"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެކަމާ ގުޅުވައިގެން ސުވާލުކުރި މައްސަލާގައި އަދަދު ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މާދަމާ ކޯޓަށް ހާޒިރުވާން އަންގަައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. 

އެގޮތަށް އަމުރު ނެރެފައިވަނީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. 

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ މާލަމުން ނިކުތުމަށް އޭނާ އަށް އަންގަވައިފަ އެވެ. އޭނާ އެ މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގަ އެވެ. 

އެހެންވެ، ޝަހުޒާންގެ މައްސަލަ ބަލައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް މާދަމާ މެންދުރު ކްރިމިނަލް ކޯޓަށް ހާޒިރުވާން މިރޭ ޝަހުޒާނަށް ވަނީ އަންގައިފަ އެވެ.

ޝަހުޒާން ކޯޓަށް ހާޒިރުވުމަށް އެންގިއިރު، ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން އެ ނޫހުން ހަބަރު ގެނެސްދިން ގޮތުން، އެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާލް އަލީ ނަސީރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން އޮތީ އަންގައިފަ އެވެ. 

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ކުރިން ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ މީހުން ތަހުގީގު މަރުހަލާގައި ނިންމީ ހަނު ތިބުމަށެވެ. އެއީ މަސްދަރު ހިމާޔަތް ކުރުމަކީ ލިބިދޭ ހައްގެއް ކަމަށްވާތީ ކަމަށް ބުނެ އެވެ.