ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިޔާ މޫސާ ރަޝީދު އެ ސަރަހައްދުން ދުރަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
27 އޯގަސްޓް 2025 - 14:13
މީޑިއާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ދެންމެ ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ހުރަސްއަޅައިފި އެވެ.
ފުލުހުން ވަނީ ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހުންނަ ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރި ބައެއް ނޫސްވެރިން ގަދަކަމުން އެ ސަރަހައްދުން ދުރަށް ޖައްސައި ފުލުހުންގެ ވެހިކަލަށް ވެސް އަރުވައިފަ އެވެ. ފުލުހުންގެ ވެހިކަލަށް އެރުވި ނޫސްވެރިންނަކީ "އަދަދު"ގެ ނޫސްވެރިން ކަމަށްވާ އާއިދު އަހްމަދާއި މުހައްމަދު ޝަހްޒާން އާއި "ދައުރު"ގެ މުޒައްޔިން ނާޒިމް އަދި "ސިޓިޒަން"ގެ މޫސާ ރަޝީދެވެ.
ފުލުހުންގެ ވެހިކަލަށް އެރުވި އެ ނޫސްވެރިން އޭގެ އިރުކޮޅެއް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން މިހާރު ވަނީ ރައީސް އޮފީސް ކައިރީގައި ބެރިކޭޑު ޖަހައި ނޫސްވެރިން ފަހަތަށް ޖައްސައިފަ އެވެ.
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އެ ސަރަހައްދުން ދުރަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫސްވެރިން މިއަދު އެންމެ ފުރަތަމަ އިހުތިޖާޖުކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގަ އެވެ. އަދި މަޖިލިސް ގެލެރީއަށް ވަދެ ވެސް ނޫސްވެރިން ވަނީ މި ބިލާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް މަޖިލީހަށް އެ ބިލު ބަލައިގަންނަން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ބަލައިގަތީ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެ ބިލު ބަލައިގަންނަން ނިންމީ އޭގެ ސަބަބުން މީޑިއާގެ ހައްގުތައް ގެއްލޭނެތީ ބިލް އަނބުރާ ގެންދަން އެތައް ޖަމިއްޔާއަކުން ގޮވާލާފައި ވަނިކޮށެވެ.
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިޔަކު އެ ސަރަހައްދުން ދުރަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބިލުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ އެއްކަމެއް ކުރާ ދެ މުއައްސަސާ ކަމަށާއި އެކަމަކު މީހުންގެ އަބުރުކަތިލަމުން އަންނައިރު އެއިން އެއްވެސް އިދާރާއަކުން ފިޔަވަޅު ނާޅާ ކަމަށެވެ.
އެހެންވެ، މީޑިއާތައް ހަމަ މަގަށް އެޅުމަށް މިއީ ކޮންމެހެން ވެސް ބޭނުން ބިލެއް ކަމަށް ބިލަށް ތައީދުކުރެއްވި މެމްބަރުން ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައިވެ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުުއްލަޑިބޭ
28 August 2025
މިހާރު ދެމީހަކު ތިންމީހަކު ވެގެން މިއުޅޭގޮތަކުން މަގުބަންދުކޮށް ތޮއްޖެހި ޢާންމު އުދަގުލަކަށް މިކަންވެއްޖެ. މިކަހަލަ ހަރަކާތްތައް ބާއްވަން ގުޅީފަލުން ތަނެއް ހާއްސޮކޮށް ވަށައިގެން ޓިނުޖަހަިއ ބޯފެނާއި ތަރުކާރީ އަޅާފައި ބަހައްޓާ. އެތާކު އުޅޭނެ ގޮތަކަށް އުޅެ ހަޅޭއްފަޅޭއްލާވާ ވަރުބަލިވީމަ ފެންވަރައިގެން ނިދާފާނެތާ. އާންމުނަށް މިވާ އުދަގުލުން ސަލާމަތްވެވުނީ.
ސަންގު 01
27 August 2025
މީތަ ރާއްޖެ އަށް ލިބުނު ޑިމޮކްރެސީ އަކީ؟ އަދިވެސް ފައިވާނަށް އެރީމަ ކުށްވެރިވާ ޒަމާން. ކުޑަ ނެގީމަ ކުށްވެރިވާ ޒަމާން. ބައްޔެއްނު !
ދޮން ބަފާ
27 August 2025
ބަލަ ކައޭމެން ބޭނުންހާ ތަނެއްގަ ބޭނުންހާ ވައްތަރަކަށް ނުތެޅެވޭނެ ދޯ. ކޮންމެވެސް ހައްދެއް ހުދޫދެއްވެސް އޮންނަން ވާނެތާ. ދޮން އަމާ ބުންޏަސް ގޮސް ރައީސް އޮފީސް ކައިރީ އިށީ އިނދެގެން ނުތިބެވޭނެ މުޅި ހިސާބު ގަނޑު ބްލޮކް އަރުވާފަ
ސަސަދަސ
27 August 2025
މުޒާހަރާ ނުކުރެވޭނެ ތަންތަނުގައި ނޫސްވެރިންނަށް މުޒާހަރާ ކުރެވޭނެ.
ހުތްއާދަނު
27 August 2025
ކޮންމެމީހަކުވެރިކަމުގައި ހުއްޓަސް ގްރީންޒޯނުގައި މުޒާހަރާކުރަން ދީގެން ނުވާނެ. މުޒާހަރާކުރަން ވަކިތަންތަން ކަނޑައަޅާފައި އޮންނައިރު، ހަޅޭލަވަން އެތަނަށް ދާންވީ.
މަގޭ
27 August 2025
ސެކިއުރީ ޒޯންގައިމުޒާހަރާ ކުރީމާ އެކަން ހުއްޓުވީމާ ސިފައިންނާ ފުލުހުން ނޫސް ވެރިންނަށް ހުރަސް އެޅީއެވެ. އެކަން ގޯހެވެ. ހަމަ މި ދުވަހު މުލިޔާގޭ ކުރިމަތީ ސެކިއުރިޓި ޒޯންގައި މުޒާހަރާކުރަން ފުރުސަތު ދިނީމާ ސެކިއުރިޓީ ފެއިލް ވީއެވެ. ސިފައިންނާ ފުލުހުނއނަށް ފިޔަވަޅުއަޅަނއ ވީއެވެ. ދވހނނަށް ހެޔޮ ހަމަ އެއްގޮތްވެސް އެބަ އޮތް ހެއްޔެވެ. މިއީ މިއަދުގެ ހާލަތެވެ.
ކަޅު ތުއްތު
27 August 2025
ނޫސްވެރިކަމުގެ ނަމުގަ ހުރިހާ ކަމަކަށް ބޭނިގަންނަން އުޅެންޏާ ވާނެ ތިހެންވެސް… އިކުގަ ތިބެބަލަ
ރަތީ
27 August 2025
ނޫސްވެރިއެކޭ ބުނީމަ އެ ނޫސްވެރިޔާއަށް ހީވާ ކަހަލަ އޭނާގެ މައްޗަށް ގާނޫނެއް ނުހިނގާނެޔޭ، ބޭނުން އެއްޗެކޭ ހަދާނީ، އެހެނެއް އެކަމެއް ނުވާނެކަން ނޫސްވެރިންވެސް ދަނަން ވާނެ..
އައްމަޓީ
27 August 2025
ނޫސްވެރިންނަށްވެސް އިމެއްވޭ، އިން ފަހަނައެޅީމަ އަދަބު އަންނާނެތާ
ާޚިމް
27 August 2025
މަޖީދިއްޔާ އަރަބިއްޔާ ސްކޫލް ކުދިން އުޅޭނެ ހާލު މި ހިތަށްއެރީ މިއަދު.