މިފެށީ ބުރަ މަސައްކަތެއް، ނިންމާލާނީ ކާމިޔާބުކުރުމަށްފަހު: ޝިފާޒް

ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން މި ފެށީ ރާއްޖެ އިސްލާހުކުރުމުގެ ބުރަ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ނިންމާލާނީ ކާމިޔާބުކުރުމަށްފަހު ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް އަދި އަދާލަތު ޕާޓީ ގުޅިގެން މިރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީ ހޯދުމަށް ދިވެހިން ކުރި ބުރަ މަސައްކަތް އަބަދުވެސް ހަނދާންކުރައްވާ ކަމަށެވެ. އެ ކަމަށް އެމްޑީޕީގެ މެމްބަރުން މުޅި ރާއްޖޭގައި އަޑު އުފުލި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މެމްބަރުން އެ މަސައްކަތްކުރަމުން ގެންދިޔަ. އެ މަޖިލީހުގެ ރިޔާސަތުގައި އޮނަރަބްލް ގާސިމް އިބްރާހިމް އިންނަވައިގެން އެ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި. ހަމަ އެއާއެކީ އެ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ހިކުމަތްތެރިކަން އެއީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އެކަމަށްޓަކައި އުފާކުރާ ކަމެއް،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ދިވެހިރައްޔިތުން އަނބުރާ ނުކުތީ އެ ބުރަ އުފުލުގައިގެން ހޯދި ގާނޫނު އަސާސީ ދިފާއުކުރުމަށް ކަމަށެވެ. އަދި އޭގައި ލިޔެފައިވާ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހަޅުތާލުކުރުމާއި ވަކިން ހާއްސަކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަޅުގަނޑުމެން ހޯދި ޖާގަ އަޅުގަނޑުމެން އަލުން އަނބުރާ ކަށަވަރުކުރަން ބޭނުންވީތީ،" އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ "އެކަންކަން ހާސިލްނުވާހާ ހިނދަކު އަޅުގަނޑުމެން ގެއަށްވަދެ މަޑުން ނުތިބޭނަން" ކަމަށެވެ.

"އަޅުގަނޑުމެން އަނެއްކާ ވެސް މިނުކުތީ އަޅުގަނޑުމެން ހޯދި ހައްގުތައް އަލުން އަނބުރާ ކަށަވަރުކުރުމުގެ އެބުރަ މަސައްކަތަށް. އެނގިވަޑައިގަންނަވާނެ މިވަގުތު ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރެއްވުމަށް ހުންނެވީ ކޮން ބޭފުޅެއްކަން... ދިވެހިރާއްޖޭގައި އުފެދުނު އެންމެ މަގުބޫލްކަންކުޑަ ލީޑަރު،" އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ މިހާރު ފަށައިގެން އުޅޭ މަސައްކަތަކީ ބުރަ މަސައްކަތެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އިނގޭ މިއީ ބުރަ މަސައްކަތެއްކަން. އިންތިހާއަށް ގޮންޖެހުން ކުރިމަތިވާނެކަން. ރައްޔިތުންގެ ތާއީދު ނެތް ވެރިއެއްގެ ވެރިކަން ހަމަމަގަށް އެޅުވުމަށްޓަކައި، އެވެރިކަން ޖަވާބުދާރީކުރުމަށްޓަކައި މަސައްކަތްކުރަން ނިކުންނައިރު ދިމާވާނެ ބައިވަރު ގޮންޖެހުންތައް އަބަދުވެސް ސިކުނޑީގައި ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.