އއ. ހިމަންދޫ ކައުންސިލް ރައީސް ހުޝާމް އިސްމާއިލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައިސް އޮފީސް
19 އޯގަސްޓް 2025 - 14:06
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަ ޖެހުނީ ބައެއް ކައުންސިލްތަކުން އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދިއުމުން ކަމަށް ހިމަންދޫ ކައުންސިލް ރައީސް ހުޝާމް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިމަންދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނޫސްބަޔާން ނެރުނު ކައުންސިލްތަކުގެ ތެރޭގައި ހިމަންދޫ ކައުންސިލް ވެސް ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބަޔާން ނެރުނު ސަބަބަކީ ކުރިން ކަންކަން ކުރަމުން އައި ފަސޭހަ ގޮތަށް އެ ކަންކަން ނުކުރެވޭނެ ކަމުގެ ބިރު އޮތުމާއި އެ އިސްލާހުގެ ސަބަބުން ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށް ވިސްނިވަޑައިގެންފައި އޮތުމުން ކަމަށެވެ.
އެ އިސްލާހު ގެންނަން ޖެހުނީ ބައެއް ކައުންސިލްތަކުން ސަރުކާރުން ދޭ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ.
"ދައުލަތުން ދޫކުރާ ހިލޭ ފައިސާ އިން ހިމަންދޫ ކައުންސިލުން ވެސް ކޮންމެ އަހަރަކު ތަޖުރިބާ ދަތުރެއް ކުރަން. ސްޓާފުންނަށް މޯޓިވޭޝަން ދަތުރެއްގެ ގޮތުގައި ރާއްޖެތެރޭގެ ކޮންމެވެސް ރަށަކަށް ދަން. އެހެން ނަމަވެސް އެބަތިބި އަހަރަކު ހަތަރެއް ނޫނީ ފަސް ފަހަރަށް ތަޖުރިބާ ދަތުރުތައް ކުރާ ކައުންސިލްތައް،" އޭނާ ވިދާޅުވި އެވެ.
"ބައެއް ކައުންސިލްތަކުން އެބަދޭ ރާއްޖެ އިން ބޭރަށް ވެސް. އެހެންވީމާ ގޯސްކޮށް ކަންތައްތައް ކުރަމުންދިޔަ ކައުންސިލްތަކުގެ ސަބަބުން ރަނގަޅަށް ހިނގައި ކައުންސިލްތަކަށް މިވީ ދަތިކަމަކަށް."
ރައީސް މުއިއްޒު އއ. ހިމަންދު އަށް މިއަދު ވަޑައިގަތުމުން މެމްބަރު ޒަރީރު މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހުޝާމް ވިދާޅުވިގޮތުގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުތަކަކީ ރަނގަޅު އިސްލާހުތަކެއް ކަމަށް އޭނާ އަށް ގަބޫލު ކުރެއްވެ އެވެ.
އާ އިސްލާހުތަކާ އެކު، ކައުންސިލްތަކުގެ ދައުރުގެ ތެރެއިން އެއް އަހަރު ގެއްލިއްޖެ ކަމަށް ބަޔަކު ބުނަމުންދިޔަ ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށާއި ހުއްދަ ނަގައިގެން ކޮންމެ ކަމެއް ވެސް ކުރުމަކީ ބުރައެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ އިސްލާހުން ބޭކާރު ހަރަދުތައް ކުރަމުންދިޔަ ކައުންސިލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ފުރުސަތުތަކެއް ފަހިވެފައިވޭ. ދައުރުގައި ބާކީ އޮތް މުއްދަތުގައި ވެސް ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން، ރައްޔިތުންގެ މަންފާ އަށް މަސައްކަތް ކުރައްވާނެ،" ހިމަންދޫ ކައުންސިލްގައި ތިން ވަނަ ދުއުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކުގެ ސަބަބުން ތަރައްގީ އަށް އެއްވެސް ހުރަހެއް ނޯންނާނެ ކަަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ހިމަންދޫއަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
ހުޝާމް ވިދާޅުވިގޮތުގައި، މިއިން ދުވަހަކު ލާމަރުކަޒީ ނިޒާމަށް ގެއްލުން ނުވާހާ މިންވަރަށް މިހާރު ގެއްލުން ލިބިފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ވެސް ނެތެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔް އާދިއްތަ ދުވަހުގެ ރެ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އަސާސީ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނެގުން ހުއްޓާލުމުން ހިދުމަތްތަކުގެ އަގު ހެޔޮވެ، އޭގެ ފައިދާ ވެސް ލިބޭނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު....
20 August 2025
އެމްޑީޕީ މީހުންނަށް މީހަކު ރަނގަޅުކަމެއްކޮށްފިއްޔަކާ ކަމަކުނުދާނެ. އިބުރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ކައުންސިލްތަކަށް ބާރުދިނީ ޗާޖަރުން ބެޓެރިއަށް ބާރުއަޅާގޮތަށް. އެބެޓެރީގެ ބޭނުންކުރެވެނީ އެ ބޭނުންކުރާ އެއްޗަކާ ގުޅުނީމަ. ހަމައެހެން އިބުރާހިމް މުހައްމަދު ސޯލިހު ކައުންސިލްތަކަށް ބާރުދިންދިނުން އެމީހުންތިބީ ހިރިނުލެވިފަ
ސާދަ
20 August 2025
މާލޭ ސަރުކާރުން މާބޮޑަށްވެސް ބަޖެޓް ނަހަމަގޮތުގައި ބޭނުންކުރާތީ ފެނޭ!
އެކްސްް
20 August 2025
މިމީހާއަށް ނޭނގުނުކަމަކީ މައިސަރުކާރުން ކުރަންމުންދާ ބޭކާރު ޚަރަދުތަކާއި، ބޭކާރު ދަތުރުތަކަށް ރައްޔިތުންގެ ފައިސާއިން މިލިއަނުން ޚަރަދުކުރަމުންދާކަން. އެކަމަކު، ފިޔަވަޅު އަޅަން މިއެނގުނީ ހަމައެކަނި ރާއްޖެތެރޭގެ ކައުންސިލްތަކަށް. މިވެސް އިންސާފު؟
ވޮޗްމޭން
19 August 2025
ރަށްރަށުގެ ރައްޔަތުން ހިތުހުރި ގޮތަކަށް ކަންކަން ކުރަން ފުރުސަތު ދީގެން ނުވާނެ. އެފުރުސަތު އޮންނަން ވާނީ މާލޭގައި.. އެހެން ކަމުން އަޅުގަނޑަށް ފެންނަނީ ރަށްރަށުގެ އާންމު ބިންތަކުގައި ހުރި ރުއްތަކުން ވެރޭ ކާއްޓާއި މަދު ގަސްތަކުން ވެރޭ މަދު ރައްޔަތުން ހޮވުން މަނާކޮށް މިތަކެތި ކައުންސިލުން ހޮވައި ކޮންމެ މަހަކު ގުނައި މާލެ ފޮނުވުމަށް. މިފަދަ ތަކެތިން ލިބޭ ފައިދާ ނަހަމަ ގޮތުގައި ރަށްރަށު ރައްޔަތުން މި ނަގަނީ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
ޤާނޫނުއަސާސީ ގައި ކިތަންމެ ރީތިކޮށް "އަދުލުއިންސާފު ޤާއިމްކުރުމަށާއި، ތަފާތުކުރުމެއްނެތި، ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ޙިއްސާކުރަން ބާރުއަޅާ ގަދައަމުރުން އަމުރުކޮށްފައި ވީކަމަށްވިޔަސް" މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރަން ތިބޭ އެރަށުބޮޑުން ބޭނުމެއްނުވޭ ޤާނޫނީހަމަތަކާއި އިންސާނިއްޔަތާއި ޚިލާފަށް ވޭތުވެދިޔަ 60 އަހަރު އެމީހުންޖަމާކުރި ބާރުވެރިކަމާއި ގެންގުޅެމުންއައި "އެއްރަށްދައުލަތް ސިޔާސަތުދޫކޮށް" ލާމަރުކަޒީ ބާރުވެރިކަން ދޫކުރާކަށް.
އަދުލު.
19 August 2025
ވަރަށް ސާފުކޮށް ވަރަށް ކުރުކޮށް ތިއޮތީ ހަޤީގަތް ބުނެދީފައި. އަފީފު ދީދީ އަށް ޝުކުރިއްޔާ.
ކައުންސެލަރު....
20 August 2025
ބުރަދާ މިތާ ކިތަންމެވަރަކަށް މާލޭސަރުކާރު މާލޭސަރުކާރު މާލޭސަރުކާރު ކިޔާފައި ގޮވިޔަކަސް ކަމަކުނުދާނެ. މިސާލު ބަހެއްގައި ބުނާތީ އަހަންތަ އިރުއަރާނީ ހާގޮވީމައޭ. ކުކުޅު ގޮވިޔަކަސް އިރެއްނާރާނޭ. ހީކުރަން އެއްޗެއް އެނގޭނެކަމަށް. ވަރަށްވެދުން