
ފޫހި
13 August 2025
ތިޔަ ސިފްކޯއާއި ޕޮލިކޯ އުވާލަބަލަ. ތިޔައީ ކޮރޮޕްޝަންގެ ހާލިތައް. ތިޔަ ޔުނީފޯމް ބޮޑީ ތަކުގެ މީހުން މިގައުމުގަ ޤާނޫނާ ޚިލާފުކަންކަން އެންމެ ގިނައިންކުރަނީ. ނިކަން ބަލާބަލަ ފްލެޓް ހޯދާގޮތް.
ފަނޑިޔާރު
13 August 2025
މިދެން ކިހާ ބޮޑު މުސީބާތެއް. ރައްޔިތުންގެ ލާރިތައް ހުރިހާ މުއައްސަސާ އަކުން ކާހުސްކުރަނީއެވެ. އެކަންކުރާބަޔަކަށް ޤާނޫނީ ފިޔަވަޅެއްވެސް އެޅެނީކީ ނޫނެވެ.
ބަބްސް
13 August 2025
ދިވެހިންނަށް އިންސާފް ލިބޭނީ އާޙިރަތް ދުވަހުން ކަމަށް ނިންމައިގެން މިހުރީ. ބަލާލި ކޮންމެ ދިމާލެއްގަ ވަގުން ...
އަޅިއަލީ
13 August 2025
ސިފައިންނާއި ފުލުހުންގެ ތެރޭގައި ކަރޮޕްޓް ވެރިންތައް ވަރަށްގިނަ އެކަމުގެ ސަބަބުން ދަށު ރޭންކްތަކުގެ މީހުން މިހާރު ރެސްޕެކްޓެއް ނުކުރޭ. އެގޮތަށް އެހެންވުމުގެ ސަބަބުން މިހާރު އެދެތަނުގެ އެތެރެ އޮތީ ބޮއްސުންލާފަ. ހާއްސަކޮށް ފުލުހުންގެތެރެ