ޝަހީމް ވިދާޅުވިގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަން ކަމަށް.
ރާއްޖޭގައި މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމް އަދި މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 އޯގަސްޓް 2025 - 10:49
ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެ ކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އެކުލަވައިލަމުން އަންނަނީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކިއެކި ޟަރޫރަތްތައް ފުއްދައި ދޭނެ ގޮތުގެ ތަސައްވުރު ކަމަށެވެ. އެހެންވެ، ކެބިނެޓަށް ހުށަހަޅާނެ ކަރުދާހެއް ތައްޔާރު ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ ޟަރޫރަތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެންނަށް ތަރައްގީ ކުރެވިއްޖެ ނަމަ އަޅުގަނޑަށް ޔަގީން ހެޔޮ މުޖުތަމައެއް ރާއްޖޭގައި އުފެދިގެން ދާނެ ކަން. ހަމަ އެހެންމެ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހުރި ކޮންމެ ބަޔަކީ ވެސް ހަމަ ތަރައްގީ ކުރެވޭނެ ބައެއް،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތުގެ ކަންތައްތަކެވެ. އެހެންވެ، ޝަހީމް ވިދާޅުވީ، މުޅި ގައުމު ނުފުދިގެން އުޅޭ މިފަދަ ޒަމާނެއްގައި ފަގީރުންނާއި މިސްކީނުންގެ "މި ޒަމާނުގެ މަފްހޫމެއް" ކަނޑައަޅަންޖެހޭ ކަމަށެވެ.
"އެއީ މީހުންނަށް ދިރިއުޅޭނެ ތަނެއް ލިބުމަކީ އެއީ ޝަރޫރަތެއް ހަޔާތުގައި. އޭނާ އަށް ތައުލީމު ލިބުމަކީ ހަޔާތުގައި ޝަރޫރަތެއް މި ޒަމާނުގައި. އެހެންވީމާ މި ކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ، ޒަކާތާ ގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގަައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއް ކަމަށާއި އެ ކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އެއީ މީހުންނަށް ދިރިއުޅޭނެ ތަނެއް ލިބުމަކީ އެއީ ޝަރޫރަތެއް ހަޔާތުގައި. އޭނާ އަށް ތައުލީމު ލިބުމަކީ ހަޔާތުގައި ޝަރޫރަތެއް މި ޒަމާނުގައި. އެހެންވީމާ މި ކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ،"--- މިނިސްޓަރު
އެއް ކާމިޔާބީއެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ޒަކާތު ބިލެވެ. އޭނާ ވިދާޅުވީ، އެ ބިލް ފަރުމާކުރީ "ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް" ކަމަށެވެ.
"އެހެންކަމުން މީގެ އެތައް އަހަރެއް ކުރިން އެކި ގައުމުތަކުގައި މި ދާއިރާގައި ތަހުސީސް ކުރެވުނު ގާނޫނުތަކަށް ވުރެ ދިވެހިރާއްޖޭގައި ޒަކާތުގެ ބިލް ނުވަތަ ގާނޫނު ވަރަށް ފުރިހަމަ ވާނެ،" އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.
އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެ ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައި ވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވުން ކަމަށެވެ. އަދި އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުގައި ނެތް ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"ދިވެހިރާއްޖޭގެ ޒަކާތުގެ ގާނޫނު ވުޖޫދު ވެގެން މި އަންނަނީ އިދާރީ މެނޭޖުމަންޓު، އިދާރީ ގޮތުން ޒަކާތް ހަވާލުވެ، ބެހުމުގެ އިދާރީ އިންތިޒާމުތަކާއި ޝަރުއީ ކޮމިޓީ ގާނޫނުގައި އެބައޮތް. އިންވެސްޓްމަންޓު އެޑްވައިޒަރީ ކޮމިޓީ ގާނޫނުގައި އެބައޮތް. އިންވެސްޓް ކުރާނެ ހަމަތަކާއި ގޮތްތައް އަދި ކުރިއަށް ދެވޭނެ މަގުތަކަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
އެހެންވެ، އެއީ ޒަކާތާ ގުޅޭ ކަންތައްތަކުގައި އާ އުސްމިނަކަށް ރާއްޖެ ގެންގޮސްދޭނެ ގާނޫނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޝަރުއީ، އިލްމީ އަސާސްތައް ވެސް ވެސް ބަޔާން ކޮށްފައި ވާނީ އެންމެ ފަހުގެ ތަޖުރިބާތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވިގޮތުގައި އެ ބިލް ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރާނެ ކަމަށް އުންމީދު ކުރެވޭއިރު، އެ ގާނޫނު ތަރުޖަމާކޮށް އެހެން ގައުމުތަކަށް ވެސް ފޮނުވާނެ އެވެ.
އޭނާ ވިދާޅުވީ، ޒަކާތުގެ ބިލް އެކުލަވައިލުމުގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސަށް އިލްމުވެރިން ދެއްވި ލަފަ އާއި އިރުޝާދުގެ ބޭނުން ހިފާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޗް
23 August 2025
ދިވެހި ދައުލަތަށް ދެކުމުގެ ބަދަލުގައި އަމިލަޔަށް ރަށުގެ ނިކަމެތިން ބަހާލުން ބުއްދިވެރި ގޮތެކަމުގައި ދެކެން
މަޖީދު
23 August 2025
ދިވެހިރާއްޖޭގައި ފަގީރުންކަމަށް ބަލާ މިންގަނޑަކީ ކޮބާ؟ އަދި އެމިންގަނޑު ކަނޑައަޅާފައިވަނީ ކޮން ހަމަޔަކުން؟ އާމްދަނީ ލިބޭ މިންވަރު ބަލަނީ ކިހިނެއް؟ ސަރުކާރު އޮފީހެއްގަ އުޅޭ މީހެއްވިއްޔާ ވަރަށް ފަސޭހަވާނެ އާމްދަނީ ލިބޭ ވަރު ބަލަން. އެކަމަކު މަސްވެރިން، ދަނޑުވެރިން، އެނޫންވެސް އަމިއްލައަށް މަސައްކަތް ކުރާ މީހުންނަށް ލިބޭ އާމްދަނީ މިންކުރަނީ ކިހިނެއް؟ ޝަހީމް ތީ އެންމެ ގިނައިން ފަޤީރުންގެ ވާހަކަ ދައްކަވާ ބޭފުޅާ ވީމަ ޝަހީމްގާތު މިސުވާލު މި ކުރަނީ
ދދދދ
23 August 2025
ޒަކާތު ހައުސް ސައިޓަށް ވަދެބަލަ
ދިއްދާ
23 August 2025
ސުބްޙާނައްﷲ... ލާރިގަނޑު ކާލާނެ މޮޅުގޮތެއް ހޯދާލީތާ. "ޝަހީމް ވިދާޅުވިގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަން ކަމަށް." ފައިސާއާއި ގުޅޭކަމެއްނު، ތިކަން ވާނެ. ޝަހީމް ހާސްނުވޭ.
ޙަސީނާާ
23 August 2025
ވަޒީފާތައް އިތުރުކޮށް ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދޭތޯ އުޅެބަލަ. އަބަދުވެސް ނާށިގަނޑު ހިފައިގެން އުޅޭ ވެލްފެއަރ ދައުލަތެއް ގޮތަށް ރާއްޖެ ބައްޓަންކުރަން ވެރިންގެ ވިސްނުން ހުންނަނީ ކީއްވެތަ. ހަމަ ރައްޔިތުން ކޮންޓްރޯލުކުރަން ފަސޭހަކަށްތަ؟
އޮނަރަބްލް އަފީފު ދީދީ
23 August 2025
ޒަކާތް ނަގަންޖެހޭގޮތާއި ޒަކާތް ނެރުމަށް ޝަރުތުހަމަވާ ގޮތާއި މިންވަރު އަދި ޒަކާތް ބަހާން ޖެހޭ ގޮތާއި ބައި އަޅަންޖެހޭ ގޮތާއި، ޒަކާތް ޙައްޤުވާ ފަރާތް ތައް ވަރަށް ސާފުކޮށް ހިސާބު އަކުރުން މުސްލިމުންގެ މައްޗަށް ޤުރުޢާނުގައި ވަނީ ކަނޑައަޅާ އަންގާ ބަޔާން ކޮށްދީފައި. ޝޭޙް އަށް މިކަން ރަނގަޅަށް އެގިވަޑައި ގަންނަވާނެ. މިހާރު އިތުރު ގޮތްތަކެއް އީޖާދު ކޮށްގެން އަނެއްކާ ކޮންފަދަ ގޮތަކަށް ޕްލޭން ކޮށްގެން ޒަކާތް ކުރިއަރުވަންތޯ ޝޭޙް ތިއުޅުއްވަނީ.
އޮނަރަބްލް އަފީފު ދީދީ
23 August 2025
ރާއްޖޭގައި މިހާރުވެސް ހިންގަމުން ގެންދާ 190 ރިސޯޓް އޮތް ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލް ތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ދިވެހި ރާއްޖޭގެ 5 ލައްކަ މީހުނަކީ ދައުލަތުގެ ސޯޝަލް ވެލްފެއަރ އާއި އިސްލާމް ދީނުގައި މުއްސަނދިންގެ އަތުން ފަޤީރުންނަށް ދިނުމަށް ނެރޭ ޒަކާތުން ދިރިއުޅެން ޖެހޭ ބައެއް ކަމަށް ހަދަން ޝޭޙް މެންގެ ވިސްނުން ހުރުމުން މިޤައުމުގެ މުސްތަޤްބަލާއި މެދު ޝޭޙް މެން ދެކޭގޮތް ވަރަށް ސާފުކޮށް ތަސައްވަރު ކުރެވިގެންދޭ.
ފިކުރުމަތުކަރޯ
23 August 2025
ޙަޤީޤަތުގައިވެސް ފަޤީރު ނޫން އެތައްބަޔަކު އެއީ ފަޤީރުން ކަމަށް ދައްކަން ސަރުކާރުން އެބަ ބޭނުންވޭ. އާސަންދައާއި އެންސްޕާއިންވެސް އެހީ ދެނީ އެމީހުން ބޭނުންވާ ވަކި ބަޔަކަށް.